ތިރީގައި މިވަނީ، ވާހަކަ ލިއުންތެރިޔާ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.

*****

އަހަރެން އަބަދުވެސް ހިތަށް އަރާ ސުވާލުތަކެއް އޮވެއެވެ. އަހަރެންގެ އަސްލު މަންމައާއި ބައްޕަ ކޮބައިބާވައެވެ. އެމީހުން އަހަރެންދެކެ ލޯބި ނުވަނީ ހެއްޔެވެ. އެމީހުން އަހަރެން ދެކިލަން ބޭނުންވާނެބާއެވެ. އަހަރެން ވައްތަރުވާނީ މަންމަ އާއި ނުވަތަ ބައްޕައާއި ބާވައެވެ. އަހަރެންނާއި ބައްދަލުވުމުން އެމީހުން އުފާވާނެބާވައެވެ. އަހަރެންގެ ގައިގާ އެމީހުން ބައްދާލާނެބާވައެވެ. އަހަރެންގެ މަންމައާއި ބައްޕަ އަހަރެން ބޭނުންނުވީ ކީއްވެބާވައެވެ. އަހަރެން އެޑޮޕްޝަންއަށް ދިނީ ކީއްވެބާވައެވެ.

ޒުވާން އުމުރު ފެށުނީންސުރެ މިއީ އަހަރެންގެ ހިތުގައި ހިނގާ ސުވާލުތަކެވެ. އަހަރެން ކިތަންމެ މަސައްކަތް ކުރި ނަމަވެސް މިއީ ޖަވާބެއް ލިބުމެއް ނެތް ސުވާލުތަކެއްކަން ހުދު އަހަރެންނަށްވެސް އެނގެއެވެ.

އަހަރެންގެ އެޑޮޕްޓެޑް ޕޭރެންޓްސް އަހަރެންނަށް ގޯހީއެއްނޫނެވެ. އެއީ ތަނަވަސް ބައެކެވެ. ޝާހީ ދިރިއުޅުމެއް އުޅެމުން އަންނަ ބައެކެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވެއެވެ. ގޭގައި ހާދިމުން އުޅުނުނަމަވެސް އަހަރެންގެ ހިދުމަތަށް ހާއްސަކޮށްފައި ނޯކިރީން ތިބެއެވެ. ބޭނުންއެއްޗެއް ބޭނުން ވަގުތަކު ލިބެއެވެ. ބޭނުން ކަމެއް ބޭނުން ވަގުތަކު ކޮށްލެވެއެވެ. އަހަރެންނައްޓަކައި އެ ބޮޑު ގޯތީގެ އެންމެ މަތީ ފަންގިފިލާ ހުންނަނީ ހާއްސަ ކޮށްފައެވެ. އަހަރެން ކަސްރަތު ކުރާނެޖިމާއި ފަތާނެ ޕޫލާ ބާސްކެޓް ކުޅޭނެ ސަރަހައްދެއް ޓެރަސްގައި ހުރެއެވެ. އަހަރެން ފިޔަވައި އިތުރު ދަރިއެއް އެމީހުންގެ ނުހުންނަކަމުން އަހަރެންނަކީ އެ ދެމަފިރިންގެ ލޮލުގެ ކޮއެވެ. ހިތުގެ ފިނިކަމެވެ.

އަހަރެމެންނަކީ ލާރިމަތީގައި އުދުހި ނުއުޅުނަސް ވަރަށް ސާދާ ބައެކެވެ. އަގު ބޮޑެތި ކާރާ ތަނަވަސް ގޭގެ ވެރިންނެއްކަމަކު ހުލްގު ހެޔޮ ބައެކެވެ. އަހަރެންގެ މަންމަ އަހަރެންނަށް ފުރަތަމަ ދަސްކޮށްދިނީ މި ރީތި އަހުލާގެވެ. އެހެންމީހުންނަށް ކަމޭހިތުމެވެ. އަޅާލުމާއި ލޯތްބެވެ. ހިތްތިރިކަމެވެ. ދީންވެރިކަމާ އަޅުވެތިކަމެވެ. އާއިލާގެ މުހިންމުކަމާ އެހެންމީހުންނަށް ރީތިކޮށް މުއާމަލާތް ކުރުމެވެ. އަދި ވަކިން ހާއްސަކޮށް ފަރަގު ނުކުރާށެވެ. އަހަރެން މިކަންކަމަށް އަހަރެންގެ މައިންބަފައިންނަށް ވަރަށް ޝުކުރުވެރިވަމެވެ. ފައިސާގެގޮތުން ތަނަވަސް ނަމަވެސް އަހުލާގުގެ ގޮތުން އެޔަށްވުރެ ތަނަވަސް މީހަކަށް ހަދައިދިނީތީއެވެ.

