ގަވާއިދާ ޚިލާފަށް ރުއްގަސް ނަގާނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގަވާއިދެއް ގެޒެޓްކޮށްފިއެވެ.

"ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގަވާއިދު" މި ނަމުގައި ގެޒެޓްކޮށްފައިވާ ގަވާއިދަށް އަމަލުކުރަން ފަށާފައިވާއިރު، މި ގަވައިދުގައި ވަނީ ކެނޑުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުހުން ހުއްދަ އަދި ހުއްދަ ނޫން ގިންތިތައް ބަޔާންކޮށްފައެވެ.

ގަވައިދުގައިވާާ ގޮތުން އެއްވެސް ރަށަަކުން 50 ނުވަތަ އެއަށްވުރެ މަދު ރުއް ގެންދަން ވާނީ ލިއުމުން ހުއްދަ ހޯދައިގެންނެވެ. އަަދި ރުއްގަސް ގެންދާނަމަ ގެންދަން ވާނީ އެތަކެތި ނަގާއިރު މޫގަނޑުގައި ހަރުލާފައިވާާ ކަޅުފަސް ނޫނީ ނުހިމެނޭ ގޮތަށެވެ.

އެއްވެސް ރަށަކުން ހުއްދައާއި ނުލައި ރުއްގަސް ގެންދާނަމަ ޖޫރިމަނާާ ކުރެވޭނެއެވެ. އަދި މިގޮޮތަށް ގެންދާ ރުއްގަސް ބަލަައިގަންނަ ފަރާތްވެސް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އެ ގޮތުން އެންމެ ފުރަތަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެއަށް ފަހު ތަކުރާރުވާ ކޮންމެ ފަހަރަކަށް 50،000 އިތުރުކޮށް ޖޫރިމަނާކުރެވޭނެއެވެ.

ދެވަނަ ފަހަރަށް ގަވާއިދާ ޚިލާފު ވެއްޖެނަމަ 100،000 ރުފިޔާ އަދި ތިން ވަނަ ފަހަރުނަމަ 150،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، ރުއްގަސް ގެންދާއިރު ހުއްދަވާ މިންވަރަށް ވުރެ އިތުރަށް ކަޅުވެލި ގެންގޮސްފިނަމަ ނުވަތަަ ރުއްގަސް ނަގާ ވަޅުގަނޑަށް ކުނި ނުވަތަ ލޮނު ވެލި އަޅައިފިނަމަ ޖޫރިމަނާ ކުރެވޭނެ މިންވަރާއި، ރުއްގަސް ނެގުމާބެހޭ މައުލޫމާތު ކަނޑައެޅިފައިވާ މުއްދަތުގައި ނުފޮނުވުމާއި ރިޕޯޓު ނުކޮށްފިނަމަ ޖޫރިމަނާ ކުރެވޭނެ މިންވަރުވެސް ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.