ސްރީލަންކާގެ މުސްލިމުން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ދިއުމުގެ ހުއްދަ ސްރީލަންކާ ސަރުކާރުން ދީފިއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާއިން ސްރީލަންކާއަށް ދީފައިވާ ހައްޖު ކޯޓާގެ މިންވަރަކީ 1،585 މީހުންނެވެ.
ސްރީލަންކާ ސަރުކާރުގެ މިނިސްޓަރ އޮފް ރިލިޖަސް އެފެއަރޒް ވިޑުރަ ވިކްރަމަނަޔަކެ މިދިޔަ އަންގާރަ ދުވަހު ވަނީ، ސްރީލަންކާގެ އޯލް ސިލޯން ހައްޖު ޓުއަރ އޮޕަރޭޓަރސް އެސޯސިއޭޝަން އަދި ހައްޖު ޓުއަރ އެސޯސިއޭޝަންގެ ވެރިންގެ އިތުރުން، ސްރީލަންކާ ޕާލަމެންޓުގައި ހިމެނިވަޑައިގަންނަވާ މުސްލިމް މެމްބަރުންނާ ބައްދަލު ކުރައްވައި، ހައްޖާ ގުޅޭގޮތުން މަޝްވަރާތައް ބާއްވާފައެވެ.
އަދި ސްރީލަންކާ ސެންޓްރަލް ބޭންކުން އެކަށައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ހައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އުސޫލުތައް ބައްދަލުވުމުގައި މިނިސްޓަރ ހިއްސާ ކުރެއްވިއެވެ.
ހަމަ އެއާއެކު، ސްރީލަންކާއިން ހައްޖަށްދާ މުސްލިމުންގެ އަތުން ވީހާވެސް ކުޑަ އަގެއް ނެގުމަށްވެސް، ރިލިޖަސް އެފެއރަޒް މިނިސްޓަރވަނީ ޓުއަރ އޮޕަރޭޓަރުންނަށް އިރުޝާދު ދެއްވާފައެވެ.
މިއަހަރު ހައްޖަށްދާން އެދޭ ސްރީލަންކާގެ ރައްޔިތުންނަށް ހައްޖަށް ދިއުމަށް ދައްކަންޖެހޭ އެމެރިކާ ޑޮލަރުގެ އަދަދު ހަމަކުރުމަށް އެހީތެރިވުމުގެ ގޮތުން، ސަރުކާރުންވަނީ ބޭރުން ޑޮލަރު ހޯދޭނެ އުސޫލުތަކެއްވެސް ކަނޑައަޅައި އިއުލާންކޮށްފައެވެ.
ސްރީލަންކާއިން ހައްޖަށްދާން އެދޭމީހުން ރަޖިސްޓަރީވުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަދޭނީ ރަޖިސްޓަރީކުރާ ތަރުތީބުން ކަމަށް، ސްރީލަންކާ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް މުސްލިމް ރިލިޖަސް އެންޑް ކަލްޗުރަލް އެފެއަރޒްއިން ބުނެފައި ވެއެވެ.
ސްރީލަންކާގެ އާބާދީގައި 22 މިލިއަނަށްވުރެ ގިނަ މީހުން ހިމެނޭއިރު، އާބާދީގައި މުސްލިމުން ހިމެނޭ ނިސްބަތަކީ 9.7 އިންސައްތައެވެ.
މުސްލިމުންގެ އާބާދީ މުޅި ސްރީލަންކާއަށް ފެތުރިފައި ވެއެވެ.