ބިދޭސީންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް ލިބޭ ގޮތަށް ގަވާއިދު އިސްލާހުކޮށް އާންމުކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ގެޒެޓުގައި އާންމު ކޮށްފައިވާ އެ އިސްލާހުގައި ބުނެފައި ވަނީ ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ދާއިމީ ލައިސަންސް ދޫކުރެވިދާނެ ކަމަށެވެ. އަދި އެ ލައިސަންސް ކޮންމެ 10 އަހަރަކުން އައު ކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ގެޒެޓުގައި އާންމު ކޮށްފައިވާ އިސްލާހުގައި ލައިސަންސްގެ ބާވަތާއި މުއްދަތު ހިމެނޭ މާއްދާއާއި ލައިސަންސްގެ ކެޓަގަރީތައް ހިމެނޭ މާއްދާ އިސްލާހު ކޮށްފައިވާއިރު އެ އިސްލާހު ތަކުގައި ގިނައީ ބިދޭސީންނަށް ލައިސަންސް ދޫކުރުމާއި ގުޅޭ ވާހަކަތަކެވެ.

ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ދިވެހިންނަށް ލައިސަންސް ދޫކުރަމުންދާ އުސޫލާ އެއްގޮތަށް، ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ މީހުންނަށް ދޫކުރާ ދާއިމީ ލައިސަންސްވެސް މިހާރު 10 އަހަރުގެ މުއްދަތަށް ބޭނުންކުރެވޭނެކަމަށެވެ.

ކުރިން މި ޤަވާއިދު އޮތީ އެފަދަ ބިދޭސީން އަހަރަކު އެއް ފަހަރު ލައިސަންސް އާކުރަން ޖެހޭގޮތަށެވެ. އެއީ ވަގުތީ ގޮތުން ދޫކުރާ ލައިސަންސެކެވެ.

މިޤަވާއިދު ގެޒެޓްކުރުމާއެކު މި ޤަވާއިދަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ. މިއާއެކު ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އިތުރު ޓެސްޓެއް ހެދުމަކާއި ނުލާ، ދާއިމީ ލައިސަންސަށް ބަދަލުކުރުމަށް އެދި މިހާރު ފޯމް ހުށައެޅޭނެއެވެ.

މި އިސްލާހު ގެޒެޓްކޮށްފައިވާއިރު، މިހާރު މި ގަވާއިދަށް އަމަލު ކުރަން ވަނީ ފަށާފައެވެ.