ސަރުކާރުން ދައުލަތުގެ ދަރަނީ އިތުރުކޮށްލީ ސިޔާސީ ނާޗަރަންގީއަށް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިންމަހު ދައުލަތުން އެކި ކަންކަމަށް ނެގި ލޯނުތަކާއެކު ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް އަރައެވެ.
އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑަޒަނުން ސިޔާސީ މަގާމުތަކަށް ހަރަދުކުރަން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ކުރިން ވިދާޅުވި ނަމަވެސް އެއީ ހިޔާލީ ފޮލައެއްކަން މިހާރު އެނގިފައިވާ ކަމަށެވެ.
އެގޮތުން، މީގެކުރިން 400 ސިޔާސީ މަގާމު އޮތް ނަމަވެސް މިހާރު އެ އަދަދު ތިން ގުނަ އިތުރުވެ މިއަދު 1،300 އަށް ވުރެ ގިނަ ސިޔާސީ މަގާމް އުފައްދާފައިވާ ކަމަށް ޑރ. ޖަމީލްގެ ޓްވީޓުގައި ވެއެވެ.
މީގެއިތުރުން، ޑރ. ޖަމީލް ވިދާޅުވީ އެކަމުން އެނގިގެން ދިޔައީ 37 ބިލިއަން ރުފިޔާގެ ދަރަނި އިތުރުކޮށްލީ ސިޔާސީ ނާޗަރަންގީއަށްކަން ކަމަށާއި، އޭގެ ނަތީޖާއަކީ ގައުމު އިފްލާސްވާއިރުވެސް ސަރުކާރު ޣާފިލުވެ ހަދާނެގޮތް ނޭނގިފައި އޮތުން ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 33.5 ޕަސެންޓަށް ވެއްޓުނު ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީ 50 އިންސައްތަ ދަށަށް ދިޔަ ނަމަވެސް، މިއަހަރު ރާއްޖޭގެ ޖީޑީޕީ 13 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް، 2023 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް ހުސްވެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ރާއްޖެއަށް އެބައޮތް ކަމަށް ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް ޖޭޕީ މޯގަން ޗޭސްއިން ވަނީ ބުނެފައެވެ.
ދައުލަތުގެ ދަރަނި މި އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 އިންސައްތައެވެ. މިދިޔަ އަހަރަށް ވުރެ މިއަހަރު ރާއްޖޭގެ ދަރަނި 9.6 ޕަސެންޓް މަތިވާނެ ކަމަށް އެމްއެމްއޭއިން މީގެ ކުރިންވެސް އޮތީ ލަފާކޮށްފައެވެ.