އިންޑިއާގައި ވެރިކަންކުރާ ބާރަތިއްޔަ ޖަނާތާ ޕާޓީ، ބީޖޭޕީގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި، އިންޑިއާގެ މުސްލިމުންނާއި، އިސްލާމީ ގައުމުތައް ރުޅިއައިސް، މަސްރަހް ހޫނުވާން ފެށުމުން މުސްލިމުންގެ ރުޅި މަޑުކުރެވޭތޯ އިންޑިއާ ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

އެގޮތުން، އިންޑިއާގެ ޚާރިޖިއްޔާގެ އިސް އޮފިޝަލުންނާއި، ބޭރު ގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ޑިޕްލޮމޭޓުން ގެންދަވަނީ، މިމައްސަލަ ފިނިކޮށް އިސްލާމީ ގައުމުތަކާއި މުސްލިމުންގެ ރުޅި މަޑުކުރެވޭތޯ އެކި ގޮތްގޮތަށް މަސައްކަތް ކުރައްވަމުންނެވެ. މިކަން، އިންޑިއާގެ ޚާރިޖިއްޔާގެ އޮފިޝަލަކުވަނީ މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ.

އިންޑިއާއާ ގާތް ގުޅުންތަކެއް އޮންނަ ގަތަރު، ސައުދީ އަރަބިއްޔާ، އުމާން، ޔޫއޭއީ، އަފްޣާނިސްތާން، އީރާންގެ އިތުރުން، ޕާކިސްތާނާއި އިސްލާމީ އެހެން ގައުމުތަކުންވެސް ގެންދަނީ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި އިންޑިއާ ސަރުކަރުން މައާފަށް އެދުމަށް ގޮވާލަމުންނެވެ.

އިންޑިއާގެ އަވަށްޓެރި އިސްލާމީ ގައުމުތަކާއި، ގަލްފްގައި ހިމެނޭ ގައުމުތަކުން ހަފްތާ ބަންދުގައިވަނީ، އެގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ޑިޕްލޮމެޓިކް އޮފިޝަލުން ޚާރިޖިއްޔާއަށް ހާޟިރުކޮށް، ބީޖޭޕީ އޮފިޝަލުންގެ ޝަކުވާކޮށް މައްސަލަ ބަލައިދިނުމަށް އެދިފައެވެ.

ޖީސީސީގައި ހިމެނޭ ގައުމުތަކަކީ އިންޑިއާއާއެކު ވިޔަފާރީގެ ގާތް ގުޅުންތަކެއް އޮންނަ ގައުމުތަކެވެ. ކުވައިތު، ގަތަރު، ސައުދީ އަރަބިއްޔާ، ބަހްރެއިން، އުމާން އަދި ޔޫއޭއީއާއެކު އިންޑިއާއިން 2020-2021 ގައި ކުރި ވިޔަފާރީގެ މުއާމަލާތްތަކުގެ އަގު 90 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އިންޑިއާގެ އެތައްމިލިއަން މީހުން ޖީސީސީގެ ގައުމުތަކުގައި ވަޒީފާ އަދާކުރުމާއި، އެނޫން ބޭނުންތަކުގައި އުޅެއެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކި މައްސަލާގައި އިސްލާމީ 57 ގައުމު ހިމެނޭ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން – އޯއައިސީންވަނީ ވަރަށް ހަރުކަށި ބަޔާނެއްވެސް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ބީޖޭޕީގެ އިސް އޮފިޝަލުންތަކެއްގެ ކިބައިން މިފަދަ ފުރައްސާރަ ކުރުންތަކެއް މިއައީ، އިސްލާމްދީނާމެދު އިންޑިއާގައި ފުޅާވެ އިތުރުވަމުން އަންނަ ނަފްރަތާއި، ރާވައިގެން މުސްލިމުންނާ ދެކޮޅަށް ކުރިއަށްގެންދާ ޖެއްސުމާއި ފުރައްސާރައިގެ ތެރެއިން ކަމަށެވެ.

