ޗައިނާގެ ވެރިރަށް ބެއިޖިންގުން ކޮވިޑްގެ ބޮޑު ކްލަސްޓަރއެއް ފެނިގެން އެތައް މިލިއަން މީހުން ޓެސްޓްކުރުމާއި، ލޮކްޑައުންއާ ކުރިމަތިލާން ޖެހިއްޖެއެވެ.
ކޮވިޑްގެ އައުޓްބްރޭކެއް ފެތުރެން ފަށާފައިވަނީ ބެއިޖިންގުގައި ހުންނަ މަޝްހޫރު ހެވަން ސުޕަރމާކެޓް ބާރއިންނެވެ. އެތަނާ ގުޅުންހުރި 228 ކޭސް މިހާތަނަށް ފެނިފައިވާ ކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ކޮވިޑްބަލި ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅުތަކުގެ ދަށުން ބަންދުކޮށްފައި ބެހެއްޓުމަށްފަހު ހެވަން ސުޕަރމާކެޓް ހުޅުވާފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އެތަނުން ފެށުނު ކޮވިޑް، އަދިވެސް އެތައް ބައެއްގެ މެދުގައި ފެތުރެމުންދާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
އެހެންވެ، ބައެއް އިމާރާތްތަކާއި، ސަރަހައްދުތައް ބަންދުކޮށް ކަމާބެހޭ އޮފިޝަލުން ގެންދަވަނީ ސްޕްރޭވެސް ޖަހަމުންނެވެ. އަދި އެތައް މިލިއަން ބަޔަކު ޓެސްޓްކުރުމުގެ މަސައްކަތްވެސް ފަށާފައި ވެއެވެ.
ހެވަން ސުޕަރމާކެޓް ބާރއިން ބަލިޖެހުނު މީހުން ވެރިރަށް ބެއިޖިންގުގެ 16 ޑިސްޓްރިކްޓްގެ ތެރެއިން 14 ޑިސްޓްރިކްޓަކުން ފެނިފައިވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.
ޗައިނާގެ ވިޔަފާރީގެ މައި ހަބްގެގޮތުގައި ބެލެވޭ ޝަންހާއީގެ ބައެއް އަވަށްތަކުން ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް ފެނުމާއި، މަޝްހޫރު ބިއުޓީ ސެލޫނަކުން ފެނުނު ކްލަސްޓަރއެއްގެ ސަބަބުން ޝަންހާއީ އަނެއްކާވެސް ލޮކްޑައުންކޮށް އެތައްމިލިއަން މީހުން ގޭގައި ބަންދުކޮށް އެތައް މިލިއަން މީހުން ޓެސްޓްކުރަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ޝަންހާއީގެ އިތުރުން، ވެރިރަށް ބެއިޖިންގާއި، އިތުރު ރަށްތަކުން ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން ދުނިޔޭގެ ދެވަނައަށް އެންމެބޮޑު އިގްތިސާދަށް ކުރަމުންދާ އަސަރުތަކުގެ ކަންބޮޑުވުންތައް އުފެދިފައި ވެއެވެ.
ޝަންހާއީ އަލުން ލޮކްޑައުންކުރީވެސް އެތައް ދުވަހެއް ވަންދެން ލޮކްޑައުންކޮށްފައި ބޭއްވުމަށް ފަހުގައެވެ. ޝަންހާއީ ލޮކްޑައުން ކުރުމުގެ ސަބަބުންވެސް ދުނިޔޭގެ ވިޔަފާރިއަށް ބޮޑެތި ލޮޅުންތައް އަރާފައި ވެއެވެ.
ޗައިނާއަކީ ދުނިޔޭގެ ނިސްބަތުން ކޮވިޑްބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަމުންދިޔަ ގައުމެކެވެ. އެކަން ކުރަމުންދިޔައީ، އެއްފަހަރާ އެތައް މިލިއަން މީހުން ޓެސްޓްކުރުމާއި، ހަރުކަށި ލޮކްޑައުންއާއި، ދިގު މުއްދަތަކަށް މީހުން ކަރަންޓީނު ކޮށްގެންނެވެ.
ނަމަވެސް، މީހުންގެ މެދުގައި ހަލުވި ކަމާއެކު ބަލިފަތުރާ އޮމިކްރޮން ވޭރިއެންޓްގެ ޒަރީއާއިން ބަލި ފެތުރޭން ފެށުމާއެކު ޗައިނާއަކަށްވެސް އެކަން ކޮންޓްރޯލް ކުރެވޭގޮތެއް ނުވިއެވެ.