ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އަތުން ރެއާލް އަށް ލިބުން މޮޅު ހައްގު ނޫންކަމަށް، ލިވަޕޫލްގެ އިތުބާރު ފޯވާޑް މުހައްމަދު ސަލާހް ބުނެފިއެވެ.

ފްރާންސްގެ ޕެރިހުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުން ލިވަޕޫލްގެ މައްޗަށް ރެއާލް މެޑްރިޑުން ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ދެވަނަ ހާފުގައި މެޗުގެ 59 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއަރ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ސަލާހްވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ރެއާލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. އެހެންނަމަވެސް މިފަދަ ކޮންމެ ހަމަލާއެއްވެސް ގޯލަށް ވަނުމަށް ހުރަހަކަށްވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ރެއާލްގެ ކީޕަރު ތިބޮއު ކޯޓުއާ އެވެ.

ރެއާލް އަތުން ލިވަޕޫލް ބަލިވެ ޗެމްޕިއަންސް ލީގު ނިންމާލިއިރު، ސީޒަނުގެ ޕްރިމިއަރ ލީގުގައިވެސް ލިވަޕޫލަށް ލިބުނީ ދެވަނައެވެ. އެހެންނަމަވެސް ސީޒަނުގައި ލިވަޕޫލުން ވަނީ އެފްއޭ ކަޕާއި ކަރަބާއޮ ކަޕް ކާމިޔާބުކޮށްފައެވެ. މި ކާމިޔާބީ ތަކުގައި ސަލާހްގެ ހިއްސާ ބޮޑެވެ. ސީޒަނުގައި މި ހަތަރު މުބާރާތުގެ ތެރެއިން ސަލާހް ވަނީ ލިވަޕޫލަށް ޖުމްލަ 31 ލަނޑު ކާމިޔާބު ކޮށްދިފައެވެ.

ފައިނަލުގައި ލިވަޕޫލުން ރެއާލް އާއި ދެކޮޅަށް ކުޅުނުއިރު ސަލާހް ވަނީ ރެއާލް އަށް ފައިނަލުގެ ޖާގަ ލިބުމުގެ ކުރިން، ފައިނަލުގައި ރެއާލް އާއި ދެކޮޅަށްކުޅެ ބަދަލުހިފަން ބޭނުންވާ ކަމަށް ބުނެފައެވެ. ސަބަބަކީ 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައިވެސް ރެއާލް އާއި ދެކޮލަށް ކުޅެ ލިވަޕޫލް ބަލިވިއިރު، މެޗުގައި އަނިޔާގެ ސަބަބުން ބޮޑުބައެއް ސަލާހް އަށް ނުކުޅެވޭތީއެވެ.

ރެއާލް އާއި ދެކޮޅަށްކުޅެ ބަލިވުމަކީ ސަލާހް އަށް ގަބޫލުކުރަން ދަތިވެފައިވާ ކަމަކަށްވާއިރު، ފްރާންސް ފުޓްބޯލް އަށްދިން އިންޓަވިއު އެއްގައި ދާދިފަހުން ސަލާހް ބުނީ، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މޮޅުވުން ހައްގީ ލިވަޕޫލް ކަމަށެވެ. އެގޮތުން ސަލާހް ބުނީ، މެޗުގައި މޮޅަށް ކުޅުނީވެސް، އަދި ފުރުސަތުތައް ތަނަވަސްކޮށް ރަނގަޅު ހަމަލާތަކެއްވެސް އުފައްދާފައިވަނީ ލިވަޕޫލް ކަމަށްވުމުން މިއީ ލިވަޕޫލްގެ ޓްރޮފީއަކަށްވުން ހައްގު ކަމަށެވެ. އަދި ރެއާލް އަށް ލިބުނު ކާމިޔާބީގެ ހަގީގީ ހިއްސާދާރަކީ ކޯޓުއާކަންވެސް ސަލާހް ފާހަގަކުރިއެވެ.

ސަލާހް ވަނީ ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ ސީޒަނުގައި ދެއްކި މޮޅު ކުޅުމަށް ތައުރީފު ކޮށްފައެވެ. އަދި ބެންޒެމާ އަކީ ހަމައެކަނި ރެއާލްގެ ލަނޑުތައް ޖަހައިދޭ ކުޅުންތެރިއާ އެކަނި ނޫން ކަމާއި، ޓީމުން ހޯދާ ކާމިޔާބީގައި، ޓީމުގެ ހުރިހާ ޕޮޒިޝަނެއްގައިވެސް ބެންޒެމާގެ ހިއްސާ ބޮޑުކަން ސަލާހް ފާހަގަކުރިއެވެ.

މީގެއިތުރުން ސަލާހް ވަނީ މިއަހަރުގެ ބެލަންޑޯގެ އުންމީދުގައި ހުރިކަން ހާމަކޮށްފައެވެ. އަދި މި އުންމީދަށް އޮތް ހަމައެކަނި ހުރަހަކީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް އަތުންވީ ބަލިކަމަށް ސަލާހް ބުންޏެވެ. އެހެންނަމަވެސް ފައިނަލް މެޗުގައި އޭނާއަށް މޮޅު ކުޅުމެއް ދެއްކުނުކަމަށް ގަބޫލުކުރާ ކަމަށްވެސް ސަލާހް ބުންޏެވެ.

އެހެންކަމުން ފާއިތުވީ އަހަރެއްގާ ދުވަހުގެ ތެރޭގައި ކުރި ހުރިހާ މަސައްކަތަކަށް އެންމެ މެޗެއްގެ ނަތީޖާ އަސަރުކޮށްފާނެކަމަށް ގަބޫލު ނުކުރާ ކަމަށާއި، އިންތިޒާރު ކުރަނީ ބެލަންޑޯ އެވޯޑުގެ ވޯޓުލުމަށް ކަމަށް އަދި މިއަހަރު އެވޯޑު ނުލިބިއްޖެނަމަ ދެން އަންނަ އެވޯޑަކަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށްވެސް ސަލާހް ބުނެފައިވެއެވެ.