ޔޫކްރެއިންގެ ވެރިރަށް ކިޔޭވްގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފިއެވެ.
ކިޔޭވްގެ މޭޔަރ ވައިޓަލީ ކްލިޝެކޯ ވިދާޅުވީ، ވެރިރަށުގެ ޑާރނިސްކީއާއި، ނިޕްރޮސްކީ އަވަށުގެ އެކި ތަންތަނުގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމަށެވެ. މީހުން ސަލާމަތްކުރާ ޓީމުތަކުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކަމަށްވެސް ވިދާޅުވިއެވެ.
ގޮވުންތަކުގެ ސަބަބުން އެ ސަރަހައްދުތަކުން ބޯ ދުން އަރަމުންދާ މަންޒަރުތައް މީޑިއާއިން އާންމުކުރަމުން އެބަގެންދެއެވެ.
މިއަދުގެ ގޮވުންތަކުގެ ސަބަބުން މީހަކަށް ކަމެއް ވީކަމެއް އަދި ރިޕޯޓް ކޮށްފައެއް ނުވެއެވެ.
ގޮވުންތަކުގެ ތަފްސީލެއް ނުލިބުނު ނަމަވެސް، ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވަނީ، ރެއިލްވޭ ވިއުގަތަކަށް ރަޝިޔާ ސިފައިން ބޮން އަޅަމުންދާ ކަމަށެވެ.
ޔޫކްރެއިންގެ އެކި ރަށްތަކަށް ރަޝިޔާ ސިފައިން ބޮންއަޅައި ބޮޑެތި ގެއްލުންތައް ދެމުންގެންދިޔަ ނަމަވެސް، ވެރިރަށް ކިޔޭވެ ވޭތުވެދިޔަ ހަފްތާތަކުގައި އޮތީ ހަމަހިމޭންކޮށެވެ.
ވެރިރަށް ހަމަހިމޭން ވެގެންދިޔައީ، ރަޝިޔާ ސިފައިން ޔޫކްރެއިންގައި ހިންގާ އަސްކަރީ އޮޕަރޭޝަންގެ ފޯކަސް، ޔޫކްރެއިންގެ އިރުމައްޗާއި، ދެކުނަށް އަމާޒުކުރި ހިސާބުންނެވެ.
ރަޝިޔާ ސިފައިން މިހާރު އެންމެ ވަރުގަދައަށް ހަމަލާތައް ދެމުންގެންދަނީ ޔޫކްރެއިންގެ ސިވިއެރޮޑޮނެސްކް ހިފުމަށެވެ.
އެރަށުގެ ބިމުގެ 70 އިންސައްތަ ރަޝިޔާ ސިފައިން ހިފި ނަމަވެސް، ޔޫކްރެއިން ސިފައިން ރައްދު ހަމަލާތައްދީ ރަޝިޔާ ސިފައިން ފަހަތަށް ޖައްސައި، އެރަށުގެ ބޮޑު ސަރަހައްދެއް އަލުން އަނބުރާ ހިފާފައިވާ ކަމަށް ވެއެވެ.
ސިވިއެރޮޑޮނެސްކްގެ އެއްބައި ރަޝިޔާ ސިފައިން ކޮންޓްރޯލް ކުރާކަމަށް ރަޝިޔާއިން ބުނާއިރު، އަނެއްބައި ކޮންޓްރޯލް ކުރަނީ ޔޫކްރެއިން ސިފައިން ކަމަށް ޔޫކްރެއިނުން ގެންދަނީ ބުނަމުންނެވެ.