ތިމާވެށި ހިމާޔަތްކުރުމަށް ދިވެހިންގެ ފެންވަރުގައި ކުރެވެން ހުރިކަންކަން ކުރުމުގައި އެންމެހައި ދިވެހިން ބައިވެރިވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ގޮވާލައްވައިފިއެވެ.

މިކަމަށް އެމަނިކުފާނު ގޮވާލައްވާފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސް ވިދާޅުވީ މިބިމުގެ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ، މިބިންމަތީގައި އިންސާނީ ދިރުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައިއެވެ.

ދިވެހީންގެ އަމަލުތަކުން ކަނޑުތައް ތަޣައްޔަރު ނުކުރުމާއި، ގޮނޑުދޮށްތަކާއި ފަރުތައް ހަލާކު ނުކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަންދިނުމާއި، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ދިރިއުޅުމުގެ ބޭނުންތަކަށްޓަކައި، މާހައުލީ ނިޒާމަށް ގެއްލުން ނުދިނުމާއި ގަސްތައް ކަނޑައި ހުސްނުކުރުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެވިއެވެ.

ރައީސް ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމާއި އެކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ވާހަކައަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މިހާރު ދެކެވޭ ވާހަކަތަކެކެވެ. އަދި، ތިމާވެށީގެ ނުރައްކާތަކާ ސީދާ ގޮތުން ކުރިމަތިލާން ނުޖެހޭ އެންމެ ގައުމެއްވެސް މިހާރު މި ބިންމަތީގައި ނެތުމުގެ ސަބަބުން ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަކީ، އަދި އެކަމަށްޓަކައި މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ ފަރުދެއްގެ ވާޖިބަކަށް އަދި ކޮންމެ ގައުމެއްގެ މަސްއޫލިއްޔަތަކަށް މިހާރު ވެއްޖެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ހައްލުތަކާއި އެ ހައްލުތައް ހޯދާނެ ޓެކްނޮލޮޖީ މިހާރު ފަހިވެފައިވާކަމުގައި ވިދާޅުވަމުން ރައީސް ވަނީ ދުނިޔެ ހޫނުވުމަށް މެދުވެރިވާ އާދަތައް ބަދަލުކޮށްލުމަށްޓަކައި ބޭނުންވަނީ، ދުނިޔޭގެ ފެންވަރުގައި އަދި ޖަމާއީ ގޮތެއްގައި ފިޔަވަޅުތަކެއް އެޅުންކަމުގައި ފާހަގަކުރައްވާފައެވެ.

ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން، ދުނިޔެ ހޫނުވަމުންދާ މިންވަރަށާއި، އެކަމުގެ ސަބަބުން މިބިމުގެ މާހައުލީ ނިޒާމަށް ލިބޭ ގެއްލުންތަކަށް ބަލާއިރު، މިކަން ޙައްލުކުރުމަށް މަސައްކަތް ކުރުމުގައި، ކުޑަ ޤައުމެއް ނުވަތަ ބޮޑު ގައުމެއް ތަފާތުކުރެވޭކަށް ނެތް. ވިހަ ގޭސްތައް ބޭރުކުރާ ޤައުމުތަކާއި ނުކުރާ ޤައުމުތައްވެސް ތަފާތުކުރެވޭކަށް ނެތް. މިބިންމަތީގައި ދިރިއުޅޭ އެންމެން އެކުގައި މިކަމަށް މަސައްކަތްކޮށްގެން ނޫނީ، ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރެވޭކަށް ނެތް."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

ރައީސް ވިދާޅުވީ މިކަން ހައްލުކުރުމަށް މަސައްކަތް ކުރުމުގައި، ކުޑަ ގައުމެއް ނުވަތަ ބޮޑު ގައުމެއް ތަފާތުކުރެވެން ނެތްކަމަށާއި، މިބިންމަތީގައި ދިރިއުޅޭ އެންމެން އެކުގައި މިކަމަށް މަސައްކަތްކޮށްގެން ނޫނީ، ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރެވެން ނެތްކަމުގައި ރައީސް ވަނީ ހާމަކުރައްވާފައެވެ.