ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަރކާޑާއި ގުޅިގެން ރާއްޖޭގައި އިންޓަރގްރޭޓެޑް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމްކުރަން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ޓްރާންސްޕޯޓް ހިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން މާސްޓަރކާޑު ވެގެންދާނީ ރާއްޖެ ޓްރާންސިޓް ލިންކް (އާރުޓީއެލް) ދަށުން ޓްރާންސިޓް ކާޑުގެ އެކްސްކުލޫސިވް ޕޭމަންޓް ނެޓްވޯކަށެވެ.
މާސްޓަރކާޑް އިން ޓްރާންސިޓް އާއި ގުޅުން ހުރި ޕޭމަންޓް ހެދުމަށް ބީއެމްއެލް އިން ގަބޫލުކުރާ އެހެން ހުރިހާ ނެޓްވޯކެއް މެދުވެރިކޮށް ޕޭމަންޓް ހެދޭނެ ނިޒާމްވެސް ގާއިމްކޮށްދޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
އޯޕަން ލޫޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން، ދަތުރު ކުރާ ފަރާތްތަކުން ފައިސާ ދެއްކުމަށް ގިނަ ކާޑުތަކެއް ބޭނުންނުކޮށް އެއް ކާޑަކުން ފައިސާގެ ހުރިހާ މުއާމަލާތެއް ކުރެވޭނެއެވެ. މި ކާޑު ޓޮޕް އަޕް ކުރުމަށް އިތުރު އިންފްރާސްޓްރަކްޗަރ ބޭނުން ކުރަން ނުޖެހުމާއެކު ދަތުރުވެރިންނަށް އިތުރު ހަރަދެއް ކުރަން ނުޖެހޭނެ ކަމަށްވެސް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ.
މިއާއެކު ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަކަން ލިބި ހިދުމަތާމެދު ހިތްހަމަޖެހުން ލިބި އޯޕަން ލޫޕް ސިސްޓަމުގެ އެހީގައި މުވައްސަސާތަކަށް ދަތުރުކުރާ ފަރާތްތަކުގެ އަދަދު ތަކާއި އިތުރު އެހެނިހެން މައުލޫމާތު ވަގުތުން ބަލާލެވޭނެއެވެ. މިކަމުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެއެވެ.
ދާދި ފަހުން އިފްތިތާހު ކުރެވުނު މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި، ހދ. އަތޮޅުގެ ގެ 14 ރަށެއް ވަނީ އޯޕަން ލޫޕް ޓެކްނޮލޮޖީއާ ގުޅާލެވިފައެވެ. އަދި ކަނެކްޓިވިޓީ ގެ މަސައްކަތް ނިމުމަކަށް އަންނައިރު، މި ޓްރާންސިޓް ސޮލިއުޝަން މެދުވެރިކޮށް 41 ރަށެއް ގުޅާލެވޭނެއެވެ. މި ޕްރޮޖެކްޓްގެ ކުރިއަށް އޮތް ފިޔަވަހީގައި، ރާއްޖޭގައި ދަތުރުފަތުރު ގެ އެންމެ ބާރު ބޮޑު މާލެ އަދި ހުޅުމާލެއަށް އޯޕަން ޓެކްނޮލޮޖީ ފުޅާކުރެވި ބަސް އަދި ފެރީގެ ހިދުމަތް ހިމެނިގެންދާނެއެވެ.
މި ޕާރޓްނާޝިޕް އާއި ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓްގެ މުހިންމުކަން މިވަނީ ހާމަވެފައި ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ މާސްޓަރކާޑާއެކު ބީއެމްއެލުން ދަމަހައްޓަމުންގެންދާ ޕާރޓްނާޝިޕް އިތުރަށް ފުޅާކޮށް އެމް.ޓީ.ސީ.ސީގެ ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރެވޭ އޯޕަން ލޫޕް ޓްރާންސިޓް ކާޑު ތައާރަފް ކުރެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
މާސްޓަރކާޑުގެ ކަންޓްރީ މެނޭޖަރ، ސްރީލަންކާ އެންޑް މޯލްޑިވްސް، ސަންދުން ހަޕުގޮޑަ ވިދާޅުވީ ދިވެހިންނަށް ވޯލްޑް ކްލާސް ސޮލިއުޝަންސް ހޯދައިދިނުމަށް ރާއްޖޭގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެވޭ ކަމީ މާސްޓަރކާޑަށް ލިބޭ ޝަރަފެއް ކަމަށާއި މާސްޓަރކާޑުން ވަރަށް ގިނަ ސަރުކާރުތަކާއެކު މަސައްކަތްކޮށް ދުނިޔޭގެ 150 ސިޓީއެއްގައި ދަތުރުވެރިންގެ ކޮންމެ ދުވަހެއްގެ ދަތުރުތަކަށް މިދަނީ ލުއިފަސޭހަކަށް ފޯރުކޮށްދެމުން ކަމަށެވެ.
އަދި މި ހިދުމަތް ފޯރުކޮށްދީ ރާއްޖޭގައި ޑިޖިޓަލްކޮށް ހިދުމަތް ދިނުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބައިވެރިވެވޭ ކަމީ އަޅުގަނޑުމެން ފަހުރުވެރިވާކަމެއް ކަމަށާއި ދަތުރުވެރިންނަށް ލުއިފަސޭހަކަމެއް ލިބިގެންދިއުމުގެ އިތުރުން އޯޕަން ލޫޕް މާސްޓަރކާޑު ޓްރާންސިޓް ސޮލިއުޝަންސް ސިސްޓަމް މެދުވެރިކޮށް ރާއްޖޭގެ ސޯޝިއޯ-އިކޮނޮމިކް ގޯލް ކާމިޔާބު ކުރުމަށްވެސް އެހީތެރިވެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި، ބީއެމްއެލް އިން ދަނީ އައު ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފް ކުރުމުގައި ފައިތިލަ ސާބިތުކުރަމުންނެވެ. މިގޮތުން އޯޕަން ލޫޕް ޓްރާންސިޓް ކާޑު ސިސްޓަމަކީ މާސްޓަރކާޑު ފަދަ ކުންފުނިތަކާ ގުޅިގެން ބޭންކުން ތައާރަފް ކުރާ އީޖާދީ ހިދުމަތެކެވެ.