ތިރީގައި މިވަނީ، ވާހަކަ ލިއުންތެރިޔާ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.

*****

(5 ޖޫން 2022 އާ ގުޅޭ)

އިރު އޮއްސެން ގާތްވަމުންދާތީ ހަވީރު ފިންޏަށް ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުތް ފަރާތްތަށް އަނބުރާ ގެޔަށް ދާން ސައިކަލުތަކާއި ހިނގާފައިދާ މަންޒަރަށް ބަލަންށެވެ. އަހަރެންނަށް އެއިން ކޮންމެ މީހެއް ސިފަވަނީ އެއީ އަހަރެންގެ މަންމަ އާއި ބައްޕަ އަހަރެން ގޮވައިގެން ދަނީ ކަމަށެވެ. ކޮންމެވެސް ވަރަކަށް ލޮލުން ކަރުނަ ހިލެން ފެށުމާއިއެކު އަވަހަށް އަހަރެން ދެލޯ މަރާލުމަށްފަހު ހަމަ ޖެހިލީމެވެ. ބައްޕަ ގާތުގައި އިނުމުން އަހަރެން ރޯންފަށައިފިނަމަ ވަރަށް ކަންބޮޑު ވާނެއެވެ. އަހަރެން އެގޮތް ބޭނުން ނުވަނީއެވެ.

ގެޔައް ވަދެވުމާއިއެކު އަހަރެން އަވަސްވެގަތީ އަހަރެންގެ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރިއަށްވަދެ ދޮރު ތަޅުލާފައި އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. ހިތުގައި ކެކި އަރަމުންދިޔަ ޖަޒުބާތުތަށް ކަރުނައިގެ ސިފައިގައި އަހަރެންގެ ކޯތާފަތަށް ފައިބާގަންނަން މާގިނަ އިރުތަކެއް ނުނެގިއެވެ. މަޑުމަޑުން އަހަރެންނަށް ގިސްލެވެން ފެށުނެވެ. ދޮރުގައި ލެނގި މީހާގެ ބަރަށް ދޮރުބުޑަށް ތިރިވެ ދެ ކަކުލުގައި ބޯޖަހާފައި ފެށުނީ ރޯށެވެ. މައިވަންތަ ކަމުގެ ލޯބިން އަހަރެން މަހުރޫމް ނުވިޔަސް އަހަރެންނަށް އެ އިހްސާސް ކުރެވެނީއެވެ. ބައްޕަ އެއްގެ އޯގާތެރިކަން އަހަރެންނަށް ލިބުނެއް ކަމަކު އަހަރެން ވަނީ އެކަމަށް ފެންބޮވައި ގަނެފައެވެ. ހަހުރަވެތި އާއިލާއެއް ލިބިފައި ވީނަމަވެސް އާއިލީ ލޯތްބަށް އެދެވެނީއެވެ. މި އިހްސާސްތަށް އަހަރެން ބަޔާންކުރާނެ ގޮތެއް ނޭގެއެވެ. ފަހަރުގައި މީހުންނަށް އަހަރެންނަކީ ވަރަށް އުފަލުގައި އުޅޭ މީހެއް ކަމަށް ހީވިނަމަވެސް އަހަރެންގެ ހިތް ވަނީ ޖަވާބު ލިބުމެއްނެތް އެތަކެއް ސުވާލު ތަކަކުން ފުރިފައެވެ. ފަހަރުގައި އަހަރެންގެ މުޅި އުމުރުގައި އަހަރެންގެ މިސުވާލުތަކަށް ޖަވާބު ލިބުމެއް އަހަރެންގެ ތަގުދީރުގައި ނެތީކަން ނޭގެއެވެ.

