ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވެރިކަން ހޯއްދަވަން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެހީ ހޯއްދެވި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މޫސަ މިފައިން ވިދާޅުވެފައި މިވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖުލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމާ ބައްދަލު ކުރައްވަން ރައީސް ސާލިހް މާމިގިއްޔަށް ވަޑައިގަތުމުން އެކަމާ، ރައީސް ނަޝީދު ނުރުހުން ފާޅު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ސާލިހަށް އިޝާރާތް ކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހްގެ ރިޔާސީ ކެންޑިޑެސީ ކުރިއަށް ގެންދެވޭނީ ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއްގެ މައްޗަށް ކަމަށް ކަމަށެވެ. އަދި ރައީސް ސާލިހް ރިޔާސީ ދެވަނަ ދައުރަކަށް ކެންޑިޑެސީ އިއުލާން ކުރެއްވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާ މަޝްވަރާ ނުކުރައްވައި ކަމަށެެވެ.
މިކަމާ ގުޅިގެން އެމްޑީޕީ އުފެއްދުމުގައިވެސަ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ރީކޯ މޫސާ މަނިކު ވިދާޅުވީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ޤާސިމްގެ އަރިހަށް ރައީސް ނަޝީދު ވަޑައިގެންނެވި ކަމަށެވެ.
އެގޮތުން މޫސަ ކުރެއްވި ޓްވީޓުގައި ވިދާޅުވީ 2013 ވަނަ އަހަރު ނަޝީދަށް ވެރިކަން ހޯދައިދޭން ވެގެން އޭރުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މިހާރު ވެރިކަމުގައި ހުންނެވި ރައީސް ސާލިހްގެ އަތްޕުޅަށް ޗެކެެއް ދިނުމަށްފަހު ޤާސިމްގެ ގެކޮޅު، މާފަންނު ވިލާއަށް ފޮނުއްވި ކަމަށް ޤާސިމް ޓީވީގައި ވިދާޅުވިއަޑު އެއްސެވި ކަމަށެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ގާސިމް ޖަރުމަނުގައި ހުންނަވަނިކޮށް ރައީސް ނަޝީދު ގުޅުއްވި ކަމަށް ގާސިމްް ވިދާޅުވި ކަމަށް މޫސަ ވިދާޅުވިއެވެ.
ރައީސް ސާލިހް ވަނީ މިދިޔަ ހުކުރު ދުވަހު މާމިގިއްޔަށް ވަޑައިގެން އެރަށް ކައިރީގައި އޮންނަ ސަން އައިލެންޑް ރިސޯޓްގައި ޤާސިމް އިބްރާހީމާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެެވެ. މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް ރައީސް ސާލިހް ޤާސިމް އިބްރާހީމާ ބައްދަލު ކުރައްވާފައިވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ ތެރެއިން ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވުމަށްފަހުއެވެ.
ރައީސް ސާލިހް ވިދާޅުވީ އެމްޑީޕީ އިސްވެ ހަދާ ކޯލިޝަނެއްގެ ތެރެއިން އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައިފިނަމަ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.