ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށް ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ކޮޅުނބުގައި ހުންނަ ރައީސްގެ ރަސްމީ ގެކޮޅުގައި، ބޭރު ގައުމުތަކުގެ ނޫސްވެރިންނަށް މިއަދު ދެއްވި އިންޓަރވިއުއެއްގައި ގޮޓަބާޔާ ރާޖަޕަކްސަ ވިދާޅުވީ، ރައްޔިތުން އޭނާއާ ހަވާލުކުރީ 5 އަހަރުގެ މެންޑޭޓެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށެވެ.

މިހާރު ފުރުއްވަމުން ގެންދަވާ ރައީސްކަމުގެ ދައުރުން ބާކީ 2 އަހަރު އެބައޮތް ކަމަށާއި، އޭނާ މަގާމުން ދުރުކުރަން ގޮއްވާލައި ބަޔަކު މުޒާހަރާ ކުރި ނަމަވެސް، ރައީސްކަމުގެ ބާކީއޮތް ދެ އަހަރު ފުރިހަމަ ކުރައްވާނެ ކަމަށް ގޮޓަބާޔަ ރާޖަޕަކްސަ ވައުދުވެވަޑައި ގެންނެވިއެވެ.

ބާކީއޮތް ދެއަހަރު އޭނާގެ މައިގަނޑު އަމާޒަކީ، ސްރީލަންކާ މިހާރު ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަށްޓަކައި ގައުމުގެ މާލިއްޔާ ވަރުގަދަކުރުން ކަމަށް ވިދާޅުވިއެވެ.

"ނާކާމިޔާބު ރައީސެއްގެގޮތުގައި އަޅުގަނޑު ދާކަށް ބޭނުމެއްނޫން"
ގޮޓަބާޔަ ރާޖަޕަކްސަ

"ގޮޓަގޯހޯމް" ގެ ނަމުގައި ވެރިރަށް ކޮޅުނބުގެ ގޯލްފޭސްގައި ކުރަމުންދާ މުޒާހަރާއަށް މަސްދުވަސް ވެފައިވާއިރު، މުޒާހަރާކުރާ މީހުން ބުނަމުންދަނީ، ސްރީލަންކާއިން ތެލާއި، ބޭހާއި، ކާބޯތަކެތި ހުސްވެ، އިންފްލޭޝަން އިންތިހާއަށް މައްޗަށްގޮސް، ގައުމު ދަރަނި ޑިފޯލްޓަކަށްދާން މަޖުބޫރުވެގެންދިޔައީ، ރައީސް ގޮޓަބާޔައާއި، ވެރިކަމުގައި ތިއްބެވި އޭނާގެ އާއިލާގެ ބޭފުޅުން އެޅި ދޯހަޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

ގައުމުގެ އިގްތިސާދު ހީނަރުވެ، ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން އެތައްހާސް ރައްޔިތުން މަގުތަކަށް ނުކުމެ ފެށި ވަރުގަދަ މުޒާހަރާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ، ބޮޑުވަޒީރު ކަމުގައި ހުންނެވި ރައީސް ގޮޓަބާޔަގެ ބޭބޭފުޅު، މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމެވެ.

ރައީސް ގޮޓަބާޔަ ރާޖަޕަކްސަ މިހާރު ގެންދަވަނީ، ބޮޑުވަޒީރުކަމަށް ރަނިލް ވިކްރަމަސިންހަ އައްޔަން ކުރައްވައި، ސްރީލަންކާއަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކުރުމަށް އައި.އެމް.އެފާއި، އިންޑިއާ އަދި ޗައިނާއިން 4 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ މިއަހަރުތެރޭ ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

މަސްރަހް ދިރާސާކުރާ ފަރާތްތަކުން ވިދާޅުވަނީ، ދައުރު ފުރިހަމަ ކުރައްވާނޭ ކަމަށް ރައީސް ވިދާޅުވުމަކީ، ރައީސް ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހަރާ ކުރަމުންދާ މީހުންގެ ރުޅި އިތުރަށް ގަދަވެގެންދާނޭ ކަމެއް ކަމަށެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބަށް އަދިވެސް ދެއަހަރަށްވުރެ ގިނަދުވަސް އޮތުމާއެކު، ރައީސްގެ ނިންމެވުމުގެ ސަބަބުން ސްރީލަންކާގެ ސިޔާސީ އަނެއްކާވެސް ނޭނގުމެއްގެ ތެރެއަށް ވެއްޓިގެންދިޔައީ ކަމަށްވެސް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ވިދާޅުވެއެވެ.