މީގެކުރިން އެތައް ފުޓުބޯޅަ ކުޅުންތެރިންނެއް ވަނީ ފުޓުބޯޅައިގެ އިތުރުން އެކްޓަރެއްގެ ގޮތުގައިވެސް ހުނަރު ދައްކާފައެވެ. އެހެންނަމަވެސް ގިނަފަހަރަށް މި ފުޓުބޯޅަ ކުޅުންތެރިންގެ އެކްޓިންގެ ހުނަރު ފެނިގެންގޮަސްފައިވަނީ އެ ކުޅުންތެރިންގެ ސްޕޮންސަރުންގެ ބްރޭންޑިންގ އެޑުތަކުގެ ލީޑު ރޯލުންނެވެ.

ފުޓުބޯޅައިގައި ލިއޮނަލް މެސީ އަކީ އެފަދަ ދެވަނައެއް ދުނިޔެ ނުދެކޭފަދަ ހުނަރުވެރިއެކެވެ. މެސީގެ މަގްބޫލުކަން ފުޓުބޯޅައިގެ ސަޕޯޓަރުންގެ އިތުރުން މީޑިއާ ތަކުގައިވެސް ބޮޑެވެ. މެސީގެ ވާހަކައެއް މީޑިއާތަކުގެ ހެޑްލައިންތަކަށް ނާރާ ދުވަހެއް މަދުވާނެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

މި މަގުބޫލުކަމާއެކު މެސީ ވަނީ މީގެކުރިންވެސް އެތައް އިސްތިހާރަކުން އެކި ކުންފުނިތައް ޕްރޮމޯޓު ކޮށްދިނުމުގައި މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މަލްޓިނޭޝަނަލް ފުޓް އެންޑް ބެވަރެޖް ކޮމްޕެނީ ޕެޕްސީގެ އެތައް އިސްތިހާރަކުންނާއި، ލުއިކާނާ އުފައްދާ ކުންފުނި "ލޭޒް"ގެ އަދި މެސީގެ އެންމެ ބޮޑު ސްޕޮންސަރ، އެޑިޑާސްގެ އިސްތިހާރުތަކުންވެސް މެސީ ފެނިގެން ގޮަސްފައިވެއެވެ.

އެހެން ނަމަވެސް އަންނައަހަރުގެ ތެރޭގައި މެސީ ތަފާތު ރޯލަކުން ފެނިގެންދާނެކަން މިވަނީ ޔަގީންވެފައެވެ. މިކަން ޔަގީންވެފައިވަނީ، ސްޓާޕްލަސް ލަޓީނޯ އެމެރިކާ އިން މީސްމީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯ އަކުންނެވެ. ޓީވީ ސީރީޒް، ލޮސް ޕްރޮޓެކްޓޮރެސްގެ ޓްރެއިލާ އަކުން މެސީ ފެނިގެންދާ ވީޑިއޯއެއް ސްޓާ ޕްލަސް ލެޓީނޯ އެމެރިކާ އިން އިންސްޓަގްރާމުގައި ވަނީ އާންމުކޮށްފައެވެ.

މެސީގެ ކެމިއޯ އެޕިއަރެންސެއް ފެނިގެންދާ ލޮސް ޕްރޮޓެކްރޮރެސް ނުވަތަ "ޕްރޮޓެކްޓަރސް" އަކީ މިހާރު އާޖެންޓީނާގެ އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޓީވީ ސީރީޒް އެކެވެ.

މެސީ ފެނިގެންދާ އެޕިސޯޑުގެ ބައިތައް މިހާރު ޝޫޓުކޮށް ނިމިފައިވާއިރު، މި މަންޒަރުތައް ނަގާފައިވަނީ ޕެރިހުގައެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަން މިހާރު ނިމިފައިވާއިރު، މެސީ ފެނިގެންދަނީ ދެވަނަ ސީޒަނުންނެވެ. މި ސީޒަން ފަށާނީ 2023 ވަނަ އަހަރުކަން ސީރީޒްގެ ޕްރޮޑިއުސަރ ވަނީ ހާމަކޮށްފައެވެ.

ލޮސް ޕްރޮޓެކްރޮޓެސް އަކީ، ބެންކްރަޕްޓު ވަމުންދާ ތިން ފުޓުބޯޅަ ރިޕްރެޒެންޓޭޓިވްގެ ދިރިއުޅުމުގެ ހާލަތު ދައްކައިދޭ ކޮމެޑީ ސީރީޒް އެކެވެ. މި ޓީވީ ސީރީޒްގެ ފުރަތަމަ އެޕިސޯޑު ޕްރިމިއަރ ކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 9 ވަނަ ދުވަހުއެވެ. މި ސީރީޒްގެ ޑިސްޓްރިބިއުޓަރ އަކީ ޑިސްނީ މީޑިއާ ނެޓްވޯކްސް ލަޓިން އެމެރިކާ އެވެ. ސްޓަރޕްލަސް އަކީ މި ސީރީޒްގެ ބްރޯޑްކާސްޓް މީޑިއަމް އެވެ.