ބަނގްލަދޭޝްގައި މުދާއުފުލާ ކޮންޓެއިނަރ ބަހައްޓާ ޑެޕޯއެއްގައި ބާރުގަދަ ގޮވުމެއް ގޮވައި މަރުވި މީހުންގެ އަދަދު 49 އަށް އަރައިފިއެވެ.

މިހާދިސާގައި 300 އަށްވުރެ ގިނަމީހުން ޒަޚަމްވި ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.

މިހާދިސާގައި ތިންސަތޭކަ އެތައް ބަޔަކު ޒަޚަމްވުމާއި، ޒަޚަމްވި ބައެއް މީހުންގެ ހާލު ސީރިއަސްކަމުން އަދި ބައެއް މީހުން ގެއްލިފައިވާތީ، މިހާދިސާގައި މަރުވާ މީހުންގެ އަދަދުތައް އިތުރުވާނޭ ކަމަށް އޮފިޝަލުން ލަފާ ކުރައްވައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކެމިކަލް ކޮންޓެއިނަރ ގޮވާފައިވަނީ، ފުރަތަމަ އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އަލިފާން ނިއްވުމަށްޓަކައި ފަޔަރ ފައިޓަރުންނާއި ވޮލަންޓިއަރުން މަސައްކަތް ކުރަމުން ގެންދަނިކޮށެވެ. އަދި އެތައް ނޫސްވެރިންވެސް އެވަގުތު އެތަނުގައި ތިއްބައެވެ.

ކޮންޓެއިނަރ ގޮވުމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު އެތައް ބަޔަކަށް އަނިޔާފައިޓަރުންނަށް އަނިޔާވެފައިވާ ކަަމަށާއި، ބައެއް ފަޔަރ ފައިޓަރުންނާއި، ވޮލަންޓިއަރުންނާއި، ފޭސްބުކް ލައިވް ކުރަމުންދިޔަ ބައެއް ނޫސްވެރިން އަދިވެސް ނުފެންނަ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ކެމިކަލް ކޮންޓެއިނަރ ގޮވުމާއެކު ޑެޕޯގައި ހުރި ބައެއް ކޮންޓެއިނަރތަކާއި އެހެން ތަކެތި އެތައް ހިސާބަކަށް ދުރަށް ވިއްސައިގެންދިޔަ ކަމަށާއި އަދި މުޅި ކޮންޓެއިނަރ ޑެޕޯއަށް އަލިފާންގަނޑު ފެތުރިގެންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާދިސާ ހިނގައިގެން އުޅެނީ، ބަނގްލަދޭޝްގެ ކަނޑުގެ މައި ބަނދަރުރަށް ކަމަށްވާ ޗިޓަގޮންއާ މާ ދުރުނޫން ހިސާބެއްގައި އޮންނަ ސިޓަކުންޑާގައި ހުންނަ ބިޔަ ކޮންޓެއިނަރ ޑެޕޯގައެވެ.

މިހާދިސާ ހިނގިއިރު އެތަނުގައި ގާތްގަނޑަކަށް 4،000 ކޮންޓެއިނަރ ހުރިކަމަށްވެއެވެ. ގިނަ ކޮންޓެއިނަރތައް ހުރީ، ހުޅަނުގެ ގައުމުތަކަށް ފޮނުވަން ފޭރާމުގެ ބާވަތްތައް އަޅައި ފުރާފައެވެ.

ކޮންޓެއިނަރ ޑެޕޯގައި ހުރި ކެމިކަލް ކޮންޓެއިނަރ ގޮވުމުގެ ސަބަބުން އޭގެ ގުޑުން އެތައް ހިސާބެއް ދުރުގައި ހުރި އިމާރާތްތަކަށްވެސް ކުރިކަމަށް ރިޕޯޓްތައް ބުނެއެވެ.