ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ސަސްޕެންޑް ކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މެމްބަރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ގާނޫނުއަސާސީގައި އެ މާއްދާތައް ލިޔެފައިވަނީ ގައުމުގެ އިގްތިސާދު ނަގަހައްޓައި ސަރުކާރުން ނަގަމުންދާ ލޯނުތައް ވަކި މިންގަނޑެއްގެ ތެރޭގައި ހިފަހައްޓައި ހަރުދަނާ އިގްތިސާދީ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށާއި، ދުނިޔެ ގަބޫލުކުރާ އެކައުންޓިންގެ ހަމަތަކަށް ތަބާވެ ގައުމުގެ އިގްތިސާދުގެ މައި ތަނބު ރޫޅިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

އެ ގާނޫނުގެ މާއްދާގެ އަކުރުތައް ސަސްޕެންޑްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، އިގްތިސާދަށާއި ދައުލަތުގެ މާލިއްޔާއަށް ބޮޑު ހީނަރުކަމެއ ކުރިމަތިވެފައިވާކަން ފިނޭންސް މިނިސްޓްރީއަށް ފާހަގަކުރެވިގެން ކަމަށް ގާރުގައިވެއެވެ.

މިހާރު ކޮވިޑް-19 ގެ ހާލަތު ބަދަލުވެ، ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ދުނިޔޭގައިވެސް ޕެންޑެމިކްގެ ހާލަތު ނެތްކަން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިންވެސް އިއުލާންކޮށްފައިވާކަން ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން، 2022 ވަނަ އަހަރު ރާއްޖޭގެ ޖީޕީޑީ 13 އިންސައްތަ ކުރިއަރާނެ ކަމަށާއި، 2023 ވަނަ އަހަރު 9.7 އިންސައްތަ ކުރިއަރާނެ ކަމަށް އިގްތިސާދީ ވަޒީރު ވިދާޅުވެފައި ވާތީއާއި، ރާއްޖޭގެ އިގްތިސާދު ކުރިއަށް ދަނީ ރަނގަޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެފައިވާތީ މިހާލަތުގައި އެމާއްދާތައް ސަސްޕެންޑްކޮށްފައި އޮތުމުގެ ބޭނުމެއް ފެންނަން ނެތްކަމަށް ގަރާރުގައިވެއެވެ.

މީގެއިތުރުން، މި މާއްދާތައް ހިފަހައްޓާފައި އޮތުމުގެ ސަބަބުން ފިނޭންސް މިނިސްޓްރީން ކުރަމުންދާ ކަންކަން މޮނިޓަރ ކުރުމުގެ ފުރުސަތު ތިންވަނަ ފަރާތަކަށް ނުލިބުމާއި، މިކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، ސަރުކާރުން ބޭނުންވާހާ ގޮތަކަށް ރައްޔިތުންގެ ބަހެއްނެތި ހިތުހުރި ގޮތަކަށް ލޯނު ނެގުމާއި އަދި ދަރަނި ދެއްކުމަށް ލޯނު ނެގުންފަދަ އިގްތިސާދަށް އޭގެ ނުރައްކާ ކުރިމަތިވާފަދަ ކަންކަން ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށާއި، އެކަމުގެ ސަބަބުން ދިވެހި ގައުމަށާއި، ރައްޔިތުންނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.