އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކަޑަމީ (އައިފާ) ގެ މިއަހަރުގެ ޝޯވްގެ އެކި ހަފްލާތައް މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ގެންގޮސްފައިވާއިރު ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިގެންދިޔައީ މިފަހަރުގެ އެވޯޑްތަކުގެ ހައްގުވެރިންގެ ނަންތައް އިއުލާނު ކުރުމާއެކުގައެވެ.

އަބޫދާބީގައި ކުރިޔަށްދިޔަ އައިފާގެ މިއަހަރުގެ ގިނަ އެވޯޑްތައް ގެންގޮސްފައިވަނީ ފިލްމީ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވީނަމަވެސް މިހާތަނަށް އެވޯޑް ހަފްލާތަކުގައި އެވޯޑްތައް އުފުލާލާފައިނުވާ ފަރާތްތަކެވެ.

ތިރީގައި މިބަޔާންކޮށްލަނީ މިއަހަރުގެ އެވޯޑްތައް އުފުލާލި ފިލްމުތަކާއި ފިލްމީ ތަރިންގެ ތައާރަފެކެވެ.

އަހަރުގެ އެންމެ މޮޅު ފިލްމު: "ޝޭރްޝާހް"

ފިލްމު "ޝޭރްޝާހް" އަކީ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަންސްއިން މިދިޔަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމެވެ.

ކަރަން ޖޯހަރްއާއި ހިރޯ ޔަޝް ޖޯހަރު ޕްރޮޑިއުސްކޮށް ވިޝްނޫ ވަރްދަން ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި މުހިއްމު ރޯލް ކުޅެފައިވަނީ އެކްޓަރު ސިދާތް މަލްހޯތްރާއާއި ބަތަލާ ކިއާރާ އަދްވާނީއެވެ.

އެމޭޒަން ޕްރައިމްގައި ޕްރިމިއަރކުރި މިފިލްމަކީ އިންޑިއަން އާމީ އޮފިސަރ ވިކްރަމް ބަޓްރާގެ ހަޔާތުގެ ވާހަކަ ކިޔައިދީފައިވާ ބައޯޕިކްއެކެވެ.

އެންމެ މޮޅު ފިލްމުގެ އިތުރުން ފިލްމަށް ލިބިފައިވާ އިތުރު އެވޯޑްތަކުގެ ތެރޭގައި، ބެސްޓް ސްކްރީން ޕްލެއި، ބެސްޓް މިއުޒިކް، ބެސްޓް ޕްލޭބެކް ސިންގަރ އަންހެން/ފިރިހެން އަދި ބެސްޓް ޑައިރެކްޓަރ ހިމެނެއެވެ.

އެންމެ މޮޅު އެކްޓަރ: ވިކީ ކޯޝަލް

މިއަހަރުގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ވިކީ ކޯޝަލްއަށް ލިބިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ސަރްދާރް އުޅަމް" ގައި އޭނާ ދައްކުވައިދިން މޮޅު ރޯލަށެވެ.

އެމޭޒަން ޕްރައިމްގައި ޕްރިމިއަކުރި މިފިލްމަކީ، ރައިޒިން ސަން ފިލްމްސްއިން ގެނެސްދީފައިވާ ފިލްމެކެވެ.

މިފިލްމަކީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ އުޅަމް ސިންގް ޕަންޖާބްގެ އިތުރުން އަމްރިސްތަރްގެ މީހުންނަށް މިނިވަންކަން ހޯދައިދިނުމަށްޓަކައި ކުރި މަސައްކަތް ދައްކުވައިދޭ ބައޯޕިކްއެކެވެ.

އެންމެ މޮޅު ބަތަލާ: ކްރިތީ ސެނަން

ބަތަލާ ކްރިތީ ސެނަން އެންމެ މޮޅު ބަތަލާގެ އެވޯޑް އުފުލާލީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "މިމީ" ގައި އޭނާ ކުޅެފައިވާ ތަފާތު މޮޅު އެކްޓިންގް އަށެވެ.

މެޑްޑޮކްސް ފިލްމްސްއާއި ޖިއޯ ސްޓޫޑިއޯ ގުޅިގެން ގެނެސްދީފައިވާ މިފިލްމަކީ ހިންދީ ސިނަމާގެ އިތުރުން މަރާޓީ ފިލްމުތައްވެސް ޑައިރެކްޓްކޮށްފައިވާ ލަކްޝްމަން އުތޭކަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު ތިއޭޓަރުތައް އާއްމުންނަށް ބަންދުކޮށްފައިވުމުން ފިލްމު ޕްރިމިއަރކޮށްފައިވަނީ ނެޓްފްލިކްސްއިންނެވެ.

މިފިލްމުގެ މުހިއްމު ރޯލްއިން ފެނިފައިވާ އެކްޓަރު ޕަންކަޖް ތްރިޕާތީ އަދި ބަތަލާ ސައި ތަމްހަންކަރްއަށްވަނީ މިފަހަރުގެ އައިފާގެ ސަޕޯޓިންގް ރޯލް އެވޯޑްވެސް ލިބިފައެވެ.

ބެސްޓް ޑެބިއު އެކްޓަރު: އަހާން ޝެޓީ

ތެލުގޫ ފިލްމު "އާރް އެކްސް 100" ގެ ރިމޭކް "ތަޅަޕް" އިން ބޮލީވުޑަށް ތައާރަފްވި އަހާން ޝެޓީ މިއަހަރުގެ އަލަށް ތައާރަފްވި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދިއިރު މިކެޓެގަރީއިން ބަތަލާއަކަށް ހޮވިފައިވަނީ ފިލްމު "ބަންޓީ އޯރް ބަބްލީ2" އިން ފިލްމީ ދާއިރާއަށް ނުކުތް ޝަރްވަރީ ވާގްއެވެ.

އެންމެ މޮޅު ލަވަކިޔުންތެރިޔާ (ފިރިހެން): ޖުބިން ނޯތިޔާލް

އެންމެ މޮޅު ލަވަކިޔުންތެރިޔާ (އަންހެން): އަސީސް ކޯރް

އެންމެ މޮޅު މިއުޒިކް: އޭ.އާރް.ރަހްމާން