ރޯން އިނދެވުނީ ކިހާ އިރަކު ކަމެއް ނޭގުނެވެ. މަންމަ ގޮވާލި އަޑަށް އަހަރެންނަށް ދެލޯ ހުޅުވާލެވުނުއިރު އަހަރެންނަށް އޮވެވުނީ ދޮރު ބުޑުގައި ނިދިފައެވެ. ލޯހުޅުވައިލުމަށްފަހު އަހަރެންވެސް ވާނުވާ ނޭނގި ހިނދުކޮޅަކު އޮވެވުނެވެ. ދެވަނަ ފަހަރަށް މަންމަ ގޮވާލެއްވުމުން އަހަރެން ދޮރުގައި ޓަކި ދިނީ ޖަވާބެއްގެ ގޮތުންނެވެ. ކުރު ގެޅިފައިއޮތް އަހަރެން އުއްޑުންޖެހިލައި ދޮރުބުޑުގައި އޮށޯވެލީމެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހިލީމެވެ. އެވަރަށް ރޮވުނީމަވެސް ކަންނޭގެއެވެ. އަހަރެންގެ ހިތަށް ވަނީ ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިފައެވެ. ކުޑައިރުކޮޅަކު އެހެން އޮވެލުމަށްފަހު އަހަރެން ވަނީ ފާޚާނާއަށެވެ. ހަށިގަނޑަށް ލިބިފައިހުރި ވަރުބަލިކަން ފިލުވާލުމަށް ރަނގަޅަށް ހޫނުފެނުން ފެންވަރާލީމެވެ.

ހަމަޖެހިލައިގެން ބޭރަށް ނުކުތްއިރު މަންމަ އާއި ބައްޕަ ރޭގަނޑު އަށެއްގެ ހަބަރު ބަލަން ތިއްބެވެ. އަހަރެން ފެނުމާއިއެކު އަހަރެންގާތު ބައްޕަމެންނާއިއެކު ހަބަރު ބެލުމަށް ދައުވަތު ދިނެވެ. މޫނުމަތިން ޝައުގުވެރިކަމެއް ނުދެއްކި ނަމަވެސް ފޫހިކަމާއިއެކު އަހަރެންގޮސް އެމީހުންގާތު އިށީނދެ ހަމަޖެހިލީމެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ރޭގަނޑު އެއީ އަހަރެމެންގެ އާއިލީ ވަގުތެވެ. ހުރިހާކަމެއް ހުސްކޮށްފައި ބައްޕަވެސް އަދި މަންމަވެސް އަހަރެންނާއިއެކު ރޭގަނޑު ހޭދަކުރާނެއެވެ. އަހަރެމެންގެ އާދައިގެމަތިން ރޭގަނޑު އަށެއްގެ ހަބަރު ބަލާނީ އެންމެން އެއްކޮށެވެ. ބައްޕަ ނަސޭހަތްތެރި ވާގޮތުންނަމަ ކަންކަން ހިނގާ ނުހިނގާ ގޮތްބަލާ ދުނިޔެއަށް ލޯހުޅުވެން ހަމަބަރު ބެލުމަކީ މުހިންމު ކަމެކެވެ. ކާމިޔާބު މީހަކަށްވުމަށް ފަތިހު އަވަހަށް ހޭލުމާއި ބަރާބަރަށް ނަމާދު ކުރުމަކީ މުހިންމު ކަމެކެވެ. އަހަރެންވެސް ބައްޕަ ފަދައިން ކާމިޔާބު މީހަކަށްވުމަށް މިކަންކަމަށް ވަރަށް ސަމާލުކަންދެމެވެ.

ރޭގަނޑުގެ ނާސްތާ ތައްޔާރުވުމާއިއެކު ސުފުރާއަށް އިންސާފުކުރުމަށް މޭޒުދޮށުގައި އަހަރެމެން ތަރުތީބު ވެލީމެވެ. މީގެކުރިން އަހަރެމެންނަކީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުންދާވަގުތު ދުވަހުގެ އެކި ވާހަކަތަށް އެކަކު އަނެކަކަށް ހިއްސާކުރާ ވަގުތެއް ނަމަވެސް މިއަދު މުޅި މާހައުލަށް ވަނީ ހިމޭންކަމެއް ވެރިވެފައެވެ. މަންމަވެސް ބައްޕަވެސް އަނގައިން ނުބުނެއެވެ. އަހަރެންވެސް އިނީ އަމުދުން ވާހަކަ ދައްކަން ބޭނުންވެފައި ނޫންކަމުން އިސްވެ އަނގައިން ބުނަން ބޭނުން ނުވެފައެވެ. ތަށްޓެއްގައި ސަމުސަލެއް ޖެހިލާއަޑާ, އުލާއި ސަމުސާ ޖެހިލާއަޑުގެ އިތުރުން ބައެއްފަހަރު ތަށިތަށް ނަގަނަގާފައި ބަހައްޓާ އަޑު ފިޔަވާ މުޅި ގޭތެރޭގައި ވަނީ ހިމޭންކަމެވެ.

