ގިނަ ޝޯވްތައް ހޯސްޓްކޮށް ބައެއް ފިލްމުތަކުންވެސް އާއްމުންގެ ލޯބި ހޯދާފައިވާ މަނީޝް ޕޯލް ވެބް ސީރީޒްއަކަށް ސޮއިކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިހާރު ރިލީޒްވުމުގެ ތައްޔާރީތައް ވެފައިވާ ފިލްމު "ޖުގް ޖުގް ޖިޔޯ" ގައިވެސް މުހިއްމު ރޯލެއްކުޅޭ އެކްޓަރު މަނީޝް ސޮއިކުރިކަމަށް ރިޕޯޓުތައް ބުނެފައިވަނީ ޑައިރެކްޓަރު ރިތަމް ސްރިވަސްތަވްގެ ސީރީޒްއެކެވެ.

ރިތަމްއަކީ ޑިޖިޓަލް ޕްލެޓްފޯމް އެމެކްސް ޕްލެޔައިން ދައްކާފައިވާ މަގުބޫލު ކްރައިމް ވެބް ސީރީސް "ރަކްތަންޗަލް" ގެވެސް ޑައިރެކްޓަރެވެ.

މިހާރު ޝޫޓިންގްވެސް ފެށިފައިވާ މިސީރީޒްއަކީ ތްރިލާއެކެވެ.

އިންޑިއާގެ އުއްތަރްޚަންދް ސްޓޭޓްގެ ރިސޯޓެއްގައި ޝޫޓިންގް ކުރިޔަށްދާއިރު މިސީރީޒްއަށް ވަކި ނަމެއް އަދި ހަމަޖެހިފައެއް ނުވެއެވެ.

ގިނަބަޔަކަށް މަނީޝް ޕޯލް ފެނިފައިވަނީ މުޅީންވެސް ހެއްވާ މަޖާ ރޯލްތަކުންނެވެ. ހަމައެހެންމެ އޭނާ ހޯސްޓުކުރާ ގިނަ ޝޯވްތަކުގައިވެސް މަނީޝް ފެނިގެންގޮސްފައިވަނީ ހެއްވާ މަޖާ ސަކަ މިޒާޖެއްގެ މީހެއްގެ ގޮތުގައެވެ.

އެހެންނަމަވެސް މިސީރީޒްގައި މަނީޝް ފެނިގެންދާނީ މިހާތަނަށް އޭނާ ސްކްރީނުން ދައްކުވައިދީފައިނުވާކަހަލަ ތަފާތު ރޯލަކުންނެވެ.

ފިލްމު "ޖުގް ޖުގް ޖިއޯ" ގެ ޕްރޮމޯޝަން ތަކުގައިވެސް މަނީޝްވަނީ ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން އޭނާގެ ސަކަ މިޒާޖުން ހޯދާފައެވެ.

މަނީޝްވަނީ ޓީވީ ޝޯވްތައް މެދުވެރިކޮށް ސްޓޭޖްމަތިން ގިނަ ބައެއްގެ ލޯބި ހޯދާފައެވެ.

ހަމައެއާއެކު ޕޮޑް ކާސްޓް ޝޯވްތަކުންވެސް އާއްމުންގެ ބޮޑޫ މަގުބޫލުކަމެއް މަނީޝް ހޯދާފައިވާއިރު ސްކްރީނުން އޭނާއަށް ބެލުންތެރިންގެ ލޯތްބާއި ތައުރީފު އިތުރުވެގެންދާނެ ކަމާމެދު ޝައްކެއް ނެތްކަމަށް މަނީޝްގެ ފޭނުން އަންނަނީ ބުނަމުންނެވެ.