ޑޮމިނިކަން ރިޕަބްލިކްގެ މިނިސްޓަރ އޮފް އެންވައިރްމަންޓް އެންޑް ނެޗުރަލް ރިސޯސަސް އޯރލަންޑޯ ހޯހެ މޭރާގެ ގައިކޮޅަށް ބަޑިޖަހައި އަވަހާރަ ކޮށްލައިފިއެވެ.

އެންވައިރަމަންޓް މިނިސްޓަރުގެ ގައިކޮޅަށް ބަޑިޖަހާފައިވަނީ އޮފީހުގައި ބައްދަލުވުމެއްގައި އިންނަވަނިކޮށެވެ. މިނިސްޓަރުގެ ގައިކޮޅަށް ހަފަހަރު ބަޑިޖަހާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުގެ ރިޔާސީ ތަރުޖަމާނު ވިދާޅުވީ، މިނިސްޓަރުގެ ގައިކޮޅަށް ބަޑިޖެހިމީހާ ދެނެގަނެވިފައިވާ ކަމަށާއި، މިގުއެލް ކްރޫޒް ނަމަކަށްކިޔާ އެމީހާއަކީ މިނިސްޓަރ އޯރލަންޑޯ ހޯހެ މޭރާ ތުއްތުއިރުން ފެށިގެން އެންމެގާތް އެކުވެރި ރަހްމަތްތެރިޔާ ކަމަށެވެ.

ޑޮމިނިކަން ރިޕަބްލިކްގެ ކަމާބެހޭ އިދާރާތަކުން މިހާރުވަނީ މިގުއެލް ކްރޫޒް ހައްޔަރުކޮށްފައެވެ. ނަމަވެސް، އޭނާ މިނިސްޓަރ އޯރލަންޑޯގެ ގައިކޮޅަށް ބަޑިޖެހީ ކީއްވެގެން ކަމެއް އަދިވެސް ސާފުވެފައި ނުވާކަމަށް ޚަބަރުތައް ބުނެއެވެ.

އޯރލަންޑޯ ހޯހެ މޭރާއަކީ ޑޮމިނިކަން ރިޕަބްލިކްގެ ކުރީގެ ރައީސް ސަލްވަޑޯރ ހޯހެ-ބްލަންކޯގެ ދަރިކަލުންނެވެ. އަދި އޭނާއަކީ އެގައުމުގައި މިހާރު ވެރިކަންކުރާ މޮޑަރން ރިވޮލިއުޝަނަރީ ޕާޓީގެ ފައުންޑިންގ މެމްބަރެއްވެސް މެއެވެ.

ޑޮމިނިކަން ރިޕަބްލިކްގެ މިހާރުގެ ރައީސް ލުއިޒް އަބިންޑަރުގެ ކެބިނެޓާ އޭނާ ގުޅިވަޑައިގަތީ އަބިންޑަރު 2020 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމާއެކުއެވެ.

އޯރލަންޑޯ ހޯހެ މޭރާގެ އަނބިކަނބަލުންނަކީ ޑޮމިނިކަން ރިޕަބްލިކުން ބްރެޒީލަށް ކަނޑައަޅާފައި ހުންނަވަ އެމްބަސެޑަރެވެ. އޯރލަންޑޯގެ ދެފިރިހެން ދަރިކަލުންގެ ތެރެއިން އެއް ބޭފުޅަކީ ޑޮމިނިކަން ރިޕަބްލިކްގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރެއްވެސް މެއެވެ.