ދިވެހިރާއްޖޭގެ ކުރިމަގު ބިނާވެފައިވަނީ ވެށީގެ ރައްކާތެރިކަމުގެ މައްޗަށް ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ގެންގުޅެން ޖެހޭ ކަމަށް ސްޕެޝަލް އެންވޯއި ފޯރ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހިމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

ސަބްރާ މިފަދައިން ވިދާޅުވީ ޔޫއެންޑީޕީގެ "އައިލެންޑް ލައިފް މެގަޒިން" ގެ 6 ވަނަ އަދަދު ނެރެދެއްވާ ވާހަކަ ދައްކަވަމުންނެވެ.

ސަބްރާ ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ވެށީގެ ރައްކާތެރިކަމަކީ ރާއްޖޭގެ ކުރިމަގާއި ސީދާ ގުޅިފައިވާކަމެއްކަމަށާއި، އެހެންނަމަވެސް ރާއްޖޭގައި ހިންގާ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގުމުގައި މިހާރުވެސް ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ބަރޯސާވުމުގައި ގޮންޖެހުންތަކެއް ހުރިކަމަށެވެ.

އެގޮތުން، ރަށްރަށުގައި ތަރައްގީކުރަމުންދާ ބަނދަރުތައް ތަރައްގީކުރަންޖެހިނީ ރަށްރަށުގެ ވަށައިގެންވާ ވެލިގަނޑު ދައުރުކުރާނެ ފަދަ ގޮތަކަށް ނަމަވެސް އެއީ ޚަރަދު ބޮޑު އަދި އެކަމަށް ރައްޔިތުންގެ އެއްބަސްވުންވެސް ނުލިބޭ ކަމެއްކަމަށް ސަބްރާ ވިދާޅުވިއެވެ. ދިރާސާތަކުން ހާމަވަމުންދަނީ ހަމައެކަނި ބަލަން ތިބެންވެން ނެތް ހަގީގަތެއްކަން ފާހަގަކުރައްވައި ސަބްރާ ވިދާޅުވީ، ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައިވެސް ތިމާވެށީގެ މައްސަލަތަކުގައި އަޑުއުފުލަނީ މިއީ ދިވެހިންގެ ކުރިމަގާއި ގުޅިފައިވާ ކަމެއްކަމުގައިވާތީ ކަމަށެވެ.

ޔޫއެންޑީޕީން ނެރުނު "އައިލެންޑް ލައިފް މެގަޒިން" އަކީ ރާއްޖޭގެ ތަރައްގީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ޔޫއެންޑީޕީން ރާއްޖޭގައި ހިންގަމުންދާ ޕްރޮގްރަމްތަކާއި ގުޅޭ މައުލޫމާތު ހިމެނޭހެން ޔޫއެންޑީޕީން އަހަރަކު އެއްފަހަރު ނެރެމުން އަންނަ މެގަޒިންއެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމާއި ގުޅޭގޮތުން ރާއްޖޭގެ އޮޕަރޭޓްކުރާ އެއަރލައިންތަކާއި ދެމެދު ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މިއެއްވަސްވުމުގެ ދަށުން ދިވެހިންނާއި އަދި އެއަރލައިންތަކުން ޚިދުމަތް ހޯދާ ފަތުރުވެރިން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ޔޫއެންޑީޕީއާއި ގުޅިގެން މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ.