ގދ. ތިނަދޫގައި މަސްބަންދުކުރާ ކާރުހާނާއެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނާދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ އެ ޕްރޮޖެކްޓް ހަވާލުކުރީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބުކުރި އަޒްރޯވާ މޯލްޑިވްސްއަށް ކަމަށެވެ. އަދި އެ ޕްރޮޖެކްޓަށް ހުޅުވާލި އިރު ބެލީ ވީހާވެސް ބޮޑަށް ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ބަލައިގެން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މަސްބަންދުކުރާ ކާރުހާނާއެއް އެޅުމަށް ތިނަދޫ ކައުންސިލުން، އަޒްރޯވާ މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ ހޮނިހިރު ދުވަހު ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މަސްދަޅު ތައްޔާރުކުރާ ފެކްޓްރީގެ އަމަލީ މަސައްކަތުގެ ބޮޑު ބައެއް މިއަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިތަނުގެ ސަަބަބުން ތިނަދޫގައި މަދުވެގެން 150 ވަޒީފާ ވެސް އުފެދޭނެ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަޒްރޯވާ މޯލްޑިވްސްއާ ހަވާލުކުރި ފެކްޓަރީ އަކީ 25 ޓަނުގެ ދަޅުމަސް ބަންދުކުރެވޭނެ ކެޕޭސިޓީ ހުންނާނެ ތަނެކެވެ. މި ޕްރޮޖެކްޓްގައި ތެރޭގައި ހިމަނައިގެން 1،500 ޓަނުގެ މަސް ފިނިކުރާ ނިޒާމެއް ވެސް ގާއިމުކުރާނެއެވެ.

ތިނަދޫގައި ދަޅުގައި މަސްބަންދުކުރާ ފެކްޓްރީ ހަދަނީ 230،000 އަކަފޫޓުގެ ބިމެއްގައެވެ. އަދި މި ޕްރޮޖެކްޓްގެ އަގު ގާތްގަނޑަކަށް 200 މިލިއަން ރުފިޔާއަށް ހަރަދުވާ ކަމަށް ބެލެވޭ ކަމަށް ކައުންސިލުން ބުނެއެވެ.