ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ކަންކަން ތަރުތީބުކުރަން ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވާ ގޮތުގައި 2012 އިން ފެށިގެން 2018 އަށް ސަރުކާރުން އެކި ފަރާތްތަކަށް ދީފައިވާ ސޮވެރިން ގެރެންޓީ އާއި ވިއްކާފައިވާ ބޮންޑާއި އަދި ނަގާފައިވާ ލޯނުތަކުގެ ރީޕޭމަންޓްގެ ބޮޑުބައެއް މި އަހަރާއި އަންނަ އަހަރު ދައްކަން ޖެހޭ ކަމަށެވެ.

މެމްބަރު އިލްޔާސް ވިދާޅުވީ ކުންފުނިތަކުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި އެފަދަ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ގެރެންޓީ ދީގެން އެ ކުންފުނިތަކުން ނަގާފައިވާ ބޭރު ފައިސާގެ ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތުގެ ރަސްމީ ރިޒާވުން ހަރަދުކުރަން ޖެހިފައިވާ މިންވަރު އަހަރުން އަހަރަށް އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން، މެމްބަރު ވިދާޅުވީ މި އަހަރުގެ ބަޖެޓުން ޖުމްލަ ދަރަނި 102.9 މިލިއަން ރުފިޔާއަށް އަރާނެކަމަށް މިހާރު އަންދާޒާ ކުރެވޭކަމަށެވެ.

ދަރަނި ނުދެއްކި ރާއްޖޭގެ ރިޒާވް ހުސްވެދާނެކަމުގެ ބިރު އޮތް ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ އިންޒާރުކުރަމުންނެވެ. ނަމަވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ ރާއްޖޭގެ ދަރަނި އަދާކުރުމުގައި މާބޮޑު ހުރަހެއް ނެތް ކަމަށެވެ.