1443 ވަނަ އަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް ކަމާގުޅޭ މުއައްސަސާތަކާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، ޙައްޖު ކޯޕަރޭޝަނުންނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި، މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީންނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީންނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ބައިވެރިވެޑައިގެންނެވި ކަމަށް އިސްލާމިކް މިނިސްޓްރީ މައުލޫމާތުދެއެވެ.

މިބައްދަލުވުމުގައި ހައްޖުވެރިންނަށް ފްލައިޓްތައް އޮންނަ ގަޑިތަކަށް ފަސޭހައިން އެއަރޕޯޓާހަމައަށް ދިއުމުގައި އަމަލުކުރާނެ ގޮތްތަކާއިމެދު މަޝްވަރާކުރެވިފައިވެއެވެ. އަދި ހައްޖުވެރިންނަށް މާލެތެރެއިން ދަތުރުކުރުމުގައި ފަސޭހަކޮށްދިނުމާއި، ހައްޖުވެރިންނަށް ޓްރާންސްޕޯޓް ހަމަޖެއްސުމާއި، ހައްޖުވެރިން އެއަރޕޯޓުގެ ތެރޭގައި ތިބޭ ވަގުތު އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައިވާ ކަމަށް މިނިސްޓަރީން މައުލޫމާތުދެއެވެ.

މިނިސްޓަރީން ބުނީ މިދުވަސްވަރު މޫސުމަށް އަތުވެދާނެ ބަދަލަކަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މިފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެއީ މި ހިނގާ ޖޫންމަހުގެ 26 ވަނަ ދުވަހާއި، 29 ވަނަ ދުވަހާއި، ޖުލައި މަހުގެ 2 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުން ކަމަށް މިނިސްޓަރީން މައުލޫމާތުދެއެވެ.

ހައްޖުވެރިން ދަތުރުކުރާ ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ 26 ވަނަ ދުވަހުގެ ރޭގަނޑުއެވެ.