ކޮވިޑް ޓެސްޓް ހެދުމަށް ޗައިނާގެ ވިޔަފާރީގެ މައި ހަބްގެގޮތުގައި ބެލެވޭ ޝަންހާއީ އަނެއްކާވެސް ލޮކްޑައުންކޮށް އެތައްމިލިއަން މީހުން ގޭގައި ބަންދުކުރަން ޗައިނާ ސަރުކާރުން ނިންމައިފިއެވެ.

ޝަންހާއީ އަނެއްކާވެސް ލޮކްޑައުން މިކުރަނީ، އެ ސިޓީގައި އެންމެފަހުން ހިންގި ހަރުކަށި ލޮކްޑައުންއަށް ނިމުން ގެނައިތާ ދިހަދުވަސް ފަހުންނެވެ.

ޝަންހާއީގައި ހިމެނޭ 16 ޑިސްޓްރިކްޓްގެ ތެރެއިން 14 ޑިސްޓްރިކްޓެއްގެ އެންމެން މި ހަފްތާ ބަންދުތެރޭގައި ޕީސީއާރް ޓެސްޓް ހަދަން ކަމާބެހޭ އިދާރާތަކުން ވަނީ އަމުރުކޮށްފައެވެ. 5 ޑިސްޓްރިކްޓަކުން ބުނެފައިވަނީ، ޓެސްޓް ހެދުން ކުރިއަށްދާއިރު، އާންމުންގެ އެއްވެސް މީހަކު ގެއިން ބޭރަށް ދިއުމުގެ ހުއްދަ ނުދެވޭނޭ ކަމަށެވެ.

އެތައްމިލިއަން މީހުންގެ ޕީސީއާރް ޓެސްޓް ހަދަން މިއުޅެނީ، ޝަންހާއީގެ ބައެއް އަވަށްތަކުން ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް ފެނުމާއި، މަޝްހޫރު ބިއުޓީ ސެލޫނަކުން ފެނުނު ކްލަސްޓަރއެއްގެ ސަބަބުންނެވެ.

ޕީސީއާރް ޓެސްޓް ހެދުމަށް އެތައް މިލިއަން ބަޔަކު ގޭގައި ބަންދުކޮށް އަނެއްކާވެސް ޝަންހާއީ ލޮކްޑައުން ކުރާތީ، ވިޔަފާރިއަށް އެކަމުގެ ސަބަބުން ލިބޭނޭ ގެއްލުންތަކުގެ ބޮޑުކަމުން އެތައް ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހަމަ އެއާއެކު، ހަފްތާ ބަންދުގައި ލޮކްޑައުން ކުރާކަން އެންގުމާ ގުޅިގެން، އާންމުންވަނީ ކާބޯތަކެތި ގަތުމަށް އަވަސްވެގެންފައެވެ. އަދި އޮންލައިންކޮށް ކާބޯތަކެތި ވިއްކާ ޕްލެޓްފޯމްތަކަށްވެސް މަޖުބޫރުވީ ކަބޯތަކެތި އެއްކުރުމަށެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ވީބޯގައި ޝުއޫރު ފާޅުކުރަމުންދާ އާންމުން ބުނަމުންގެންދަނީ، ހަފްތާ ބަންދަށް ލޮކްޑައުން ކުރާ ވާހަކަ ބުނި ނަމަވެސް، އެ މުއްދަތު ދިގު ދެމިގެން ހިނގައިދާނެ ކަމަށެވެ.

ދުނިޔޭގެ ނިސްބަތުން ޗައިނާގައި ކޮވިޑްޖެހޭ މީހުންގެ އަދަދު މަދު ނަމަވެސް، ބަލިޖެހޭ މީހުންގެ އަދަދު އަދިވެސް މަދުކުރަން ޗައިނާގެ ރައީސް ޝީ ޖިންޕިންވަނީ އަމުރު ކުރައްވާފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުން ކޮވިޑް ވައިރަސްއާއެކު އުޅުނު ނަމަވެސް، ޗައިނާއިން ބޭނުންވަނީ ބަލި ކޮންޓްރޯލްކޮށް، އުމުރުން ދުވަސްވީ މީހުން ރައްކާތެރިކުރުމާއި، ސިއްހީ ނިޒާމު ސަލާމަތްކުރުމަށް ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.