މެދުކެނޑުމަކަށް ފަހު ތައިލެންޑްގެ ވެރިކަންކުރާ ބެންކޮކް ސިޓީން ރާއްޖެއަށް ދަތުރުތައް ފެށުމަށް ބެންކޮކް އެއާވޭސް އިން ނިންމައިފިއެވެ.
ކުރިން ހަފްތާއަކު ހަތަރު ދަތުރު ބެންކޮކުން ރާއްޖެއަށް ކުރަމުން ދިޔަ ސީދާ ދަތުރުތައް ހުއްޓާލީ ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރުގެ ތެރޭގައެވެ.
ބެންކޮކް އެއާވޭސްގެ ދަތުރުތައް ބެންކޮކްގެ ސުވަނަބަމީ އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަލުން ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުއެވެ.
މި ދަތުރުތައް ޝެޑިއުލްކޮށްފައި ވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހަށެވެ.
ބެންކޮކް އެއާވޭސްގެ އިތުރުން، ތައި އެއާ އޭޝިއާ އިން ވެސް ރާއްޖެ އާއި ބެންކޮކާ ދެމެދު ދަތުރުތައް ކުރެއެވެ. ތައިއެއާ އޭޝިއާ ދަތުުތައް ކުރަނީ ހަފްތާއަކު ދެ ދުވަހުއެވެ.
އާއްމު ގޮތެއްގައި ބެންކޮކް އެއާވޭސްގެ ޓިކެޓެއް ލިބެނީ 500 ޑޮލަރުން މަތީގެ އަގެއްގައެވެ.
ކޮވިޑަށް-19ގެ ނުރައްކާ ހާލަތަށް ފަހު ތައިލެންޑް އަލުން ހުޅުވާލާފައިވާއިރު ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން ތައިލެންޑްގައި ކަރަންޓީން ވާކަށް ނުޖެހެއެވެ.