ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާޙިމް ހުކުރު ދުވަހު ބައްދަލުކުރެއްވިއިރު، އެ ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށް ޖޭޕީން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވާން ފެށި ފޮޓޯއަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލަށް އަމާޒުވެފައިވާއިރު، ޖޭޕީގެ އިސްތަރުޖަމާނު އަލީ ޞާލިހް ވީނިއުސްއަށް ވިދާޅުވީ، ފޮޓޯގައި ފެންނަނީ އެއާޕޯޓްގެ ވީއައިޕީ ލައުންޖް ކަމަށެވެ. ރައީސް ޞާލިހާއި ޖޭޕީ ލީޑަރު ބައްދަލުކުރެއްވީ ސަން އައިލެންޑްގައި ކަމަށް އަލީ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ވީނިއުސްއާ ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް އެމްއެންޑީއެފްގެ އެކިއެކި ރޭންކުތަކުގެ އޮފިސަރުން އަތޮޅުތެރެ އާއި ރާއްޖޭން ބޭރަށް ދަތުރުތައް ކުރައްވާ ކަމަށެވެ. އަދި އެއިން ކޮންމެ ދަތުރެއްގެ މައުލޫމާތަކީ މީޑިއާއަށް ތިލަކުރާ މައުލޫމާތު ނޫން ކަމަށާއި ތުހުމަތުތަކަށް އިތުރު ކޮމެންޓެއް ނެތް ކަމަށް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ބައްދަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، އިއްޔެ މާމިގިއްޔަށް ކުރެއްވި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ބައިވެރިވެވަޑައިގަތް ކަމަށް ބުނެ ހަގީގަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ އިރު، ސިފައިންގެ ގާނޫނާއި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި ސިފައިންގެ ކޯޑް އޮފް ކޮންޑަކްޓް ބުނާ ގޮތުން ސިފައިން ސިޔާސީ ކަންކަމުގައި ބައިވެރިވުމަކީ މަނާ ކަމެކެވެ.

ފޮޓޯއިން ފެންނަނީ މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓުގެ ލައުންޖުގައި ރަައީސްގެ އަރިހުގައި ވަޑައިގެން ބޭފުޅުންނާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްގެ އިތުރުން ޖޭޕީ ލީޑަރ ޤާސިމް އިބްރާޙިމް ތިއްބެވި މަންޒަރެވެ.

އެއީ ސިޔާސީ ބައްދަލުވުމެއް ނޫންކަން ޖޭޕީން ކަށަވަރުކޮށްދެއެވެ.