މޯލްޑިވްސް ޕެންޝަން އޮފީހާއި ވިލާ ކޮލެޖް ގުޅިގެން ޒުވާނުން މާލީގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ޕްރޮގުރާމް ހިންގަނީ ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކޮށް، ފަހަށް ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުން ފަދަ ކަންކަން ކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، އިގްތިސާދީ ގޮތުން ބާރުވެރި ޖީލެއް ބިނާކުރުމުގެ މަގްސަދުގައެވެ.
މި ޕްރޮގުރާމް ބޮޑަށް އަމާޒުކުރަނީ ވިލާ ކޮލެޖުގެ ދަރިވަރުންނަށް ނަމަވެސް މި ޕްރޮގުރާމްގެ ދަށުން އެހެން ކޮލެޖު، ޔުނިވާސިޓީތަކުގެ ދަރިވަރުންނާއި ޒުވާނުންނަށް މައުލޫމާތު ދިނުމަށް އެކި ކަންކަން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމާއި މައުލޫމާތު ދިނުމުގެ ސެޝަންތަކާއި ސެމިނާތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ޕެންޝަން ނިޒާމު ކުރިއެރުވުމަށް ބޭނުންވާ ދިރާސާތައް ކުރުން ފަދަ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ރޭވިފައިވެއެވެ.
ޕެންޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބެވެ. ޕެންޝަން އޮފީހުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އޮފީހުގެ އެކްޓިން ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމެވެ.