ގައުމީ ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މިއަދު ރަސްމީކޮށް ފަށައިފިއެވެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް ރަސްމީކޮށް މިފެށީ މިދިޔަ މެއިމަހުގެ ދެވަނަ ދުވަހުން ފެށިގެން ހދ އަތޮޅުގައި ޓެސްޓް ފެރީ ދަތުރުތަކެއް ބޭއްވުމަށް ފަހުއެވެ.

އާރްޓީއެލް ހިދުމަތް ފެށުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީން ވަނީ ގައުމީ ފެރީގެ ނިޒާމު މިއަދު ރަސްމީކޮށް ފެށޭނެކަން އިއުލާނު ކޮށްފައެވެ.

މިއަދުން ފެށިގެން ފެރީގެ ހިދުމަތް ދޭނީ އުތުރުގެ 41 ރަށެއްގައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އެއީ އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ އަތޮޅާއި ހދ އަތޮޅު އަދި ށ އަތޮޅުގެ ރަށްތަކުގައެވެ.

އެމްޓީސީސީން ބުނީ އާރްޓީއެލް އެޕްލިކޭޝަންގައިވާ ޕޯޓަލްގެތެރެއިން ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކަށް ޓިކެޓް ބުކްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންގުޅޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފްލީޓްގައި ހިމެނޭ ދުވެލި ބާރު ފެރީ ތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އަދި ޕަސެންޖަރުންނަށް ފަސޭހަކަމާ އެކު ތިބެވޭ އުޅަނދުތަކެކެވެ.

ފެރީތަކުގައި މޯބައިލް ފޯން ޗާޖު ކުރެވޭނެ ގޮތާއި ފާހާނާ އާއި ލަގެޖަށް ހާއްސަ ކުރެވިފައިވާ ޖާގަވެސް ހުރެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފެރީތަކުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވެއެވެ.