އަންނަ އަަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރާނެކަން ހާމަކޮށްފިއެވެ.

އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް އިއްޔެ އިއުލާންކުރުމާ ގުޅިގެން ވީނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ -- ޖޭޕީގެ އިސްތަރުޖަމާނު އަލީ ޞާލިޙް މިއަދު ވިދާޅުވީ ރައީސް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވި ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެފަދަ ހުށަހެޅުމެއް ޖޭޕީއަށް އަދި ލިބިފައި ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން މާކުރިންވެސް އޮތީ ނިންމާފައެވެ. އެ ނިންމުމަށް އަދި އެއްވެސް ބަދަލެއް ގެނައުމަށް ޕާޓީގެ ކައުންސިލުން އަދި ނިންމާފައި ނުވެއެވެ.

އެހެން ނަމަވެސް، ރައީސްގެ ފަރާތްޕުޅުން ހުށަހެޅުމެއް ރަސްމީކޮށް ލިބިއްޖެ ނަމަ ޖޭޕީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމުމަކީ ކުރާނެ ކަމެއް ކަމަށް އަލީ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ވަގުތު ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރަކަށް ހުންނެވީ ރިޔާސީ އިންތިޚާބުގައި ކުރިން ދެ ފަހަރަށް ވާދަކުރައްވާފައިވާ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއެވެ.

އަސާސީ ގަވާއިދުގައިވާ ގޮތަށް ބަދަލެއް ނުގެނެެސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީން ވާދަކުރާ ނަމަ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާނީ އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙިމެވެ.

އަލީ ޞާލިހް އިތުރަށް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ކޯލިޝަނާ އެކު ނިކުންނެވުމަށް ރައީސް ނިންމެވުމުން އެނގިގެންދަނީ މިހާރުގެ ކޯލިޝަނަށް އެމަނިކުފާނު ކުރައްވާ އިތުބާރު ކަމަށެވެ. އެކަމަށްޓަކައި ޖުމްހޫރީ ޕާޓީގެ ފަރާތުން ޝުކުރުވެސް އަދާކުރެއްވިއެވެ.

އޭނާ ވިދާޅުވީ ރައީސްއަކީ ކޯލިޝަން ޗެމްޕިއަންއެއް ކަމަށާއި ކޯލިޝަން ދެމެހެއްޓުމަށް ޖޭޕީގެ އެއްބާރުލުން އެމަނިކުފާނަށް ލިބިލައްވާނެ ކަމަށެވެ.