ދިވެހި ފުޓުބޯޅައިގެ ބެލެނިވެރިފަރާތް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަހަރުގެ ބަޖެޓުގެ ގޮތުގައި ދަރަނި ބަޖެޓެއް ފާސްކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވި އެ އެސޯސިއޭޝަނުގެ ކޮންގްރެސްގައި މި ބަޖެޓު ފާސްކުރިއިރު، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، މާލީ ހިސާބުތަކުގެ އިތުރުން ކުރިއަށް އޮތް އަހަރުގެ ބަޖެޓުވެސް ފާސްކޮށްފައިވެއެވެ.

ގިނަ ކުލަބުތަކަކާއެކު މިއަދު ބޭއްވި މި ކޮންގްރެސްގައި ފާސްކޮށްފައިވަނީ 88.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މާލީގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލަމުން އަންނަ އެފްއޭއެމް އިން މިއަހަރު ލިބޭނެކަމަށް ލަފާކޮށްފައިވަނީ 80.4 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 8.6 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ.

ބަޖެޓާއި ބެހޭގޮތުން ވާހަކަދައްކަވަމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ބަޖެޓު ކަނޑަައަޅާފައިވަނީ ކުރިން ކުރާ ވަރަށް ގިނަ ކަންކަން މަޑުޖައްސާލުމަށްފަހުގައި ކަމަށެވެ. ސަބަބަކީ މާލީގޮތުން ހުރި ދަތިތަކުން އަރައިގަތުމަށް ނުވަތަ ހަމަ ނޭވާއެއް ލުމަށްފަހު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަގުތު ބޭނުންވުން ކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ކުރާނީ، ފުޓުބޯޅައިގެ ކުރިއެރުމަށް ސީދާ ބޭނުންވާ ކަންކަން އެކަނިކަމަށާއި، އެހެން ކަންކަން ނުކުރަން ނިންމާފައިވާކަން ބައްސާމް ހާމަކުރެއްވިއެވެ.

މިއަހަރަށް އެފްއޭއެމް އިން ލިބޭނެކަމަށް ލަފާކޮށްފައިވާ 80.4 މިލިއަން ރުފިޔާގެ ތެރެއިން އެންމެ ބޮޑު ބައެއް ލިބޭނެ ކަމަށް ބެލެވެނީ ސްޕޮންސަރުންގެ އަތުންނެވެ. އެގޮތުން ސްޕޮންސަރުންގެ ކިބައިން 43.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭއިރު، ފީފާއިން ލިބޭނެ އާމްދަނީގެ ގޮތުގައި 24.3 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި އޭއެފްސީން 6.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި، ދިވެހި ސަރުކާރުން 3.7 މިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

8.6 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެއް އެފްއޭއެމް އިން ފާސްކޮށްފައިވާއިރު، މިއަހަރަށް ކަނޑައެޅި 88.9 މިލިއަން ރުފިޔާގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ބެލެވެނީ ޓުވާޑްސް ފިއުޗަރ ޕްރޮގްރާމުންނެވެ. އެގޮތުން އެ ޕްރޮގްރާމަށް އެކަނިވެސް 29.3 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެފްއޭއެމް އިން ބުނެއެވެ. އަދި އެ އެސޯސިއޭޝަނުން ހިންގާ އެކިއެކި މުބާރާތްތަކަށާއި، ގައުމީ ޓީމުތަކާއި ގުޅުންހުރި އެކިއެކި ކަންކަމަށް 22.1 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ.

ބަޖެޓަކީ ދަރަނި ބަޖެޓެއް ކަމުގައި ވުމުން އެކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ، މިއީ ދަރަނި ބަޖެޓެއް ނަމަވެސް، މިއަހަރު ނިމޭއިރު، ދަރަނީގެ ގޮތުގައި އޮތް 8.6 މިލިއަން ރުފިޔާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، މި ދަރަނި ބަޖެޓު، އަރަނި ބަޖެޓަކަށް ބަދަލުކޮށްލެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެފްއޭއެމް މިއަދު އޮތް މާލީ އަޑިގަނޑަށް ވެއްޓިފައިވަނީ ކޮވިޑުގެ ސަބަބުންކަން ބައްސާމް ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ކޮވިޑުގެ ދަތިކަމުގެ ތެރޭގައިވެސް، އެފްއޭގެ ސަލާމަތަށް ވަކި ފިޔަވަޅުތަކެއް ނާޅާ، ކުޅުންތެރިންގެ ހައްގުތައް ހޯދައިދީ، ކުލަބުތަކަށް ދޭންޖެހޭ ފައިސާ އާއި އެހެނިހެން ކަންކަމުގެ ބޮޑު އިންސައްތައެއް ދެވިފައިވާކަން ބައްސާމް ފާހަގަކުރެއްވިއެވެ. އަދި އެފްއޭ އިން މިގޮތަށް ކަންތައް ނުކުރިނަމަ، ކުޅުންތެރިންނާއި ކުލަބުތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި މިވަގުތު އެފްއޭއެމް މާލީގޮތުން ގޮންޖެހުންތަކަކާއި ކުރިމަތިވެފައި، ކުޅުންތެރިންނާއި ކުލަބުތަކުގެ ހައްގުގައި ނިންމި ނިންމުންތަކުގެ ސަބަބުންކަން ބައްސާމް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މި ގޮންޖެހުންތަކުން އަރައިގަނެ، މިއަދު ނިމުނު ކޮންގްރެސްއާ އެކު ކުރިއަށް އޮތް ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް އަނެއްކާވެސް ހަމައަކަށް އެޅި މި އަހަރުގެ ސީޒަނަށްވެސް ކުލަބުތަކަށް އެފްއޭއެމުން ދޭން ޖެހޭ އެހީތެރިކަން ދެވި ހުރިހާ ކަމެއްވެސް ބޭނުންވާ ގޮތަށް ކުރިއަށްދާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި އެފްއޭއެމްގައި މިހާރު އޮތް ދަރަނީގެ ބޮޑުބައެއް އަދާކުރެވިއްޖެ ކަމަށާއި ވަރަށް އަވަހަށް ދެންހުރި ބައިވެސް އަދާކުރެވޭނެ ކަމަށެވެ. އަދި މި މަސްތެރޭގައި ކުލަބުތަކަށް ވެސް ފައިސާ ހަވާލުކުރެވޭނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.