ފިލްމު "ޕަރްދޭސް"، "ދާގް" އަދި "ދިލްކިޔާކަރޭ" ފަދަ ރީތި ލޯބީގެ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާ މަހިމާ ޗައުދްރީ އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަކަމަށް ހާމަކޮށްފިއެވެ.

މިކަން އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ އެކްޓަރު އަނޫޕަމް ޚޭރްއެވެ.

އަނޫޕަމް ޚޭރްގެ 525 ވަނަ ފިލްމުގެ ރޯލަކަށް ބަތަލާ މަހިމާ ހޮވުމަށްކުރި ދަތުރުގައި އަނޫޕަމްއަށް އެޚަބަރު ލިބުމާއެކު އޭނާވަނީ މަހިމާއަކީ ހީރޯއެއްކަމަށް ބުނެ މަހިމާގެ ކެންސަރު ބަލީގެ ތަޖުރިބާ ކިޔައިދޭ ވީޑިއޯއެއް އާއްމުންނާ ހިއްސާކޮށްފައެވެ.

ވީޑިއޯގައި މަހިމާގެ ތަޖުރިބާތައް ހިއްސާކުރަމުން ބަތަލާ ބުނެފައިވަނީ އޭނާ މިބައްޔަށް ފަރުވާ ހޯދަމުންދިޔަ ދުވަސްވަރު ވަރަށްގިނަ ފިލްމު ޕްރޮޑިއުސަރުންނާއި ވެބް ސީރީސް އުފައްދާ ޕްރޮޑިއުސަރުން މަހިމާއަށް ގުޅިކަމަށެވެ.

އެހެންނަމަވެސް އަނޫޕަމް ޚޭރް ގުޅުމުން އޭނާގެ ފިލްމަށް ނޫނެކޭ ބުނަން ނުކެރުނީ ކަމަށްވެސް މަހިމާވަނީ ބުނެފައެވެ.

ކެންސަރު ބަލީގައި މަހިމާގެ ތަޖުރިބާ އެންމެ ފުރަތަމަ ހިއްސާކުރި ފިލްމީ ފަންނާނަކީވެސް އަނޫޕަމް ޚޭރްކަމަށް މަހިމާވަނީ ބުނެފައެވެ.

މަހިމާ ކިޔައިދިންގޮތުގައި އަނޫޕަމްގެ ފިލްމުކުޅުމަށް އޭނާ އެއްބަސްވެފައި ވަނީވެސް ވިގެއް އަޅައިގެން ކަމަށާއި އެހެންނަމަވެސް އެކަމާ އަނޫޕަމްވަނީ ދެކޮޅު ހަދާފައެވެ. އަދި ބަތަލާ މަހިމާގެ ރޯލް ކުޅުވުމަށް ބޭނުންވަނީ އޭނާގެ އަސްލު ނުގެއްލޭ ގޮތަށްކަމަށް އަނޫޕަމްވަނީ ބުނެފައެވެ.

ކީމޯ ތެރަޕީގެ ފަރުވާކުރަން ފެށުމާއެކު މަހިމާގެ އިސްތަށިގަނޑު އެއްކޮށްވަނީ ގޮސްފައެވެ.

އެމެރިކާގައި ޝޫޓްކޮށްފައިވާ މިފިލްމުގައި މަހިމާގެ ރޯލް މިހާރު އޭނާވަނީ ކުޅެން ފަށާފައެވެ. އަދި ބަލިން އެއްކޮށް ރަގަޅުވަމުން އަންނަ ކަމަށާއި އެހެންނަމަވެސް އޭނާ ބޭނުންވަނީ މިބައްޔަށް ފަރުވާ ހޯދަމުންވެސް ފިލްމީ މަސައްކަތްތައް ލިބޭވަރަކުން ކުރުމަށްކަމަށް ބަތަލާވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ ކެމެރާގެ ކުރިމައްޗަށް އަރަން ވަރަށް ޖެހިލުންވި ކަމަށްވެސް މަހިމާވަނީ ބުނެފައެވެ. އެހެންނަމަވެސް އެކްޓަރު އަނޫޕަމް ޚޭރްގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުމާއި އެހީތެރިކަމަށް މަހިމާވަނީ ފަށްފަށުން ޝުކުރުވެރިވެފައެވެ.

އެކްޓަރު އަނޫޕަމް ޚޭރް ތައްޔާރުކުރި މިޚާއްސަ ވީޑީއޯ ހިއްސާކުރަމުން ބުނެފައިވަނީ މަހިމާއަށް ގިނަ ބައެއްގެ ލޯތްބާއި ހެޔޮ ދުޢާ މިވަގުތު ބޭނުންވާ ކަމަށެވެ.

އޭނާގެ މިތަޖުރިބާ ހިއްސާކުރުމުގެ ސަބަބުން މިފަދަ ހާލަތްތައް މެދުވެރިފައިވާ ފަރާތްތަކަށް މިއީ ލިބިގެންދާނެ އިތުރު ހިތްވަރެއް ކަމަށްވެސް އަނޫޕަމްވަނީ ބުނެފައެވެ.

މި ވީޑިއޯއާއެކު ބޮލީވުޑްގެ ތަރިންވަނީ މަހިމާއަށް ހިތްވަރުދީ ހެޔޮ ދުޢާގެ މެސެޖްތައް ރައްދުކޮށްފައެވެ.

https://www.youtube.com/watch?v=LEfrwDK0tv0