ސްރީލަންކާގައި ކަރަންޓުގެ ޚިދުމަތުގައި އުޅޭ މީހުންގެ ޔޫނިއަނުން މާދަމާ އިހުތިޖާޖުކުރަން ތައްޔާރުވުމުން، އެގައުމުން ކަރަންޓުގެ ޚިދުމަތް ކެނޑޭ ވަގުތު އިތުރުވެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕަވަރ ސެކްޓަރގައި މަސައްކަތް ކުރާ މުވައްޒަފުން މިރޭ ދަންވަރުން ފެށިގެން މަސައްކަތުން އަތްދޫކޮށްލަން ނިންމީ، ކަރަންޓުގެ ޚިދުމަތް ދިނުމުގެ ސެކްޓަރގެ ގާނޫނަށް ސަރުކާރުން ހުށަހަޅަން ތައްޔާރުވަމުންދާ އިސްލާހްތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެގޮތުން، ސްރީލަންކާ ސަރުކާރުން ހިންގާ ސިލޯން އިލެކްޓްރިސިޓީ ބޯޑުގެ 1،100 އިންޖިއަރުންގެ ތެރެއިން 900 އިންޖިނިއަރުން މުއްދަތެއް ނެތްގޮތަށް މާދަމާއިން ފެށިގެން މަސައްކަތް ނުނިކުންނާނެ ކަމަށް ވަނީ އަންގާފައެވެ.

އަދި އިންޖީނުގެތަކާއި، ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝަން ފެސިލިޓީތަކުގައި މިހާރު ޑިއުޓީތަކުގައި ތިބި މީހުންވެސް، މިރޭ ދަންވަރުން ފެށިގެން އެތަންތަނުން ނިކުންނާނެ ކަމަށް ވެއެވެ.

މިކަމުގެ ސަބަބުން ސްރީލަންކާއިން އެއްކޮށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ބެލެވިފައި ވެއެވެ.

ސްރީލަންކާއަށް ބޭރު ފައިސާ ލިބުން ދަތިވެ، ތެޔޮ ގަންނާނެ ފައިސާވެސް ނެތިގެން މިހާރުވެސް އެގައުމުން ކޮންމެ ދުވަހަކު އެތައް ގަޑިއިރަކަށް ކަރަންޓް ކަނޑާލަމުން ގެންދެއެވެ.

މުވައްޒަފުންގެ ހަޅުތާލު ހުއްޓުވޭތޯ، ސިލޯން އިލެކްޓްރިސިޓީ ބޯޑުގެ އިންޖިނިއަރުންގެ ޔޫނިއަނާއި، ސަރުކާރުގެ އިދާރާތަކާ ދެމެދު ވަނީ ވާހަކަތައް ބައްވާފައެވެ.

އަދި ސަރުކާރުގެ ޕަވަރ އެންޑް އެނަރޖީ މިނިސްޓަރ ކަންޗަނާ ވިޖެސޭކަރާއާއި އިންޖިނިއަރުންނާ ދެމެދުވެސް ވާހަކަތައް ބައްވާފައި ވެއެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބޭގޮތެއް ނުވިއެވެ.

ސްރީލަންކާއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް އޮތް ހައްލަކީ އިއާދަކުރުވަނިވި ހަތަކައަށް އެނބުރުން ކަމަށް އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ސަރުކާރުން ބުނެއެވެ.

އެހެންވެ، ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، އިއާދަކުރުވަނިވި ހަކަތައިގެ ޕްރޮޖެކްޓްތައް ހުށަހަޅައި ހިންގުމަށް ގާނޫނުގައި މިހާރު އޮންނަ ހަރުކަށި އުސޫލުތައް ބަދަލުކޮށްލުމަށެވެ.

ސޯލާރ އަދި ވިންޑް ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ ޕްރޮޖެކްޓްތައް ސްރީލަންކާގައި ހިންގަން ބައިނަލްއަގްވާމީ ކުންފުނިތަކުން ޝައުގުވެރިކން ފާޅުކުރަމުންވެސް ގެންދެއެވެ. އޭގެ ތެރޭގައި އިންޑިއާގެ އަދާނީވެސް ހިމެނެއެވެ.

ނަމަވެސް، ސްރީލަންކާގެ އިންޖިނިއަރުންގެ ޔޫނިއަނުން ބުނަނީ، ގާނޫނަށް ގެންނަން އުޅޭ އިސްލާހްތަކަކީ މިހާރު އޮތް ވާދަވެރި ބިޑިންގ އުސޫލު އުވާލުން ކަމަށާއި، އެހެން ހަދައިފިނަމަ އާންމު ރައްޔިތުންނަށް ހެޔޮ އަގެއްގައި ކަރަންޓް ފޯރުކޮށްދިނުމަށް އޮތް ޔަގީންކަން ނެތިގެން ހިނގައިދާނެ ކަމަށެވެ.

ސިލޯން އިލެކްޓްރިސިޓީ ބޯޑުގެ އިންޖިނިއަރުން މަސައްކަތަށް ނުނިކުމެ މާދަމާ ހަޅުތާލުކުރަން އުޅެނީ، ސްރީލަންކާގެ ޕާލަމެންޓުން މާދަމާ ގާނޫނު އިސްލާހްކުރުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވެފައިވާތީ އެކަމާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުންނެވެ.

ސްރީލަންކާއަށް މިވަގުތު ބޭނުންވެފައިވާ އިސްލާހީ ބަދަލުތަކެއް ގެންނަން ކުރެވޭ މަސައްކަތަށް ހުރަސްއަޅާ ކަމަށް ވިދާޅުވެ، ސަރުކާރުގެ ޕަވަރ އެންޑް އެނަރޖީ މިނިސްޓަރ ކަންޗަނާ ވިޖެސޭކަރާ ވަނީ އިންޖިނިއަރުންގެ ޔޫނިއަން ކުށްވެރި ކުރައްވާފައެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެފައިވަނީ، މާދަމާ ގައުމުން ކަރަންޓް ކަނޑާލައިފިނަމަ އިންޑިއާއިން ދެން ސްރީލަންކާއަށް ތެޔޮ ނުދީފާނެ ކަމަށާއި، ސްރީލަންކާ އިތުރު މައްސަލަތަކެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށެވެ.