މިއަހަރުގެ ފުރަތަމަ ތިންމަހު ދައުލަތުން އެކި ކަންކަމަށް ނެގި ލޯނުތަކާއެކު ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފަހު ކުއާޓާއާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތުގެ ދަރަނި ވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އެ މުއްދަތުގެ ތެރޭގައި ދައުލަތުން 4.8 ބިލިއަން ރުފިޔާގެ އިތުރު ލޯނު ނަގައިފާ ވާއިރު ސޮވެރިން ގެރެންޓީ ނުހިމަނާ ދައުލަތުގެ ދަރަނި ހުރީ 85 ބިލިއަން ރުފިޔާގައެވެ.
ފިނޭންސް މިނިސްޓްރީއިން ބުނީ މިވަގުތު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 87 ބިލިއަން ރުފިޔާގައި ކަމަށާއި އެ އަދަދަކީ މިދިޔަ އަހަރު ނިމުނުއިރު ހުރި އުފެއްދުންތެރިކަމުގެ 10 ބިލިއަން ރުފިޔާ ދަށް އަދަދެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އެތެރޭގެ 52 ބިލިއަން ރުފިޔާގެ ދަރަންޏާއި ބޭރުގެ 33 ބިލިއަން ރުފިޔާގެ ދަރަންޏެވެ.
ފާއިތުވި ތިންމަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް އައި ކުރިއެރުމާއި ގުޅިގެން ދައުލަތުގެ ދަރަނި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ވަނީ 97 ޕަސެންޓަށް ކުޑަވެފައެވެ. މިއަދަދު މިދިޔަ އަހަރު ނިމުނު އިރު ހުރީ 104 އިން ސައްތައިގައެވެ.
ދައުލަތުގެ ދަރަނި މި އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 އިންސައްތައެވެ.
މިދިޔަ އަހަރަށް ވުރެ މިއަހަރު ރާއްޖޭގެ ދަރަނި 9.6 ޕަސެންޓް މަތިވާނެ ކަމަށް އެމްއެމްއޭއިން މީގެ ކުރިންވެސް އޮތީ ލަފާކޮށްފައެވެ.