ޓައިވާން މިނިވަންވިޔަނުދީ ހިފެހެއްޓުމަށް ކުރެންއޮތް ހުރިހާ މަސައްކަތެއް ކުރާނޭ ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ދިފާއީ ވަޒީރު ޖެނެރަލް ވެއި ފެންގޭ ވިދާޅުވީ، ޓައިވާން މިނިވަންވުމަށް ކުރާ މަސައްކަތާ ދެކޮޅަށް އެންމެ ފަހު ވަގުތާ ޖެހެންދެން ޗައިނާއިން "ފައިޓް" ކުރާނޭ ކަމަށެވެ.

ޗައިނާގެ ދިފާއީ ވަޒީރު މިމޭރުމުން ވާހަކަފުޅު މިދެއްކެވީ، ޓައިވާންގެ މައްސަލާގައި ޗައިނާއާއި އެމެރިކާގެ އަރާރުން ވަރަށް ބޮޑަށް ހޫނުވެ، ހަނގުރާމައިގެ ބަސްތައް ބަދަލުކޮށް، ދެގައުމުގެ ގުޅުން ހަތަރުއަނގޮޅިއަކަށް ވާސިލްވެފައިވާ ވަގުތެއްގައެވެ.

ޗައިނާއިން ދެކެނީ، ޒަތީ ވެރިކަމެއްކުރާ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށެވެ.

މަސްރަހް ހޫނުވެ، ޗައިނާއާއި އެމެރިކާއާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކޮށް އަޑުގަދަ ވެގެންދިޔައީ، ޓައިވާން ކައިރީގައި ޗައިނާއިން ހިންގާ އަސްކަރީ ހަރަކާތްތައް އިތުރުވެގެން ދިއުމާ ގުޅިގެންނެވެ.

މިމައްސަލާގައި، "ޝަންގްރިއްލާ ޑައިލޮގް" ގެ ނަމުގައި ބޭއްވި ސަލާމަތީ ކަންކަމާ ގުޅޭ ސަމިޓްގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ޗައިނާ ކުށްވެރިކުރައްވައި ވާހަކަފުޅު ދެއްކެވުމުން އެ ސަމިޓްގައި ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގޭ ވިދާޅުވީ، ޗައިނާގެ ކިބައިން ޓައިވާން ވަކިކުރުމަށް މަސައްކަތް ކުރެވޭތީ، ޗައިނާއަށް އިތުރު ޗޮއިސްއެއް ނެތް ކަމަށެވެ.

"ކޮންމެފަދަ އަގެއް ދޭންޖެހުނަސް އަޅުގަނޑުމެން ފައިޓްކުރާނަން. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އަޅުގަނޑުމެން ފައިޓްކުރާނަން"
ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގޭ

ޗައިނާގެ މިނިވަންކަމާއި އިސްތިގްލާލު ދިފާއުކުރުމުގައި ޗައިނާގެ ސަލާމަތީ ބާރުތަކަށް ލިބިފައިވާ ގާބިލްކަމާމެދު އެއްވެސް ފަރާތުން ޝައްކު ކޮށްގެން ނުވާނޭ ކަމަށްވެސް ވެއި ފެންގޭ ވިދާޅުވިއެވެ.

ޗައިނާ ބައިބައިކޮށް ޓައިވާނަށް މިނިވަންކަން ހޯދައިދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް އާޚިރުގައި ލިބޭނޭ އެއްވެސް މޮޅެއް ނޯންނާނެ ކަމަށްވެސް ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވިއެވެ.

ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވީ، ޗައިނާއާއެކު އޮންނަ ގުޅުންތައް ރަނގަޅު ކުރުމަކީ އެމެރިކާގެ އަތްމަތީގައިއޮތް ކަމެއް ކަމަށެވެ.