ކުށްލިޔަކަށް ބައްޕަ ކަރުކެހިލި އަޑާއިއެކު ތަނުގެ ހިމޭންކަން ގެއްލިގެން ދިޔައެވެ. އަދި އަހަރެންނާއި ދިމާލަށް މިއަދު ދަރިފުޅަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވިފައި ވާކަމަށާއި ލޮލުގައި ހުރި ރަތްކަމުން ކޮންމެވެސް ކަމަކާއި ހިތާމަ ކޮށްފައި ވާކަން މަންމައާއި ބައްޕައަށް އެގޭކަމުގައި ބުންޏެވެ. އަދި މިއަދު ކާރުގައި ފެންކަޅިވެފައި އިންކަން ބައްޕަޔަށް އެނގުނުކަން ހާމަ ކުރިއެވެ. އަހަރެން ބޭނުންވާނަމަ ކޮންމެކަމެއްވެސް އުފަލުން ކޮށްދޭނެ ކަމަށާއި ކަންބޮޑުވާ ކަމެއް އޮތްނަމަ އެކަމެއް ބުނުމަށް އެދުނެވެ. ހަގީގަތުގައި އަހަރެންނަކަށް މަދު އެކަށްޗެއްވެސް ނެތެވެ. އެންމެ އެއްޗެއް ފިޔަވައެވެ. އެއީ އަހަރެންގެ ތަޤުދީރުގައި ލިޔެވިފައި ނެތް އެއްޗެކެވެ. ކިތަންމެ އެދުނަސް އިލާހިއްޔަ ގަލަމުން ތަގުދީރުގައި ލިޔެވިފައި ނެތް ނަސީބެއް ސައުދާގަރަކަށްވެސް ނުލިބޭނެތީއެވެ.

އަހަރެންގެ އަސްލު މަންމައާއި ބައްޕަ ދައްކާލަން އަހަރެންނަށް އެދެވުނީ ބޭއިހްތިޔާރުގައެވެ. އަދި އުފަންދުވަހުގެ ހަދިޔާއަކަށް އަހަރެން ދުވަހަކު ނޭދެން ކަމަށާއި މިއީ އަހަރެންނަށް މަންމައާއި ބައްޕަގެ ފަރާތުން ދޭ އުފަންދުވަހުގެ ހަދިޔާއެއްގޮތުގައި ދެކުމަށް އަހަރެން އެދުނީމެވެ. ކަންތައްތައްވީ އަހަރެން ހީކުރިގޮތާއި ހިލާފަށެވެ. މާކުރިން ބައްޕައަށް އަހަރެން މިއަދު ބައްޕަގެ ކެބިންގައި އެ މަންޒަރަކަށް ގެއްލިފައި ބަލަން ހުރެވުނު މަންޒަރު ވަނީ ފެނިފައެވެ. އަދި އޭގެފަހުން އަހަރެންނަށް އައި ބަދަލުތަކާއިއެކު ބައްޕައަށް ވަނީ ހުރިހާކަމެއް ސާފުކޮށް އެނގިފައެވެ. ބައްޕަ ވަނީ މަންމައަށް މިހުރިހާ ވާހަކަތަކެއް ހިއްސާކޮއްފައެވެ. އެހެންކަމުން އެމީހުންތިބީ މިކަންކަމަށް ފުރިހަމައަށް ތައްޔާރު ވެފައެވެ.

