އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަދި އިންޑިއާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ސުނިލް ޗެތްރީ ލަނޑުޖެހުމުގެ ރެކޯޑެއް ގާއިމްކޮށްފިއެވެ.

އޭނާ މި ރެކޯޑް ގާއިމްކުރީ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގެ ފަހު ބުރުގައި ކެމްބޯޑިއާ ކޮޅަށްޖެހި ދެލަނޑާއެކުއެވެ. މެޗުން ކެމްބޯޑިއާގެ މައްޗަށް އިންޑިއާ އިން ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޗެތްރީ ޖެހި ދެލަނޑާއެކު އޭނާ ވަނީ ކެރިއަރުގައި، އިންޑިއާގެ ގައުމީ ޓީމަށް ޖުމްލަ 82 ލަނޑު ހަމަކޮށްފައެވެ. މިއާއެކު އޭނާ ވެފައިވަނީ، މިހާރުވެސް ފުޓުބޯޅަ ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަކަށް ތިންވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ.

އެކްޓިވް ޕްލެޔަރުންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހާދީފައިވާ ކުޅުންތެރިއަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާއަކީ ފުޓުބޯޅަ ތާރީހުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާވެސް މެއެވެ. އެގޮތުން ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ކުޅެދިން 188 މެޗުން 117 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

އެކްޓިވް ޕްލެޔަރުންގެ ތެރެއިން ދެވަައަށް އެންމެ ގިނަ ލަނޑު ގައުމީ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. މެސީ ވަނީ އާޖެންޓީނާއަށް ކުޅެދިން 162 މެޗުން 86 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ލިސްޓުގެ ތިންވަނައިގައި އޮތީ ސުނިލް ޗެތްރީ އޮތީ 127 މެޗުން 82 ލަނޑު ކާމިޔާބު ކޮށްދީގެންނެވެ. ކުރިން މި މަގާމުގައި އޮތް އަދި މިހާރު ލިސްޓުގެ ހަތަރުވަނައިގައި އޮތް ޔޫއޭއީގެ އަލީ މަބްޚޫތު ވަނީ 107 މެޗުން 80 ލަނޑު ކާމިޔާބު ކޮށްފައެވެ.

ކެރިއަރުގައި އިންޑިއާގެ ގައުމީ ޓީމަށް ޗެތްރީ ޖަހައިދިން 82 ލަނޑުގެ ތެރެއިން އޭނާ އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ދިވެހިރާއްޖެ އާއި ނޭޕާލާ ދެކޮޅަށެވެ. އެހެންނަމަވެސް ރާއްޖެ ކޮޅަށް ޗެތްރީ ޖެހި ލަނޑުތަކަކީ ނޭޕާލާއި ދެކޮޅަށް ކުޅުނު މެޗުތަކަށްވުރެ މަދު މެޗުން ކާމިޔާބު ކޮށްފައިވާ ލަނޑުތަކެކެވެ. އެގޮތުން ރާއްޖެ ކޮޅަށް ޗެތްރީ 8 ލަނޑު ޖެހީ 6 މެޗު ކުޅެގެންނެވެ. ނޭޕާލް ކޮޅަށް 8 ލަނޑު ޖެހީ 12 މެޗުންނެވެ.

އެއަށްފަހު ޗައިނީޒް ޓައިޕެއި ކޮޅަށް 5 މެޗުން 6 ލަނޑު ޖަހާފައިވާއިރު، ބަންގްލަދޭޝް ކޮޅަށްވެސް 6 ލަނޑު ޖަހާފައިވަނީ 5 މެޗުންނެވެ. އެންމެފަހުން ރާއްޖެ އާއި ދެކޮލަށް އިންޑިއާ ކުޅުނު މެޗުގައި 1-3 އިން ރާއްޖެ ބަލިވިއިރު އެމެޗުގައިވެސް ޗެތްރީ ވަނީ ދެލަނޑު ކާމިޔާބު ކޮށްފައެވެ. އެއީ 2021 ވަނަ އަހަރު ރާއްޖޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕުގައެވެ. އެ މުބާރާތުގެ ޓޮޕް ސްކޯރަރ އަކީވެސް ޗެތްރީ އެވެ. ޗެތްރީ ވަނީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި 5 ލަނޑު ކާމިޔާބު ކޮށްފައެވެ.