ތަފާތު އެކި މައްސަލަތަކުގެ ސަބަބުން ފުޓުބޯޅައިގެ އެންމެހާ ހަރަކާތްތަކުން ސަސްޕެންޑު ކޮށްފައިވާ، ދިވެހި ފުޓުބޯޅައިގެ އެންމެ ގަދަ ދެބާރު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަން އުވާލާ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށްވެސް ސަސްޕެންޝަނުން އަރައިގަތުމަށް ފުރުސަތު ދިނުމަށް ފުޓުބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

މި ނިންމުންތައް އެފްއޭއެމް އިން ނިންމާފައިވަނީ، މިއަދު ހަވީރު ބޭއްވި އެ އެސޯސިއޭޝަންގެ ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކުގެ މެޖޯރިޓީންނެވެ.

ވިކްޓްރީގެ ސަސްޕެންޝަން އުވާލާ، ނިއުއަށްވެސް އެނބުރި އައުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްގެ ކޮންގްރެސް އިން ނިންމިއިރު، މި ދެޓީމުވެސް ފުޓުބޯޅައިގެ އެންމެހާ ހަރަކާތްތަކުން ސަސްޕެންޑު ކުރުމަށް އެންމެފުރަތަމަ ނިންމީ 2019 ވަނަ އަހަރުއެވެ.

ނިއުރޭޑިއަންޓުގެ ސަސްޕެންޝަން

ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް، ނިއު، ސަސްޕެންޑް ކުރުމަށް އެފްއޭއެމުން ނިންމީ 2019 ވަނަ އަހަރު ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އެގޮތަށް ނިންމީ އެފްއޭއެމްގެ އެކްސްކޯ އިންނެވެ. އެނިންމުން އެ އަހަރުގެ ކޮންގްރެސްގައި ކްލަބުތަކުން ވަނީ ފާސްކޮށްފައެވެ. އަދި އޭގެފަހުން ތިން ފަހަރެއްގެ މަތިން ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ވަނީ ފާސްކޮށްފައެވެ. ނިއު އޮތީ އެފްއޭއެމްގެ އިތުރުން ފީފާގެ ވެސް ސަސްޕެންޝަނެއްގައެވެ. އެންމެފުރަތަމަ ނިއު އޭރު ސަސްޕެންޑްކުރީ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުންނެވެ. މިހާރު އެ ފައިސާ ނުދައްކާ، ދިގުލައިގެންދާ ކޮންމެ ދުވަހަކަށް ކަހަލަ ގޮތަކަށް ޖޫރިމަނާއާ އެކު ދައްކަން ޖެހޭ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ވިކްޓަރީގެ ސަސްޕެންޝަން

ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދީ ހުރުމުގެ ސަބަބުންނާއި، ކުލަބުގެ ލައިސަންސްގެ ކަންކަން ފުރިހަމަކުރުމަށް އެފްއޭއެމް އިން ވިކްޓަރީ އަށް ފުރުސަތު ދިން ނަމަވެސް، ދީފައިވާ މުއްދަތުގެ ތެރޭގައި އެކަންކަން ހަމަޖައްސާފައި ނުވާތީވެ، އެފްއޭއެމް އިން އެކުލަބު ސަސްޕެންޑު ކުރަން ނިންމީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ވިކްޓްރީގެ ސަސްޕެންޝަން ވަނީ މިދިޔަ މުއްދަތުގައި ކްލަބްތަކުން ކޮންގްރެސްގައި ދަމަހައްޓައިފައެވެ.

ނިއު އާއި ވިކްޓްރީގެ އެނބުރި އައުމަށް ކުރާ މަސައްކަތް

ވިކްޓްރީ ސްޕޯޓްސް ކުލަބު

ދިވެހި ފުޓުބޯޅައިގެ އެންމެ ބޮޑު އެއް ކުލަބު ވިކްޓްރީގެ ސަސްޕެންޝަން އުވާލާ، އަނެއްކާވެސް ދިވެހި ފުޓުބޯޅައިގައި ވިކްޓްރީ ފެނިގެންދިއުން މިއީ ދިވެހި ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހަކަށްވެސް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ.