ދެންއޮތީ އަހަރެންގެ ވާހަކައެވެ. އަހަރެންގެ އުމުރުން 26 އަހަރު ފުރުނީ މި ހަފުތާގައިކަން ގިނަ މީހުންނަށް އެގޭނެކަން ޝައްކެއްނެތެވެ. ނޭނގެންވީ ސަބަބެއް ނެތެވެ. އަހަރެންގެ އުފަންދުވަހުގެ ހަދިޔާއަކަށް އަހަރެންގެ މަންމަ އާއި ބައްޕަ ވަނީ މުޅި މާލޭގައި ހަވާ އަރުވައި ދީފައެވެ. އެއީ ފާއިތުވި 26 އަހަރުވެސް އަހަރެން އުފަންދުވަސް ފާހަގަކުރަން ދެކޮޅު ހަދަމުން އައި ނަމަވެސް މަންމަމެންގެ އެދުމުގެމަތިން މިފަހަރު އަހަރެން އެކަމަށް އެއްބަސް ވީމައެވެ. އެހެންކަމުން އެދެމީހުން ފާއިތުވި 26 އަހަރަށް ވާވަރަށް އަހަރެންގެ އުފަންދުވަސް ފާހަގަ ކޮށްލީއެވެ.

މީސްމީޑިއާގެ އިތުރުން ރާއްޖޭގެ ހަބަރުތަކުގެ ފަލަސުރުހީގައި ގޮތީ ހުސް އަހަރެންގެ ވާހަކައެވެ. މީގެކުރިން އަހަރެންނަކީ ކާކުކަން ގިނަ މީހުންނަށް ނޭގުނު ނަމަވެސް އެއްމެ ރެޔަކުން އަހަރެންގެ ފޮލޯވާސް 10 ހާހުން މަތިވީއެވެ. ހަފްތާއެއް ވަންދެއް އަހަރެން އުޅުނީ މީސްމީޑިއާ ބޭނުން ނުކޮށެވެ.

އަހަރެން ގިނައިން އުޅުނީ ރާއްޖެއިން ބޭރުގައެވެ. ސްކޫލަށް ދިއުމުގެ ބަދަލުގައި މަންމަމެން ޓީޗަރުން ގެނުވީ ގެޔަށެވެ. އަހަރެންގެ ވަރަށް ޅައުމުރުގައި ކިޔަވައި ނިންމައިފީމެވެ. އަހަރެންނަކީ ހުޝިޔާރު ތޫނިފިލި ކުއްޖަކަށްވެފައި މަންމަމެން އަހަރެންނަށް އުގަންނައިދޭން ގެނެސްފަތިބީ އެންމެ ފަންނީ މީހުންކަމުން ފިލާވަޅުތަށް ދަސްކޮށް ކަންތަށް ކުރާކަށް މާ އުންދަގުލެއް ނޫނެވެ.

އަހަރެންގެ މާގިނަ ރައްޓެހިންނެތް ނުތިބެއެވެ. އަހަރެންގެ ގިނަ ރައްޓެހިންނަށްވެސް އަހަރެން އުޅެނީ ކާކުކަން އޮޅުވައިލައިގެންނެވެ. އަހަރެންނަށް އުޅެން ފަސޭހަޔަކަށް އަހަރެން މިއީ ކާކުކަން ހާމަކުރަން ބޭނުން ނުވަނީއެވެ.

ދެއްކުންތެރިކަމަކީ އަހަރެން ވަރަށް ފޫހިވާ ސިފައެއްވެސް މެއެވެ. އަހަރެން އާއްމުކޮށް އިސްތަށިގަންޑު ކޮށަނީ އެންމެ އާދައިގެ ސަލޫން އަކުންނެވެ. ކިތަންމެ އަގުބޮޑެތި އަންނައުނު ހުއްޓެއްކަމަކު އަހަރެން މާލޭގައި އުޅޭއިރު ލަނީ އެންމެ އާދައިގެ ޓީޝާޓާއި ޖިންސެވެ. އަރަނީ ފައިވާނަށެވެ. އަތުގައި ގަޑިއެއް ނާޅަމެވެ. ޖަހަނީ ފޮގް ބޮޑީ ސްޕްރޭއެވެ. އަހަރެން މިއީ ކާކުކަން ނޭނގޭ ރައްޓެއްސެއްނަމަ ކާންވެސް ގްރޫޕް ހަދާފައި "އަތްބަޅޭ" އަށް ދަމެވެ. ގެންގުޅެނީ އަދާ ހަމަނޫން ފޯނެކެވެ. ލައިނެއް ނަމަވެސް ޖަހަނީ ޕްލީސް ކޯލެވެ. އަގުބޮޑެތި ކާރުތަށް ހުއްޓެއް ކަމަކު ދުއްވަނީ ސެކަންޓްހޭންޑް ސައިކަލެކެވެ. އެހެންކަމުން އަހަރެން މިއީ ކާކު ކަމާއިމެދު ޝައްކު ކޮއްލާނެ މީހަކުވެސް ނުހުރެއެވެ.

މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ މަޖާކަމަކީ އަހަރެންވެސް އެކުވެގެން ރައްޓެހިންނާއިއެކު އަހަރެންގެ ވާހަކަ ދައްކާހަދަމެވެ. ބައެއްފަހަރު ބައެއް ރައްޓެހިން ވަރަށް ހިތްދަތި ބަސްތައް ބުނެލައެވެ. އަހަރެންނަށް އެމީހުންގެ އިހުސާސްތަށް ދެނެގަނެވެއެވެ. ޔަގީނުންވެސް އެއީ އަހަރެންކަން އެނގޭނަމަ އެފަދަ ބަސްތަކެއް އަހަރެންނާއި ދިމާލަށް ނުބުނާނެކަން ޔަގީނެވެ. އަހަރެންގެ ގޮތް އެމީހުންނަށް ރަނގަޅައް އެނގޭނެއެވެ.

މިއަދަކީވެސް އާދައިގެމަތިން ބައްޕަގެ އޮފީހުގައި އަހަރެން މަސައްކަތްތައް ދަސްކުރަން އުޅުނު ދުވަހެކެވެ. އަހަރެން މަޑުކޮށްލައިގެން ހުރީ ބައްޕަގެ ކެބިން އިން ފެންނަންއޮތް މާލޭގެ ރީތި މަލައަށް ބަލަހައްޓައިގެންނެވެ. ހަވީރުގެ ވަގުތުކަމުން ބައެއް ގޭގޭގެ ޓެރަސްގައި ކުދިން ކުޅެ އާއިލާތަކާއިއެކު ނިކުމެ އުޅޭތަން ބަލަން އަހަރެން ހުރީ ވަރަށް ޝައުގުވެރި ކަމާއިއެކުގައެވެ. އެއް އަތުން ބޯންވެގެން ހެދި ކޮފީތަށި ހިފަހައްޓަލައިގެން ހުރެވުނީ ކިހާއިރަކު ކަމެއް ނޭގުނެވެ. މާދުރުނޫން ހިސާބެއްގައި ހުރި ގެއެއްގެ ޓެރަސްގައި ކުޅެން ހުރި ކުޑަ ކުއްޖަކާއި އޭނަގެ މަންމައާއި ބައްޕަ އުޅޭލެއް ލޯބިކަމުން އަހަރެން ހުރީ އެމަންޒަރު ބަލަންށެވެ.

ބައްޕަ ބޮކި އަރުވާ ފުޅިއަކުން ބޮކި އަރުވަން ހުރިއިރު އެ މައުސޫމް ކުއްޖާ ދުވެ ދުވެފައި އެ ބޮކިތައް ފަޅަން އުޅެއެވެ. ކައިރީގައި މަންމަ ފޯނު ހިފައިގެން އެމަންޒަރު ރެކޯޑުކުރަން ހުއްޓެވެ. ފުންމަ ފުންމާފައި އުޅުމުގެ ތެރޭގައި އެކުއްޖާ ފައިވާން އަރި އަޅާލައިގެން ވެއްޓިއްޖެއެވެ. ބޮކި އަރުވާ ފުޅި ބަހައްޓާފައި ބައްޕަ އައިސް އެކުއްޖާ ނަގައި ކަކުލަށް ފުމެލިއެވެ. އަދި ދޮނެއްދީ ލޯބިކޮއްލިއެވެ. މަންމަވެސް އައިސް ބައްދާލައި އެކުއްޖާގެ ނިތަށް ބޮސްދިނެވެ. އަދި ތިންމީހުން އޮޅުލައިގަނެ ސެލްފީއެއް ނެގިއެވެ.

