ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އދ. މާމިގިއްޔަށް ވަޑައިގެންފިއެވެ.

މައުލޫމާތު ލިބޭގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.

ރައީސް ސާލިހު މިއަދު ހެނދުނު މާމިގިއްޔަށް ވަޑައިގަތުމުން މާމިގިލީ އެއަރޕޯޓުން، ސަރުކާރު ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވަނީ އެމަނިކުފާނަށް ރަތްދޫލައިގެ މަރުހަބާއެއް ދަންނަވާފައެވެ.

ފޮޓޯ: ވީނިއުސް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ އިތުރުން މާމިގިލީގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ އެއަރޕޯޓް ސަރަޙައްދަށް އެއްވެ ރައީސްއަށް މަރުހަބާ ދަންނަވާފައެވެ.

މައުލޫމާތު ލިބޭގޮތުގައި ރައީސް ސާލިހު މާމިގިއްޔަށް ކުރައްވާ މި ދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ސާލިހް މާމިގިއްޔަށް ވަޑައިގެންފާވާއިރު އެންމެފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވަނީ ކޯލިޝަނަކާއެކު ނިކުމެވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާން ޖުމްހޫރީ ޕާޓީން ނިންމާފައިވާއިރު ޕާޓީގެ އިސްތަރުޖަމާނު އަލީ ސާލިހް ވީނިއުސްއާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ޖޭޕީން އިންޚާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރާނެ ގޮތެއް އަދި ނިންމާފައިވާ ނުވާކަމެވެ. އަދި އެ ނިންމުން ނިންމާނީ ޕާޓީގެ ކައުންސިލް މެމްބަރުން ކަމަށްވެސް އަލީ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ވަގުތު ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރަކަށް ހުންނެވީ ރިޔާސީ އިންތިޚާބުގައި ކުރިން ދެ ފަހަރަށް ވާދަކުރައްވާފައިވާ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއެވެ.

އަސާސީ ގަވާއިދުގައިވާ ގޮތަށް ބަދަލެއް ނުގެނެެސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީން ވާދަކުރާ ނަމަ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާނީ އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙިމެވެ.