ވިލިމާލޭ ހޮސްޕިޓަލްގައި އަލުން ވެކްސިންދޭން ފަށައިފިއެވެ.

މިކަން ހާމަކޮށް ވިލިމާލޭ ހޮސްޕިޓަލް ހިންގާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، (އައިޖީއެމްއެޗް) އިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ދިން މައްސަލަ ތަހުގީގުކޮށް އެފަދަ ކަމެއް ނުހިގާނެ ކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށެވެ.

އަދި އެކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާ އެއްގޮތަށް އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން މިއަދުން ފެށިގެން ވިލިމާލެ ހޮސްޕިޓަލްގައި އަލުން ވެކްސިން ދޭން ފަށާނެ ކަމަށެވެ.

ވިލިމާލޭ ހޮސްޕިޓަލުން ވެކްސިން ޖެހުމުގެ ޚިދުމަތް މެދުކަނޑާލީ އެ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިން ކުޑަކުދިންތަކަކަށް ދިން މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިންނަށް ދިން މައްސަލާގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންތަކެއް ވަނީ ސަސްޕެންޑްކޮށްފައެވެ. ވިލިމާލޭގައި ކުދިންތަކަކަށް މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ދިން މައްސަލަ ފެންމަތިވީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ.

އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު މައްސަލައިގައި އިހުމާލުވާ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ވިލިމާލޭ ހޮސްޕިޓަލުން، މުއްދަތު ހަމަވެފައިވަނިކޮށް ޖެހީ އެމްއާރު ވެކްސިނާއި ބީއޯޕީވީ ވެކްސިނެވެ. އެމްއާރު އާއި ބީއޯޕީވީ އަކީ އާންމު ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ވެކްސިނެކެވެ. އެއީ މި އަހަރުގެ ޖެނުއަރީ މަހަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ކަމަށްވެއެވެ.

މުއްދަތުހަމަވެފައިވާ ވެކްސިންގެ އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުން، ފެބްރުއަރީ 2020 ގައި އުފެއްދި އެ ވެކްސިން ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް ވަނީ މުއްދަތު ހަމަވެފައެވެ. މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހިކަމަށް ބުނާ މައްސަލަ ހެލްތް މިނިސްޓްރީންވެސް މިހާރު ވަނީ ބަލަން ފަށާފައެވެ.