ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ 2 ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ޚަރަދުގައި ކަރަންޓްލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިންމައިފިއެވެ.

ސްޓެލްކޯއިން މިފަދައިން ބުނެފައިވަނީ ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ޚަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ރޭ ނިންމުމާ ގުޅިގެން ކޮށްފައިވާ ޓުވީޓެއްގައެވެ.

ސްޓެލްކޯއިން މި ނިންމުން ނިންމާފައި މިވަނީ، އެ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ކަރަންޓުގެ ޚިދުމަތްތައް އެޗްޑީސީގެ ފަރާތުން ގުޅައި ނުދެވުނަސް ވަގުތީ ހައްލެއް ހޯދައިގެން އަންނަ ޖުލައިމަހު އެކުންފުނީގެ ފްލެޓްތަކަށް މީހުން ވައްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ދެއްވާފައި ވަނިކޮށެވެ.

އެ ކުންފުނިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯރކް ގާއިމު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ވަނީ ލަސްވެފައެވެ.

ދެވަަ ފިޔަވަހީގެ ކަރަންޓް ނެޓްވޯރކް ގާއިމުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނެފައިވަނީ އެ ނެޓްވޯރކަކީ އެޗްޑީސީން ބްރައުންސް ސީއެމްއީސީއަށް ކޮންޓްރެކްޓް އުސޫލުން ސްޓެލްކޯގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

މިމަޝްރޫއުގައި ސްޓެލްކޯގެ މަސްއޫލިއްޔަތަކީ އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަޝްރޫއުގެ ޑިޒައިންތައް ބަލައިފާސްކޮށް، ޓެކްނިކަލް ކޮންސަލްޓެންސީ ދިނުމެވެ.

ސްޓެލްކޯއިން މިހާރު ކުރަމުންދަނީ އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުގެ ޑިޒައިން ބަލައިފާސް ކުރުމާއި މައި ސަބްސްޓޭޝަން ފައުންޑޭޝަންގެ އަމަލީ މަސައްކަތް ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށުމުން ވަގުތީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދެވޭނެ ގޮތްތަކެއް ހޯދުމަށް ސްޓެލްކޯއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެ އަވަށުގައި ހުރި އަމިއްލަ މީހުންގެ އިމާރާތްތަކަށް އެ ބަޔަކާ ސްޓެލްކޯއާ ދެމެދު ވެވޭ އެއްބަސްވުމަކުން ވަގުތީ ގޮތުން މިހާރު ވަނީ ކަަރަންޓް ފޯރުކޮށްދީފައެވެ.

ސްޓެލްކޯގެ އަމިއްލަ ޚަރަދުގައި ކަރަންޓްގެ ކަންކަން ކުރަން އެ ކުންފުނިން ނިންމިއިރު، އެޗްޑީސީން މީގެކުރިން ބުނެފައިވަނީ، ކަރަންޓް ނެޓްވޯރކް ގާއިމުކުރުމުގެ މަޝްރޫއުގަ ހުރި ދަތިތަކާ ހެދި އަމަލީ މަސައްކަތް ލަސްވެފައި ވީނަމަވެސް ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެޓްތަކަށް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ކަރަންޓްގެ ޚިދުމަތް ދެވޭވަރު ވާނެކަމަށެވެ.