އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރް ޕްރަދޭޝްގެ ފުލުހުންގެ ފުރިހަމަ ހިމާޔަތުގައި މުނިސިޕަލް ޓީމުތަކުން ބުލްޑޯޒަރު ނެރެގެން އެ ސްޓޭޓްގެ ބައެއް އަވަށްތަކުގައި ހުރި މުސްލިމުންގެ ގެދޮރު ހަލާކުކުރަން ފަށައިފިއެވެ.
މިކަން ފަށާފައިވަނީ އުއްތަރް ޕްރަދޭޝްގެ ސްޓޭޓް ސަރުކާރުގެ އަމުރަށެވެ.
އުއްތަރް ޕްރަދޭޝްގެ ސަހާރަންޕޫރުގައި ހުރި ގެތައް ހަލާކުކުރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ.
މުސްލިމުންގެ ގެދޮރު ހަލާކުކުރާތީ އެކަމާ ނުރުހުން ފާޅުކޮށް އަޑުއުފުލުމުން ފުލުހުންވަނީ 64 މީހުން މިހާތަނަށް ހައްޔަރުކޮށްފައެވެ.
އިންޑިއާގެ މީޑިއާއިން ރިޕޯޓްކުރާގޮތުގައި، ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރްމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި ނުރުހުން ފާޅުކުރަން މުސްލިމުން މަގުތަކަށް ނުކުތުމުން ހިނގި ކުރިމަތިލުންތަކުގެ ތެރޭގައި އިއްޔެގެ ނިޔަލަށް އުއްތަރް ޕްރަދޭޝްއިން 230 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ، އާންމު މަސްލަހަތު ނަގާލުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނެވެ.
ސްޓޭޓް ސަރުކާރުން ފޮނުވައިގެން ފުލުހުންގެ ހިމާޔަތުގައި މުނިސިޕަލް ޓީމުތަކުން ހަލާކުކުރަން ފަށާފައިވަނީ، ކުރިމަތިލުންތަކުގެ ތެރޭގައި ހައްޔަރުކުރި މުސްލިމުންގެ ގެދޮރެވެ.
ސަހާރަންޕޫރުގައި މުސްލިމުންގެ ގެދޮރު ހަލާކުކުރަން ފަށާފައިވާއިރު، ކާންޕޫރުގައިވެސް ބުލްޑޯޒަރުތައް ނެރެގެން މުސްލިމުންގެ ގެދޮރު ހަލާކުކުރަން ފަށާފައި ވެއެވެ. މިއީ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުން، ޖޫންމަހުގެ 3 ވަނަ ދުވަހު ކާންޕޫރުގެ މަގުތަކަށް ނުކުތް މުސްލިމުންގެ ތެރެއިން ފުލުހުން ހައްޔަރު ކުރި މީހުންގެ ގެދޮރެވެ.
އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޔޯގީ އަދިތިޔަނާތުގެ އޮފީހުން ބުނީ، ދެކޮޅުވެރި އަމަލުތައް ހިންގާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު ފުލުހުންނަށް ދީފައިވާ ކަމަށެވެ.
އެކަމަކު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ މައްޗަށް ކުށް ސާބިތު ނުވަނީވެސް އެމީހުންގެ ގެދޮރު ހަލާކުކުރެވޭނީ ކޮން ގޮތަކަށްތޯ ޚުދު އިންޑިއާގެ ބައެއް ޓީވީ ޗެނަލްތަކުންވެސް ސުވާލު އުފައްދަމުން އެބަގެންދެއެވެ. ކުށެއް ސާބިތު ނުވަނީސް އަދަބުދެވޭނީ ކޮން ގޮތަކަށްތޯވެސް ސުވާލު އުފައްދައެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ނުޕޫރް ޝަރްމާ ބީޖޭޕީން ސަސްޕެންޑްކުރުން، ހިންދޫންގެ ނުރުހުން ބީޖޭޕީއަށް އަމާޒުވުމުން، ފޯކަސް އަނބުރާލަން އިންޑިއާ ސަރުކާރުން ގެންދަނީ މުސްލިމުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުންނެވެ.
އެގޮތުން، ނަފްރަތު އުފެދޭ ވާހަކަ ދެއްކި ކަމަށްބުނެ މުސްލިމް ބައެއް ލީޑަރުންނާއި، މުސްލިމް ނޫސްވެރިންގެ ނަންތައް ހާމަކޮށް ތަހްގީގުފަށަން ނިންމާފައި ވެއެވެ. މުސްލިމުން ކުށްވެރިވީ ރަސޫލާއަށް ފުރައްސާރަކުރުމުން އެކަން ކުށްވެރިކޮށް ވާހަކަ ދެއްކުމުންނެވެ.
މުސްލިމުންގެ ގެދޮރު ހަލާކުކުރަން ފެށި އުއްތަރް ޕްރަދޭޝްގައި ވެރިކަންކުރަނީވެސް ބީޖޭޕީންނެވެ.
ތިއީ އިޒްރޭލުން ދަސްކޮށްގެން އުޅޭ އުކުޅެއް