ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރުމާއި ދެކޮޅަށް ސައިކަލު ބުރެއް ބާއްވަން ޒުވާނުންތަކެއް އިސްނަގައިފިއެވެ.

ޒުވާނުންތަކެއް އިސްނަގައިގެން މާލޭގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މި ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 04:00 ގައި ރަސްފަންނު ސަރަހައްދުންނެވެ. މި ސައިކަލު ބުރަކީ ސިޔާސީ ޕާޓީއަކުން އިންތިޒާމްކުރާ ސައިކަލުބުރަަކަށް ނުވި ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަން ޝާމިލުވާ ހަރަކާތެެކެވެ.

ހުކުރު ދުވަހު ޕީޕީއެމްގެ ޒުވާނުންގެ ގޮފިން ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވައި، މިކަން ހާމަކޮށްފައެވެ. އެ ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ ޒުވާނުންގެ ގޮފިން ވަނީ ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރުމާއި ދެކޮޅަށް ބާއްވާ ސައިކަލު ބުރަށް ޕީޕީއެމް އާއި ޕީޕީއެމްގެ ޒުވާނުންގެ ގޮފިން އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.

މި ސައިކަލު ބުރަކީ އަވަށްޓެރި އިންޑިއާ ސަރުކާރު ހިންގާ ޕާޓީގެ އޮފިޝަލަކު ރަސޫލާ صلى الله عليه وسلم އަށް ކުޑައިމީސްކޮށް ވާހަކަދެއްކުމުން އޭނާއަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި ބައިވެރިވެ އެ ޤައުމުގައި ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނު ވަނީ ކީރިތި ރަސޫލާ صلى الله عليه وسلم އާއި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށްފައެވެ. އެގޮތުން ނަބިއްޔާ صلى الله عليه وسلمއަށް ނިސްބަތްކޮށް ހުތުރު ބަސްތައް ބޭނުންކޮށް، އެކަލޭގެފާނުގެ ޝަޚުޞިއްޔަތަށް ތައުހީނުކުރުމުގެ އިތުރުން، ކީރިތި ޤުރުއާނަށްވެސް ފުރައްސާރަކޮށް، އެ ފޮތާމެދު ނަފުރަތާއި ރުޅިވެރިކަން އުފައްދަން އޭނާ ވަނީ މަސައްކަތްކޮށްފައެވެ.

މިމައްސަލަ ހޫނުވުމުން ބީޖޭޕީއަށް ޕްރެޝަރު ބޮޑުވެގެން މި ވާހަކަތައް ދެއްކި އޮފިޝަލުންނާއި މެދު މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ.