އިންޑިއާގައި ވެރިކަންކުރާ ބާރަތިއްޔަ ޖަނާތާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން، އޭޝިޔާގެ އެތައް ގައުމެއްގެ މުސްލިމުން މިއަދުގެ ހުކުރު ނަމަދަށްފަހު މުޒާހަރަކޮށް އިންޑިއާއާ ދެކޮޅަށް ނުރުހުން ފާޅުކޮށް އަޑުއުފުލައިފިއެވެ.
ހުކުރު ދުވަސް ވެގެންދިޔައީ، އިންޑިއާއަށް ނުރުހުން ފާޅުކޮށް އެންމެ ގިނަބަޔަކު މަގުތަކަށް ނުކުމެ އަޑުއުފުލި ދުވަހަށެވެ.
ބަނގްލަދޭޝްގެ ވެރިރަށް ޑާކާގެ މަގުތަކަށް ލައްކައަކަށްވުރެ ގިނަމީހުން ނުކުތްކަމަށް ފުލުހުން ބުނެއެވެ.
މަގުތަކަށް ނުކުތް މީހުންވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ދެކޮޅަށް އަޑުއުފުލައި، މުސްލިމުންގެ ދުޝްމިނުން ފަރުވާތެރިވުމަށް އިންޒާރުކޮށްފައެވެ.
މިއަދުގެ ހުކުރު ނަމާދަށްފަހު ޕާކިސްތާނުގެ ލާހޫރުގެ މަގުތަކަށް ފަސްހާހަށްވުރެ ގިނަމީހުން ނުކުމެ، އިންޑިއާއާ ދެކޮޅަށް ނުރުހުން ފާޅުކޮށް، އިންޑިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައި ވެއެވެ.
ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެބޮޑު އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި ހުންނަ އިންޑިއާ އެމްބަސީ ކުރިމަތީގައި މުސްލިމުން މިއަދު އަޑުއުފުލާފައި ވެއެވެ. މިނޫންވެސް، އިސްލާމީ އެތައް ގައުމެއްގައި މިއަދު އިންޑިއާއާ ދެކޮޅަށް އަޑުއުފުލުގައި މުޒާހަރާތައް ބާއްވާފައި ވެއެވެ.
އިންޑިއާގެ އާބާދީގައި 200 މިލިއަނަށްވުރެ ގިނަ މުސްލިމުން ހިމެނޭއިރު، އިންޑިއާގެ އެކި ސިޓީތަކުގައިވެސް މުސްލިމުން މިއަދު އެއްވުންތައް ބާއްވައި، ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ކުށްވެރިކޮށް އަޑުއުފުލާފައި ވެއެވެ.
އެންމެ ގިނަމީހުން މިއަދު އެއްވީ، ވެރިރަށް ނިއުދިއްލީގައި ހުންނަ 17 ވަނަ ގަރުނުގެ ޖަމާ މަސްޖިދު ކައިރިއަށެވެ.
އިންޑިއާގައި ހުންނަ މުސްލިމުންގެ އެންމެ ޝަރަފްވެރި ޔުނިވަރސިޓީ ކަމަށްވާ ޖާމިއާ މިލިއާ އިސްލާމިއާގެ ދަރިވަރުން، ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކި ބީޖޭޕީގެ ތަރުޖަމާނު ނުޕޫރް ޝާރްމާގެ ސިފައަށް ހަދާފައިވަ ބުދެއްގައި ހުޅުޖަހައި އަންދައި، ނުރުހުން ފާޅުކުރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ/
މުސްލިމުން މުޒާހަރާ ކުރާނެތީ، އިންޑިއާ ސަރުކާރުން މިއަދުވަނީ ކަޝްމީރުގެ މިސްކިތްތައް ބަންދުކޮށް އިންޓަރނެޓުގެ ޚިދުމަތްވެސް ކަނޑާލައި ކާފިއު ހިންގާފައެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި، މުސްލިމުންގެ ރުޅިވެރިކަމާއި އަދި އިސްލާމީ އެތައް ގައުމެއްގެ ނުރުހުން މިދިޔަ ހަފްތާއިން ފެށިގެން އިންޑިއާ ސަރުކާރަށް އަމާޒުވެފައި ވެއެވެ.
އިސްލާމީ 20 ގައުމަކުންވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާގެ އެމްބަސެޑަރުން ޚާރިޖިއްޔާއަށް ހާޟިރުކޮށް، މިމައްސަލާގައި ނުރުހުން ފާޅުކޮށް ސުވާލުކޮށްފައެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީންނާއި، އިންޑިއާ ސަރުކާރުގެ ޚާރިޖިއްޔާއިން ވަނީ، އިސްލާމީ ގައުމުތަކާއި މުސްލިމުންގެ ރުޅިވެރިކަން އަމާޒުވުމުން، އިންޑިއާ ސަރުކާރަށް އެކަމުން ލިބޭނެ ގެއްލުން ކުޑަކުރުމަށް މަސައްކަތް ފަށާފައެވެ.
އެގޮތުން، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކި ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރްމާ މަގާމުން ސަސްޕެންޑްކޮށްފައި ވެއެވެ. އަދި ބީޖޭޕީގެ ފަރާތުން ޓީވީ ބަހުސްތަކަށް އަރާ މީހުން ދީނީ މައްސަލަތަކުގައި ވާހަކަ ދައްކާއިރު، އެހެން ދީންތަކަށް އިހްތިރާމް ކުރުމާއެކު ވިސްނުންތެރިކަމާއެކު ވާހަކަ ދައްކަންވެސް ވަނީ އަންގާފައެވެ.