އެނބުރި އައުމަށް އެކުލަބުން ކުރި މަސައްކަތުގެ ތެރެއިން މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ވިކްޓްރީން ވަނީ އެކުލަބުގެ އިންތިޚާބު ބާއްވާ، މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވަމުން އަންނަ، ވިކްޓަރީގެ ކުރިގެ ކުޅުންތެރިޔާ، ހުސެއިން އާދަމް (އާދަމްބެ) ވަނީ ރައީސަކަށް އިންތިހާބުކޮށްފައެވެ.

ވިކްޓަރީން މައުލޫމާތުދޭ ގޮތުގައި ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ މިހާރު ވަނީ އެފްއޭއެމް އާއި ހަވާލުކޮށްފައެވެ. އަދި އެ ފައިސާ ދޭން ޖެހޭ ކުޅުންތެރިންނާ ހަވާލުކުރުމުގެ ޒިންމާ އެފްއޭއެމުން ހަވާލުވެފައިވާ ކަމަށްވެސް ވިކްޓަރީން ބުނެފައިވެއެވެ. ވިކްޓަރީން ވަނީ އެކުލަބުގެ ދަރަނިތައް ހަމަޖެއްސުމުގެ އިތުރުން، އަންނަމަހު ހަތަރު ވަނަ ދުވަހު ފަށާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ކަންކަން ނިންމާ، ޕްރެކްޓިސްތައްވެސް ފަށާފައެވެ. އަދި ކޯޗެއްގެ ގޮތުގައި ސްރީ ލަންކާގެ ކޯޗު ޕަކީރު އަލީ ވަނީ ހަމަޖައްސާފައެވެ. އޭނާއަކީ ލަންކާ ގައުމީ ޓީމަށް 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިރުޝާދުދީފައިވާ ކޯޗެވެ. އޭނާ އެންމެ ފަހުން ހުރީ ބަންގްލަދޭޝްގެ ޕޮލިސް ޓީމުގެ ކޯޗަކަށެވެ.

ދެވަނަ ޑިވިޝަނުގައި ކުޅުމަށް ވިކްޓަރީން އެކުލަވާލި ސްކޮޑުގައި ބިދޭސީ ހަތަރު ކުޅުންތެރިންނާ އެކު 26 ކުޅުންތެރިއަކު ވަނީ ހިމަނާފައެވެ. ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ހިމެނީ މިސްރުގެ ތިން ކުޅުންތެރިންނާއި ޖޯޑަން އަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު

ނިއު ރޭޑިއަންޓުން ވަނީ މީގެ 10 ދުވަސް ކުރިން އެ ކްލަބްގެ އިންތިހާބު ބާއްވައި، އަހުމަދު ވާސިފް ކްލަބްގެ ޗެއާމަނަކަށް އިންތިހާބު ކޮށްފައެވެ.

ވާސިފް ވިދާޅުވި ގޮތުގައި، ނިއު އަލުން ފުޓްބޯޅައިގެ ތެރެއަށް ގެންނަން ކުރެވޭ މަސައްކަތް ކުރިއަށްދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޭސްތިރިކަމުގެ ދަށުންނެވެ. އަދި އަދި ނިއު އަލުން ގެނައުމަށް ކުރާ މަސައްކަތުގައި މޭސްތިރިއެއްގެ ގޮތުން ރައީސް ބައިވެރިވެވަޑައިގަންނަވާއިރު، މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ކަންވެސް ވާސިފް ހާމަކުރެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއު އިން އަންނަނީ ފީފާގައި އޮތް މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާތައް ކޮށް، މަސައްކަތްތަކެއް ކުރަމުންނެވެ. ވަގުތު އޮއްވާ މި ކަންކަމަށް ހައްލު ލިބިއްޖެނަމަ، އަންނަމަހު ފަށާ ދެވަނަ ޑިވިޝަން މުބާރާތަުގައި ވެސް ނިއުރޭޑިއަންޓް ފެނުމުގެ ފުރުސަތު އެބައޮތެވެ.