ދައުލަތުގެ ރިޒާވާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ވަޒީރާ ސުވާލުކުރެއްވުމަށް ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައިސް އީވާ އަބްދުﷲއެވެ.

މެމްބަރު އީވާ ހުށަހަޅާފައިވާ ސުވާލުގައި ވަނީ މި ޖޫން މަސް ފެށުނުއިރު ދިވެހިރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު ކަމަށެވެ.

އަދި މި ހިނގާ ޖޫން މަހާއި ކުރިއަށް މިއޮތް ޖުލައި މަހު 130 މިލިއަނަށްވުރެ ގިނަ އަދަދުގެ ޑޮލަރު ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރާންޖެހޭ ކަމަށާއި، މި 130 މިލިއަން ޑޮލަރުގެ އިތުރުން، މި ދެ މަހުގެ ބަޖެޓްކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް ކަމަށް އީވާގެ ސުވާލުގައިވެއެވެ.

މާލީ ކަންކަން މިދެންނެވި ގޮތުގައި ހުރިއިރު ޖުލައި މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑުގެ ބާވަތްތަކާއި ތެލާއި ބޭހާއި އަދި ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯ ސާފުކުރުމަށް އީވާ ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުމަށް ނިންމާފަވާއިރު ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަތަކާއި ގުޅިގެން މިނިސްޓަރ ވިދާޅުވެފައިވަނީ އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މިއަހަރު ނިމޭއިރު ޕްރީ-ކޮވިޑް ލެވެލްގައި ދެމެހެއްޓޭނެ ކަމަށެވެ.

އަދި ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް ކަމަށާއި ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރި ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިއަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށާއި ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.