ފުވައްމުލައް ސިޓީގައި އިމާރާތް ކުރަމުންދާ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒްގެ މަސައްކަތް ކުރިޔަށްދާގޮތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ބައްލަވާލައްވައިފިއެވެ.
މިނިސްޓަރު ފުވައްމުލަކަށް ވަޑައިގަތީ އެ ރަށުގެ އިމާމުންނާއި ޚަޠީބުންނަށް ޚާއްސަކޮށްގެން، ތަމްރީނު ޕްރޮގްރާމެއް ފެއްޓެވުމަށްޓަކައެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގަ ފުވައްމުލައް ސިޓީގައި އަލަށް އިމާރާތް ކުރަމުންދާ މިސްކިތްތަކާއި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒްގެ މަސައްކަތް ކުރިޔަށްދާގޮތް މިނިސްޓަރު ބައްލަވާލެއްވީ މިއަދުގެ ވަގުތެއްގައެވެ.
ސަރުކާރުން ފުވައްމުލަކުގަ އިމާރާތްކުރާ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށީ އޭޕްރީލް މަހުގެ 23ވަނަ ދުވަހުއެވެ.
ޤުރްއާނާ ބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި އެ މަރުކަޒުގެ ތެރެއިން މުސްތަގިއްލުކަމާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާ، މިއީ އެ ސަރަޙައްދުގެ މައި މަރުކަޒަކަށް ހައްދަވާދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް ކުރިއެރުން ލިބެންއޮތީ ރަނގަޅު ޖީލެއް ބިނާކުރެވިގެން ކަމަށާއި އެކަމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި އިލްމު އުނގެނިވަޑައިގެން ތިއްބެވި ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އަދި މި މަސްޢޫލިއްޔަތަކީ މުޖްތަމަޢުގެ ވަކި ބައެއްގެ ޒިންމާއެއްގެ ގޮތުގައި ނުދެކި، މުޅި މުޖްތަމަޢުގެ އެންމެން ގުޅިގެން ކުރަންޖެހިފައިވާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ.
ފުވައްމުލަކުގަ ޤާއިމްކުރާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ރިސެޕްޝަނާއި މީޓިން ރޫމްގެ އިތުރުން އޮޑިޓޯރިއަމަކާއި ލައިބްރަރީއެއް ހިމެނެއެވެ.
މި އިމާރާތުގައި އޮފީސް ހިންގުމަށް ވަކިން ބަޔަކާއި ގުދަނާއި ފާހަނާ ވެސް ހިމެނޭއިރު ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ނަމާދުކުރަން ކޮޓަރިއެއްވެސް ހިމެނޭނެއެވެ.
ޖުމްލަ 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މި މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައިޒަރ ޕްރައިވެޓް ލިމިޓެޑާއެވެ.