ބައްޕަގެ ބޮލުގެ އިޝާރާތަށް ކާންއިން އުލާއި ސަމުސާ ބޭއްވުމަށްފަހު މަންމަ ތެދުވެގެން ދިޔައީ ކޮޓަރިއަށެވެ. އަހަރެން އިނީ ވާނުވާނޭނގި މަންމަ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މަންމަ ކޮޓަރިއަށް ވަނުމުން އަހަރެން ސުވާލުތަކުން ފުރިފައި ހުރި މޫނަކައިގެން ބަލައިލީ ބައްޕަ އަށެވެ. އެވަގުތު މަންމަ އަލުން ކޮޓަރިން ނިކުމެގެންއައިސް ގޮނޑީގައި އިށީނދެ އަތުގައިއޮތް ފޮޓޯގަނޑު މޭޒުމަތީގައި ބޭއްވިއެވެ. އަދި އަހަރެންނާއި ދިމާލަށް ފޮޓޯގަނޑު ޖައްސާލިއެވެ. ކަންދިމާކުރިގޮތުން ކަންނޭނގެއެވެ. ނޫނީ މަންމަ ގަސްތުގައި ފޮޓޯގަނޑު އިދިފުށައް ބޭއްވީ ކަމެއް ނޭގުނެވެ. އަހަރެން އިނީ ފޮޓޯގަނޑު ނަގަން ޖެހިލުންވެފައެވެ. އެންމެ ބޮޑުވަރަކަށްވެސް އަހަރެންނަށް ބަލައިލެވުނީ މަންމައާއި ބައްޕަގެ މޫނަށެވެ. އެދެމީހުންވެސް އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.

ފޮޓޯގަނޑުނަގަން އަހަރެންހުރީ ޖެހިލުންވެފައިކަމުން މަންމަ ވާހަކަ ދައްކަންފެށިއެވެ. މަންމަ އާއި ބައްޕަ އަހަރެންދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ބުންޏެވެ. އަދި އަހަރެންނަކީ އެމީހުންގެ ނުއުފަންނަ ދަރިއެއްކަމަކު ދުވަހަކުވެސް އެފަދަ ގޮތަކަށް ނުދެކޭކަމަށް މަންމަ ދިޔައީ ކިޔައިދެމުންނެވެ. މަންމަގެ ވާހަކަ ނިމުމުން ބައްޕަ އަހަރެންގެ އެއްއަތުގައި ހިފައި ބައްޕަގެ މުށައް ލިއެވެ. އަދި ފެންކަޅިވެފައިވާ ދެލޮލުން ވަރަށް މާނަފުން ނަޒަރަކުން އަހަރެންނާއި ހަތަރުކަޅި ހަމަކުރިއެވެ. ހަމަ އެވަގުތު އަހަރެންގެ ހުހަށް އޮތް އަތުގައި މަންމަ ހިފިއެވެ. އަދި މަންމަގެ މުށުތެރެޔަށް ލައި ބާރުކޮށްލިއެވެ. ބައްޕައެކޭ އެއްގޮތަށް މަންމަވެސް އިނީ އަސަރުން ފުރިފައި އަހަރެންނަށް ބަލަންށެވެ. މަންމަ އާއި އަހަރެން ހަތަރުކަޅި ހަމަވި ވަގުތަކީ އެ ދެލޮލުން އަހަރެންނަށް އޮތް ލޯތްބާއި ކުލުނު މައުނަވީ ގޮތެއްގައި ހަމަރެންނަށް ހާމަވެގެން ދިޔަ ވަގުތުކޮޅެކެވެ.

ބައްޕަގެ ވާހަކަ ފެށީ އަސަރުން ފުރިގެންވާ އަޑަކުންނެވެ. މިއީ ދެކެން ބޭނުންވި ދުވަހެއް ނޫންނަމަވެސް މިދުވަސް އަންނާނެކަން މާކުރިން އެނގޭކަމަށާއި ހިތާއި ދެކޮޅަށް ނަމަވެސް ހަގީގަތާއި ކުރިމަތިލާން ދިޔައީ ތައްޔާރު ވަމުންކަމުގައި ބުންޏެވެ. އަދި އަހަރެންނަށް އަށާރަ އަހަރު ވީދުވަހު މަންމަ އާއި ބައްޕަ އަހަރެންނަށް ހަގީގަތް ކިޔާދިން ނަމަވެސް އަހަރެންގެ ޅަސިކުނޑިއަށް އޭރު އެއީ މާބޮޑުކަމަކަށް ނުވީއެވެ. ވާނީވެސް ކިހިނެއްތޯއެވެ؟ އަހަރެންނަށް މަދީ ކޮންއެއްޗެއް ހެއްޔެވެ. އަހަރެންނަށް ނުލިބެނީ ކޮން އުފަލެއް ހެއްޔެވެ.

