ސްރީލަންކާގައި 48 ގަޑިއިރުގެ ތެރޭގައި ބަޑިޖެހުމުގެ ތިން ހާދިސާ ހިނގައި، 3 މީހުން މަރާލައިފިއެވެ.

ސްރީލަންކަގެ ދެކުނުގެ އަހަންގަމާގައި ހެނދުނު ބަޑިޖަހައި އުމުރުން 27 އަހަރުގެ ޒުވާނަކު ވަނީ މަރާލާފައެވެ.

ފުލުހުން ބުނެފައިވަނީ، ބަޑިޖަހައި މަރާލާފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައެއްގައި ހިމެނޭ ޒުވާނެއް ކަމަށާއި، އޭނާ ދޫކޮށްލާފައި ހުރީ ބެއިލްގެ ދަށުން ކަމަށެވެ.

މިއީ، ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ސްރީލަންކާގައި ހިނގި ބަޑިޖެހުމުގެ ތިންވަނަ ހާދިސާއެވެ.

ސްރީލަންކާގެ ނިރްމަލަ ނަވަތަ ސަރަހައްދުގައި އިއްޔެވަނީ، އުމުރުން 31 އަހަރުގެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ.

އަލުތުގަމަގެ މަރަގައްލަ ސަރަހައްދުގައި އިއްޔެގެ ހެނދުނާ ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ޒަޚަމްވި އުމުރުން 42 އަހަރުގެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް ވަނީ މަރުވެފައެވެ.

މިހާދިސާގައި މަރުވެފައިވަނީ، ސްރީލަންކާގެ ނާކޮޓިކްސް ބިއުރޯއިން އަތުލައިގަތް މަސްތުވާތަކެތި، އެ ތާނގެ އޮފިޝަލުންތަކެއް އަލުން ވިއްކި މައްސަލައެއްގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކެއް ކަމަށް މީޑިއާއިން ބުނެއެވެ.

ފުލުހުން މިހާރުވަނީ، ބަޑިޖެހުމުގެ ހާދިސާތަކުގައި ހިމެނޭ މީހުން އަތުލައިގަތުމަށް ފުލުހުންގެ 10 ޓީމެއް އެކުލަވާލައި ރަށުތެރެއަށް ނެރެފައެވެ.

ނިމުނު މެއިމަހުގެ 30 ވަނަ ދުވަހުވެސް ކޮޅުނބުގައި މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައި ވެއެވެ.

ސްރީލަންކާގެ އެކި ހިސާބުތަކުގައި އޭގެ ކުރިންވެސް ބަޑިޖަހައި މީހުން މެރުމުގެ ހާދިސާތައް ހިނގާފައި ވެއެވެ. މިކަން އިތުރުވަމުން ދިއުމާއި، ސަލާމަތީ ބާރުތަކަށް މިފަދަ ހާދިސާތައް ނުހުއްޓުވޭތީ އާންމުންގެ ފާޑުކިއުންތައް އަމާޒުވަމުންވެސް އެބަދެއެވެ.