ބަނގްލަދޭޝްގައި މުދާއުފުލާ ކޮންޓެއިނަރ ބަހައްޓާ ޑެޕޯއެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 38 މީހުން މަރުވެއްޖެއެވެ.

މިހާދިސާގައި އެތައްސަތޭކަ ބަޔަކު ޒަޚަމްވި ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުއެވެ.

މިހާދިސާގައި ތިންސަތޭކަ އެތައް ބަޔަކު ޒަޚަމްވުމާއި، ޒަޚަމްވި ބައެއް މީހުންގެ ހާލު ސީރިއަސްކަމުން މިހާދިސާގައި މަރުވާ މީހުންގެ އަދަދުތައް އިތުރުވާނޭ ކަމަށް އޮފިޝަލުން ލަފާ ކުރައްވައެވެ.

ކޮންޓެއިނަރ ޑެޕޯގައި ބާރުގަދަ ގޮވުން ގޮވުމާއެކު ވަރަށް ބޮޑަށް އަލިފާން ރޯވެފައި ވެއެވެ. އަދިވެސް އަލިފާންގަނޑު ނިއްވާނުލެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅެނިކޮށް ސާޅީހަށްވުރެ ގިނަ ފަޔަރ ފައިޓަރުންނަށް އަނިޔާވެފައިވެސް ވެއެވެ.

ކޮންޓެއިނަރ ޑީޕޯގައި އަލިފާން ރޯވީ ކެމިކަލް ރައްކާކޮށްފައި ހުރި ކޮންޓެއިނަރއެއް ގޮވައިގެން ކަމަށް ބަނގްލަދޭޝްގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވެއެވެ. އަލިފާން ނިއްވަން އުނދަގޫވެގެން އުޅެނީ އެހެންވެ ކަމަށްވެސް ވިދާޅުވެއެވެ.

މިހާދިސާ ހިނގާފައިވަނީ، ސިޓަކުންޑާގައި ހުންނަ ކޮންޓެއިނަރ ޑީޕޯގައެވެ. އެތަނުގައި ގާތްގަނޑަކަށް 4،000 ކޮންޓެއިނަރ ހުރިކަމަށް ވެއެވެ. ގިނަ ކޮންޓެއިނަރތައް ހުރީ، ހުޅަނުގެ ގައުމުތަކަށް ފޮނުވަން ފޭރާމުގެ ބާވަތްތައް އަޅައި ފުރާފައެވެ.