އަހަރެންގެ ދެވަނަ މަންމައަކީ ދަރިން ނުލިބޭ ދެމަފިރިންނެވެ. ހަގީގަތުގައި ދަރިން ނުލިބެނީ މަންމަ އަށެވެ. ބައްޕަގެ ހުރިހާ ޓެސްޓްތަކެއް ރަނގަޅެވެ. އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް މަންމައަށް ކުޑައިރު ލިބުނު އަނިޔާއެއްގެ ސަބަބުން ދަރިން ލިބުމުން މަހުރޫމުވީއެވެ. ތަގުދީރަކީ ފައިސާއިން ލިޔާ އެއްޗެއްނަމަ އެމީހުން އެކަން ކުރީހެވެ. މަންމަ ބައްޕަ ގާތު ދެވަނަ ކައިވެއްޏެއް ކުރުމަށް ވަރަށް އެދުނުނަމަވެސް ބައްޕަ އެކަމަށް އިންކާރު ކުރިއެވެ. ބައްޕައަށް ހަމައެކަނި ލޯބި ވެވުނީ މަންމަ ދެކެކަމަށާއި އުމުރަށް އެގޮތުގައި ހުންނާނެކަމަށް ބުނެއެވެ. މަންމަ އާއި ބައްޕަގެ ކައިވެއްޏަށް 23 އަހަރު ފަހުން މަންމަ ފުރަތަމަ ފަހަރަށް ބަލިވެ އިންކަން އެގުނު ދުވަހަކީ އެމީހުންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ.

މާބަނޑު ދުވަސްވަރަކީ މަންމައަށް މާފަސޭހަ ދުވަސްތަކަކަށް ނުވިއެވެ. 7 މަސް ހޭދަކުރަން ޖެހުނީ ބެޑް ރެސްޓުގައެވެ. މީރުހާ ކާނާއާއި ދަރިފުޅުގެ ސިއްހަތަށް ފައިދާކުރާނެ އުފެއްދުންތަށް ގެނައީ ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެކަމަށް ބައްޕަ ހާއްސަކުރި ޑައިޓީޝަނެވެ. ބައްޕަގެ ހުރިހާ މަސައްކަތެއް ދޫކޮށްލުމަށްފަހު އަބަދުމެ ހުންނަނީ މަންމަ ކައިރީގައެވެ. ދެފަރާތުގެ އާއިލާއާއި ރައްޓެހިން އަބަދުމެ މަންމަގެ ހިތް އުފާކޮށްދިނުމުގައި މަސްއޫލު ވެލިއެވެ. މަންމަގެ ހިދުމަތުގައި ނަރުހުން ޑިއުޓީކުރެއެވެ. އަބަދުމެ އޮންކޯލްގައި ޑަކްޓަރަކު ހުރެއެވެ. ފައިސާއިން ކުރެވެންހުރި ހުރިހާކަމެއް އެފަދަ ދެވަނައެއްނެތް ދަރަޖައަށް ހުރީ ހަމަޖައްސާފައެވެ. ވާނީވެސް އެހެންތާއެވެ. 23 އަހަރު ކަޅިއަރާފައި ތިބެ ކުރި ދިގު އިންތިޒާރަށް ނިމުމެއް އަންނަނީއެވެ.