ހަގީގަތުގައި އަހަރެން ހުރީ ހިތުގައިޖެހިފައެވެ. އެއީ އަހަރެން ނަމައެވެ. އަހަރެން ވެސް އެހާ ލޯބިން ދުވެ ދުވެފައި ފުމެ އުޅޭނަމެވެ. ހީ ސަކަރާތްޖަހާ ހަދާނަމެވެ. މަންމަގެ ކޮލުން ދޮންކޮޅު ނަގައި ބައްޕަގެ ކޮލަށް ދޭނަމެވެ. ލޯބިން ސެލްފީނަގާ ލޯބި ލޯބިން ބައްދާލާނަމެވެ.

ވަރައް ގިނައިރު އަހަރެން އެމަންޒަރު ބަލަން ހުރުމައްފަހު މަސަތްކަތައިގެން މަސްއޫލުވެލީމެވެ. ނަމަވެސް އަހަރެންގެ ހިތާއި ސިކުނޑީގައި ވަނީ ދާދި ދެންމެ ފެނުނު މަންޒަރު ބިންވަޅު ނެގިފައެވެ. އަހަރެންގެ ހިތުގައި ހިނގަމުން އަން ޖަޒުބާތުތައް ހޭލައްވައިލާފިއެވެ. އެއްވެސް ކަމަކާއި ސަމާލުކަމެއް ނުދެއްވުނެވެ. ވިސްނެނީ އަހަރެންގެ އަސްލު މަންމަ އާއި ބައްޕަގެ މަތިންނެވެ. އަނެއްކާވެސް އަހަރެންގެ ބޮލުގައި އެނބުރެންފެށީ އެއްކަލަ ސުވާލުތަކެވެ.

އަހަރެންގެ އަސްލު މަންމައާއި ބައްޕަ ކޮބައިބާވައެވެ. އެމީހުން އަހަރެންދެކެ ލޯބި ނުވަނީ ހެއްޔެވެ. އެމީހުން އަހަރެން ދެކިލަން ބޭނުން ވާނެބާވައެވެ. އަހަރެން ވައްތަރުވާނީ މަންމަ އާއި ނުވަތަ ބައްޕައާއި ބާވައެވެ. އަހަރެންނާއި ބައްދަލުވުމުން އެމީހުން އުފާވާނެބާވައެވެ. އެމީހުން އުޅެނީ ކޮން ހާލެއްގަ ބާވައެވެ. އަނެއްކާ މިހާރު ދިރި ދުނިޔޭގައި އެބަ ތިބި ބާވައެވެ. އަހަރެންގެ ގައިގާ އެމީހުން ބައްދާލާނެ ބާވައެވެ. އަހަރެންގެ މަންމައާއި ބައްޕަ އަހަރެން ބޭނުންނުވީ ކީއްވެބާވައެވެ. އަހަރެން އެޑޮޕްޝަންއަށް ދިނީ ކީއްވެބާވައެވެ. އެމީހުންގެ އޮތީ ކޮން މަޖުބޫރު ކަމެއް ބާވައެވެ. އަހަރެންގެ ކުށަކީ ކޮބައިބާވައެވެ.

ވަރައް ގިނައިރު އޮފީހުގައި އުޅުމަށްފަހު ބައްޕަ އާއިއެކު އަހަރެން އައީ ގެޔަށެވެ. ކާރުގައި ބައްޕަ އަހަރެންނާއި ވަރަށް ވާހަކަ ދެއްކިއެވެ. ފަހަރުގައި އަހަރެން މޫޑު ގޯސްވެފައި ހުރިކަން ބައްޕައަށް އެނގޭތީ ކޮންމެވެސް ވާހަކައެއް ދައްކައިގެން އަހަރެންގެ މޫޑު ރަގަޅުވޭތޯ މަސައްކަތް ކުރަނީކަންނޭނގެއެވެ. ނުވަތަ އަހަރެން މޫޑު ގޯސްވެފައި އިނުމުން ބައްޕަގެ ވާހަކަތަށް އަހަރެންނަށް އެނޯއިން ވަނީކަންނޭނގެއެވެ. ބައްޕަގެ ވާހަކަތަކުގެ ތެރެއިން އަހަރެންނާއި ބައްޕަގެ ވިޔަފާރިތައް ހަވާލުކޮށްފައި މަންމަ އާއިއެކު ރާއްޖެއިން ބޭރަށް ބަދަލުވާން ގަސްތުކުރާ ވާހަކަވެސް ބުންޏެވެ. ހުއްޓާނުލާ ބައްޕަ ވާހަކަ ދައްކަން އިންއިރު އަހަރެން އިނީ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ. (ނުނިމޭ)