ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް މިދިޔަ މޭ މަހު 1.28 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ބުނެފިއެެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 63 އިންސައްތަ އިތުރު އަދަދެކެވެ. އަދި، މޭ 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.8 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މޭ 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އެއަރޕޯޓް ޓެކުހާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާއެކު އާމްދަނީއަށް ލިބިފައިވާ ކުރިއެރުމެކެވެ.

މީގެ އިތުރުން ޖީ.ޖީ.އެސް.ޓީ އަދި ނަން-ރެޒިޑެންޓް ވިތްހޯލްޑިންގ ޓެކްސް ގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވުމަކީ ޖުމުލަ އާމްދަނީއަށް ލިބުނު ކުރިއެރުމެކެވެ.

މޭ 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 64.7 އިންސައްތަ ނުވަތަ 829.44 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސް އިންނެވެ. އެއީ 8.3 އިންސައްތަ ނުވަތަ 105.85 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ގްރީން ޓެކްސް ގެ ގޮތުގައި 96.58 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 60.61 މިލިއަން ރުފިޔާ، އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 59.80 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 129.81 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މޭ 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 53.47 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.