ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅައި ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މިއީ ފިނޭންސް މިނިސްޓްރީން މި އިއުލާން ކުރި ދެވަނަ ފަހަރެވެ.

އެމިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ ހެލްތު މިނިސްޓްރީގެ އދުމުގެ މަތީން ހަތް ރަށެއްގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުދި ހޮސްޕިޓަލްތަކެއް ހަދަން ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުގެ ދަށުން 18 ރަށެއްގައި ހޮސްޕިޓަލް އަޅާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. އެގޮތުން، މި ހޮސްޕިޓަލްތައް އަޅާނެ ބައެއް ރަށްތައް ފިނޭންސުން ވަނީ އިއުލާންކޮށްފައެވެ.

ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ރަށްތަކަކީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އގ. މާމިގިލި، ވ. ވެލިދޫ އަދި ތ. ވިލުފުށްޓެވެ.

ފިނޭންސުން މައުލޫމާތު ދޭ ގޮތުގައި އެބީލަމުގައި ބައިވެރިވެވޭނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ މަތިން ރަޖިސްޓަރީވެ ޝަރުތު ހަމަވާ ފަރާތްތަކަށެވެ. އަދި، މަސައްކަތް ކުރުމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިންނެވެ.

ބިޑްތައް ހުޅުވުން އޮންނާނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު ރާއްޖެ ގަޑިން 1:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގައެވެ.

މިމަޝްރޫއަކީ ކުވެއިތު ފަންޑުންގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ.