ހުޅުމާލޭ އުތުރު އަވަށުގައި ހުންނަ ސްޓެލްކޯގެ ހިޔާ ފްލެޓްތައް އަންނަ މަހުގެ މެދުތެރޭގައި މުވައްޒަފުންނާއި ހަވާލުކުރަން އަމާޒު ހިފާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، ސްޓެލްކޯ ހިޔާ ފްލެޓްތަކުގެ މަސައްކަތް އަވަސް ކުރުމަށް ސްޓެލްކޯއިން ދަނީ ކުންފުނީގެ އަމިއްލަ ޚަރަދުގައި ޓަވަރަށް ކަރަންޓު ގުޅުމުގެ މަސައްކަތް ކުރަމުންނެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓްއެޅުމަށް ގިނަ ކުންފުނިތަކަކުން ބައިވެރިވި ނަމަވެސް މީގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަނީ 4 ކުންފުންޏަކުންނެވެ. އެއީ ސްޓެލްކޯއާއި، އެމްޑަބްލިއުއެސްސީ، އެމްޕީއެލް، އެމްއޭސީއެލްއިންނެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ކުންފުނިތަކުގެ ބެލުމުގެދަށުންނެވެ. ނަމަވެސް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ކޮންޓްރެކްޓަރުންނާއެކު ހަދާ އެއްބަސްވުންތަކުގެ ދަށުންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކުންފުނިތަކުން ތަރައްޤީކުރާ ގިނަ ޓަވަރުތަކުގެ މައިގަނޑު މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މިހާރު ނުނިމި ވަނީ ޓަވަރުތަކަށް ބޭނުންވާ ފެނާއި ކަރަންޓާއި ނަރުދަމާ ފަދަ ޔުޓިލިޓީ ޚިދުމަތްތައް ގުޅުމެވެ. މިމަސައްކަތްތައް އެޗްޑީސީން ހަވާލުކޮށްފައިވަނީ ބޭރުގެ ކުންފުންޏަކާއެވެ.

ނަމަވެސް މީގެ ގިނަ މަސައްކަތްތަކެއް އަދިވެސް ހުރީ ނުފެށިއެވެ.

ސްޓެލްކޯއިން މަޢުލޫމާތުދޭ ގޮތުގައި އެކުންފުނީގެ ފްލެޓްތަކަށް ކަރަންޓު ގުޅާ ނިމި، އަންނަ މަހުގެ މެދުތެރޭގައި ފްލެޓްތައް ހަވާލުކުރުމަށްވަނީ ނިންމާފައެވެ.

މި ފްލެޓްތައް ހަވާލުކުރަނީ ފިނިޝިންގެ ހުރިހާ މަސައްކަތްތައް ނިންމުމަށްފަހުއެވެ. އެގޮތުން މުށިޖެހުމާއި، ފާޚާނާއާއި އަދި ބަދިގެ ކަބަޑުސެޓުވެސް ހުންނާނީ ނިމިފައެވެ.