މުސްލިމުންނަށް ކުރާ ޖެއްސުމާއި ފުރައްސާރައިގެ މިސާލެއްގެގޮތުން އޯއައިސީގެ ބަޔާނުގައި ފަހަގަކޮށްފައިވަނީ، އިންޑިއާގެ އެތައް ސްޓޭޓެއްގެ ސްކޫލްތަކުގައި މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރުމާއި، ބައެއް ސްޓޭޓްތަކުން މުސްލިމުންގެ ގެދޮރާއި، ވިޔަފާރިތައް ހަލާކުކޮށް ސުންނާފަތި ކުރި މައްސަލައެވެ.

މިކަންކަމުން، މިމައްސަލާގައި އިންޑިއާ ސަރުކާރު ވަކިކޮޅަކަށް ވަރަށް ޖެހިފައި އޮންނަކަން ހާމަވާ ކަމަށްވެސް އޯއައިސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާގެ ޚާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުސްލިމުންގެ ރަސޫލާއާ ބެހޭގޮތުން ބީޖޭޕީގެ ދެ އޮފިޝަލަކު ދެއްކި ވާހަކަތަކާއި، ކުރި ޓްވީޓްތަތަކީ އިންޑިއާ ސަރުކާރުގެ ވިސްނުން ނޫން ކަމަށެވެ.

"އެކަންކުރި ވަކިވަކި ފަރުދުންނާ ދެކޮޅަށް ކަމާބެހޭ އިދާރާތަކުން މިހާރުވެސްވަނީ ހަރުކަށި ފިޔަވަޅުތައް އަޅާފައި. މިމައްސަލާގައި އޮޅުންއަރާގޮތަށް އަދި ކުށް މައުލޫމާތު ހިމެނޭގޮތަށް އޯއައިސީން ބަޔާނެއް ނެރުނީތީ އަޅުގަނޑުމެން ވަރަށް ހިތާމަކުރަން"
އިންޑިއާ ސަރުކާރުގެ ތަރުޖަމާނު އަރިންދަމް ބަގީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީން މުސްލިމުންގެ ރަސޫލާއަށް ފުރައްސާރަކުރި އެ ޕާޓީގެ ތަރުޖަމާނާއި އަނެއް އޮފިޝަލް، ބީޖޭޕީން އިއްޔެވަނީ ސަސްޕެންޑްކޮށްފައެވެ.

އެކަމަކު، އިންޑިއާގެ މުސްލިމުން ރުޅިއައިސްގެން މިހާރަށްވެސް ވަނީ މަގުތަކަށް ނުކުމެ މުޒާހަރާތައް ފަށާފައެވެ. ކާންޕޫރުގެ މަގުތަކަށް ނުކުތްމީހުންގެ ތެރެއިން ފުލުހުންވަނީ 38 މީހުން ހައްޔަރުކޮށް، މުސްލިމް އެތައް ޒުވާނަކަށް ބޮޑެތި އަނިޔާތައް ކޮށްފައެވެ. އެއީ، މުޒާހަރާ އިތުރަށް ފުޅާވެގެންދިޔަ ނުދިނުމަށެވެ.

އިންޑިއާގެ މާލީ ވެރިރަށް މުމްބާއީގައިވެސް ވަރުގަދަ މުޒާހަރާއެއް ބާއްވަންވަނީ ތައްޔާރުވެފައެވެ. މަސްރަހް ކޮންޓްރޯލުން ނެއްޓިދާނެތީ އިންޑިއާ ސަރުކާރުން ގެންދަނީ ވަރަށް ފަރުވަތެރިކަމާއެކު ފިޔަވަޅު އަޅަމުންނެވެ.

އިންޑިއާގެ އާބާދީގައި 1.35 ބިލިއަން މީހުން ހިމެނޭއިރު އޭގެތެރެއިން 13 އިންސައްތައަކީ މުސްލިމުންނެވެ. އެ ނިސްބަތުން ދުނިޔޭގައި މުސްލިމުންގެ އާބާދީ ތިންވަނައަށް އެންމެބޮޑު ގައުމަކީ އިންޑިއާއެވެ. 2019 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިންޑިއާގެ މުސްލިމުންގެ އަދަދު އުޅެނީ 204 މިލިއަނުގައެވެ.