އަހަރެންގެ އެޑޮޕްޓެޑް ޕޭރެންޓްސްއަށް އެތަކެއް ފަރުވާއަށްފަހު އަމިއްލަ ދަރިއަކު ލިބުމަށް ލިބުނު ހަމައެކަނި ފުރުސަތު ބީވެގެންދިޔައީ އަހަރެން އުފަންވިވަގުތެވެ. ކަން ދިމާކުރިގޮތުން އަލިފާނުގެ ހާދިސާއަކަށްފަހު މުޅި ރަށުން ކަރަންޓު ދިޔަތާ އެއީ 3 ވަނަ ދުވަހެވެ. އެންމެފަހުން ހޮސްޕިޓަލްގެ އިމަރޖެންސީ ޖަނަރޭޓަރުތަކަށް ބާރު ބޮޑުވެ ނިވުނު ވަގުތަކީ އަހަރެންގެ ދެ މަންމަވެސް ވިހަން ވެއްދި ވަގުތެވެ. ޕްރައިވެޓް ވޯޑުގައި ކަރަންޓު ނެތުމުން ދެ މަންމަވެސް ވިއްސީ އެއް ވޯޑުގައެވެ. ހޮސްޕިޓަލުގައި ކަރަންޓު ނެތުމުގެ ސަބަބުން އެތަށް ހިދުމަތްތަކަކަށް ބުރޫއަރާފައިވާ ވަގުތެއްކަމުން ކޮންމެހެން ވަގުތުން ކުރަން ޖެހުނު ސާރޖަރީއެއް ނުކުރެވި އަހަރެންގެ އަސްލު މަންމަ ވިހެއުމުގެ ތެރޭގައި ނިޔާވީއެވެ. އަދި އަހަރެންގެ އެޑޮޕްޓެޑް މަންމަގެ ދަރިފުޅު ވިހެއުމުގެތެރޭގައި ނިޔާވީއެވެ.

އަހަރެންގެ އަސްލު މަންމައަކީ އެކަނިވެރިއެކެވެ. އާއިލާގެ ނުގަބޫލުގައި ކުރި ކައިވެއްޏެއްކަމުން އާއިލާއިން އަހަރެންގެ އަސްލު މަންމަ އާއިލާއާއި ދުރުކޮށް ގުޅުން ކަނޑާލީއެވެ. މަންމަގެ މުޅި ހަޔާތް "ނަރަކަ" އެއްގެ ތެރެޔަށް އެއްލައިލެވުނީ ކަނު ލޯތްބެއްގެ އަވާގައި ޖެހިގެންނެވެ. މަންމަ ވިލާތަކުމަތީ ނިންދަވާ ތަރިތަކުން އުނގު ޖަރީކޮއްލަދޭންބުނި ފިރިމީހާގެ ލޯބިވެތި ފިރުމުންތަކާއި އަޅާލުމަށް އެންމެ ބޭނުންވިދުވަހު ރަށުތެރެޔަށް ފަލީހަތް ކޮށްލީއެވެ. އެތަކެއް ބަދުނާމެއް ބޮލުގައި އަޅުވައި އެކަނިކޮށްލީއެވެ. ނުކުރާކަށް އަނިޔާއެއްނެތީއެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ. އެންމެ ފަހުން ޖިންސީއަނިޔާގެ ޝިކާރައަކަށްވާންފެށި ހިސާބުން މަންމަގެ ކެތްތެރިކަން ކޮޅުންލީއެވެ.

އަނިޔާވެރި ފިރިއެއްގެ ކިބައިން ސަލާމަތްވިއިރު މަންމަ އިނީ އަހަރެންނަށް ބަލިވެއެވެ. އާއިލާގެ މީހުންގެ އެއްބާރުލުން ނުލިބުމުން ބައެއް ރައްޓެހިންގެ މަދަދުވެރިކަމުގައި އެކަނި މާއެކަނި ނުވަމަހާއި ނުވަދުވަހު އަހަރެން ބަނޑުގައި ރައްކާތެރިކަމާއިއެކު ބޭއްވުމަށްފަހު އަހަރެން މިދުނިޔެއަށް ލީފުރަތަމަ ނޭވާ އާއިއެކު މަންމަގެ ފަހު ނޭވާ ދޫކޮށްލީއެވެ. މަންމަ ނެތްދުނިއޭގައި މަންމަގެ އާއިލާއިން އަހަރެންނާއި ހަވާލު ނުވުމުން އަހަރެންގެ ނޫފަންނަ މަންމަ އަހަރެން ދަރިއެއްފަދައިން ބަލައިގަތީއެވެ. މަންމަ އާއި ބައްޕަގެ ވާހަކަތަށް ނިމުމާއިއެކު އަހަރެން ކުރިމަތީގައި އޮތް ފޮޓޯގަނޑު އަނެއްފުށުން ޖަހާލީމެވެ. (ނިމުނީ)